މިއަދު ނިންމާލި ގައުމީ އެތުލެޓިކްސް ޗެމްޕިއަންޝިޕް 2024 އެންމެ މޮޅު އެތުލީޓުންނަށް ދިވެހި ސިފައިން ކްލަބުގެ ފަސޫހާ އަހުމަދާއި ރައުހަތު ސްޕޯޓްސްގެ އިބާދުﷲ އާދަމް ހޮވިއްޖެއެވެ.
މިފަހަރުގެ އެތުލެޓިކްސް ޗެމްޕިއަންޝިޕްގައި ތަފާތު ދެއްކި ފަސޫހާ ވަނީ އޭނާ ވާދަކުރި ހުރިހާ އިވެންޓަކުން ރަން މެޑަލް ހޯދައިފައެވެ. އެގޮތުން އޭނާ ވަނީ އިއްޔެ އަންހެން 800 މީޓަރު ފައިނަލުގެ އިތުރުން އަންހެން ދުވުމުގެ 1500 މީޓަރު އިވެންޓުންވެސް ރަން މެޑަލް ހޯދައިފައެވެ. 1500 މީޓަރު ރޭސް ފަސޫހާ ނިންމީ ފަސް މިނެޓް، 03.51 ސިކުންތުންނެވެ. އެއީ ގައުމީ ރެކޯޑު ޓައިމިންއެކެވެ. ފަސޫހާ އަތުގައި ކުރިން ރެކޯޑު އޮތީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު، ނެޝަނަލް ގްރޯން ޕްރީގައި ފަސް މިނެޓް، 04.02 އިން ރޭސް ނިންމައިގެންނެވެ.
ފަސޫހާގެ އެ ކާމިޔާބީއަށް އޭނާ ވަނީ މިއަދު އަންހެން 400 މީޓަރު ދުވުމުގެ ރަސް މެޑަލް އިތުރުކޮށްފައެވެ. އެއީ 57.22 ސިކުންތުން ރޭސް ނިންމައިގެންނެވެ. އެ އިވެންޓްގެ ދެވަނަ ހޯދީ ޓްރެކް އެންޑް ފީލްޑް އެސޯސިއޭޝަންގެ ޒިވާ މޫސާ ޝަފީއުއެވެ. އޭނާއަށް ދުވުން ނިންމުނީ 59.98 ސިކުންތުންނެވެ. ތިންވަނަ ހޯދި ހައްވާ މުޒުނާ ފާއިޒްގެ ޓައިމިންއަކީ އެއް މިނެޓް، 1.17 ސިކުންތެވެ.
އިބާދުﷲ ދެ ރަން މެޑަލް ހޯދި އިރު، އޭނާ ވަނީ 100 މީޓަރާއި 200 މީޓަރު އިވެންޓްގައި ތަފާތު ދައްކައިފައެވެ. 200 މީޓަރުގެ ރޭސް އޭނާ ނިންމީ މީޓް ރެކޯޑަކާއެކުގައެވެ. އޭނާއާ އެންމެ ގާތުން ވާދަކުރި ސިފައިން ކްލަބުގެ ހުސައިން ފަޒީލް ހާރޫންވެސް ދެ ރަން މެޑަލް ހޯދި އިރު، މިއަދު ކުރިއަށްދިޔަ ފިރިހެން 400 މީޓަރު އިވެންޓްގެ ރަން މެޑަލް ހޯދީ، ކަސްޓަމްސް ރެކްރިއޭޝަން ކްލަބުގެ އާދަމް ރިއްފަތެވެ. އެއީ 50.45 ސިކުންތުން ރޭސް ނިންމައިގެންނެވެ.
މިފަހަރުގެ އިވެންޓްގެ އެންމެ މޮޅު ފިރިހެން ޓީމަކީ ސިފައިން ކްލަބެވެ. އެ މަގާމު މިދިޔަ އަހަރު ސިފައިން ކްލަބަށް ގެއްލުނީ ސާއިދު ސްޕޯޓްސް އިން ހޯދި ކާމިޔާބީ އާއެކުގައެވެ. ނަމަވެސް މިފަހަރު ސިފައިން ކްލަބުން ވަނީ އެ ކްލަބުގެ ތާރީހުގައި 17 ވަނަ ފަހަރަށް ފިރިހެން ޗެމްޕިއަން ޓީމުގެ މަގާމު ހޯދައިފައެވެ. އެ ކްލަބަކީ ރާއްޖޭގެ އެތުލެޓިކްސް ތާރީހުގައި އެންމެ ކާމިޔާބު ކްލަބެވެ.
މިފަހަރު އެތުލެޓިކްސް މުބާރާތުގެ އެންމެ މޮޅު އަންހެން ޓީމަކީ ޓްރެކް އެންޑް ފީލް އެސޯސިއޭޝަނެވެ. އެ ކްލަބުގެ ފަހަތުން ދެން އެންމެ ބޮޑަށް ވާދަކުރީ އައްޑޫ އެތުލެޓިކްސްއެވެ. ތިންވަނަ ޓީމަކީ ޝަރީފް ސްޕޯޓްސްއެވެ. ފިރިހެން ދެވަނަ މަގާމާއި ތިންވަނަ މަގާމަކީ ޓްރެކް އެންޑް ފީލްޑާއި ޝަރީފް ސްޕޯޓްސްއެވެ.