ޕީޖީ އޮފީސް

ރައީސް ޔާމީން ބަންދުން ދޫކުރި މައްސަލަވެސް ޕީޖީ ސުޕްރީމްކޯޓަށް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލް ގައްޔޫމުގެ ބޭންކް އެކައުންޓްތައް ފްރީޒް ކުރުން ހައިކޯޓުން ނިމުމަކަށް ގެނައި މައްސަލައިގެ އިސްތިއުނާފް މިއަދު ކުރިއަށް ގެންދަން ތާވަލް ކޮށްފައިވާއިރު، އެމަނިކުފާނު ބަންދުން ދޫކޮށްލަން ކުރި ހުކުމް ވެސް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ސުޕްރީމްކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ.

ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ހުކުމް ކުރީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި، އެމަނިކުފާނު ވެރިކަމުގައި ހުންނެވިއިރު މަނީލޯންޑަރިން ކުރައްވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައެވެ.

ކްރިމިނަލް ކޯޓުގެ އަމުރާއެކު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒްކުރިއެވެ.

ނަމަވެސް އެ އަމުރު ރައީސް ޔާމީންގެ ވަކީލުން ހައިކޯޓުގައި އިސްތިއުނާފް ކުރުމުން، ހުސްވި މާޗް މަހުގެ 31 ވަނަ ދުވަހު ކްރިމިނަލް ކޯޓުގެ އެ ހުކުމް ހައިކޯޓުން ބާތިލް ކުރިއެވެ.

މަނީލޯންޑްރިން މައްސަލައާ ގުޅިގެން ރައީސް ޔާމީން ބަނދުގައި ބަހައްޓަށް ކުރި އަމުރު ބާތިލްކޮށް އެމަނިކުފާނު މިނިވަން ކުރަން ހައިކޯޓުން ކުރި އަމުރުވެސް މިހާރު ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައެވެ.

އެކަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާއިޝަތު ބިޝާމް ކަށަވަރު ކޮށްދެއްވާފައިވަނީ، ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުންނެވެ.

ޕީޖީ ވިދާޅުވެފައިވަނީ، ރައީސް ޔާމީން ބަންދުން ދޫކޮށްލި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.

ރައީސް ޔާމީން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ، އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލައިގެ ތުހުމަތުގައި، ޝަރީއަތަށް ނުފޫޒު ފޯރުވާނެކަމަށް ބަލައި ޝަރީއަތް ނިމެންދެންނެވެ. އެ އަމުރާ ގުޅިގެން ރައީސް ޔާމީން ހައްޔަރުކޮށް ފެބްރުއަރީ 18 ވަނަ ދުވަހު ޖަލަށް ލިއެވެ.

އޭގެ ފަހުން ބަލި ހާލަތު ހުރި ގޮތުން ޑޮކްޓަރު ދެއްވާފައިވާ ލަފަޔާ އެއްގޮތަށް ވަކި ޝަރުތުތަކާ އެކު ގޭބަންދަށް މާޗް މަހުގެ 13 ވަނަ ދުވަހު އެމަނިކުފާނު ބަދަލު ކުރިއެވެ.

ނަމަވެސް ގޭ ބަންދުގައި އެމަނިކުފާނު ހުންނަވަނިކޮށް އެމަނިކުފާނު ބަންދުން މިނިވަންކުރުމަށް ހައިކޯޓުން އަމުރުކޮށްފައި ވަނީ، ހުސްވި މާޗް މަހުގެ 28 ގައެވެ.