ބޮލީވުޑް

ދުވަސްތަކަކަށްފަހު މަޖާ ބިރުވެރި ފިލްމަކުން މިތުން ސްކްރީނަށް

ގިނަ ދުވަސްތަކެއްވަންދެން ސްކްރީނާ ދުރުގައި އުޅުމަށްފަހު މިތުން ޗަކަރްބޯތީ މަޖާ ބިރުވެރި ފިލްމެއް ކުޅެން އެއްބަސްވެއްޖެއެވެ.

މިތުން ސްކްރީން ކުރިމަތިން ގެއްލިފައިވުމުން އޭނާއަށް ބޮޑު ބައްޔެއް ޖެހިފައިވާކަމުގެ އަޑުތައްވަނީ ފެތުރިފައެވެ. ނަމަވެސް މިތުންގެ ހަގު ދަރިފުޅު، ނަމާޝީ ވަނީ އޭނާގެ ބައްޕަގެ ސިއްހަތު ރަނގަޅު ކަމުގައި ބުނެފައެވެ. ބައްޕައަށް ދިމާވެފައިވާ ހަމައެކަނި މައްސަލައަކީ ބުރަކައްޓަށް ތަދުވުން ކަމަށާއި ކެރެލާގައި އެކަމަށް ބޭސްކުރަމުން އަންނަ ކަމަށް ވެސް ވަނީ ބުނެފައެވެ. ނަމާޝީ އިތުރަށް ބުނީ އޭނާގެ ބައްޕަ ލޮސް އެންޖެލްސްއަށް ދަތުރު ކުރާ ކޮންމެ ފަހަރަކު ބައްޕަ ބަލިކަމުގެ އަޑުތައް މީހުން ފަތުރަނީކަމަށެވެ.

ޑިސްކޯ ޑާންސަށް ބޮލީވުޑްގައި އެންމެ މޮޅު އެއް ތަރި ކަމަށްވާ މިތުން ވަނީ ވަރަށް ފަހުން ޑާންސް ރިއަލިޓީ ޝޯއަކުން ގެސްޓެއްގެ ގޮތުގައި ވެސް ފެނިގެން ގޮސްފައެވެ.

ފަހުގެ ރިޕޯޓްތައް ބުނާގޮތުގައި މިތުން ވަނީ މަޖާ ބިރުވެރި ފިލްމެއް ކުޅުމަށް އެއްބަސްވެފައެވެ. ފިލްމުގެ ނަމަކީ "ބޫތިޔާޕާ" އެވެ. މަނޯޖް ޝަރްމާ ޑައިރެކްޓްކުރާ އެ ފިލްމުގައި ކޮމޭޑިއަނުންގެ ގޮތުގައި ކްރުޝްނާ އަބީޝޭކް، ސުގަންދްރާ މިޝްރާ އަދި ރަޖީވް ތާކުރް ފެނިގެންދާނެއެވެ. ފިލްމުގެ ޝޫޓިން ޖުލައި ނުވަތަ އޯގަސްޓްގައި ފެށޭނެ ކަމަށް ވެއެވެ.

މިތުންވެސް ވަނީ އެ ފިލްމު ކުޅުމަށް އޭނާ އެއްބަސްވެފައިވާކަން އިއުލާންކޮށްފައެވެ. ނަމަވެސް ފިލްމުގައި މިތުންގެ ނެށުމެއް ނުފެންނާނެކަމަށް ވެއެވެ. މަނޯޖް ބުނީ ފިލްމުގެ ސްކްރިޕްޓުގެ ގޮތުން ނެށުމުގެ ބައެއް ލެވެން ނެތް ނަމަވެސް ފިލްމުގެ ޕްރޮމޯޝަނަލް ޓްރެކް ހަދާއިރު މިތުން ލައްވައި ނެއްޓުވޭތޯ ބަލާނެކަމަށެވެ.