ވިޔަފާރި

ޑޮލަރު ރިޒާވް އިތުރުކުރާނީ ރައްޔިތުން ބުރަ އުފުލަން ނުޖެހޭނެ ގޮތަކަށް: ޝަފީގް

މުހައްމަދު އިޝާން

ރާއްޖޭގެ ފޮރިން ރިޒާވް އިތުރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރާނީ ރައްޔިތުން އެކަމުގެ އެއްވެސް ބުރައެއް އުފުލަން ނުޖެހޭ ގޮތަކަށް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އިއްޔެ ވަނީ އެ ބޭންކުގެ ކާޑުގެ ޑޮލަރު ލިމިޓަށް ބަދަލުތަކެއް ގެނެސް، ރުފިޔާ އެކައުންޓުން ޑޮލަރު ނުކެނޑޭ ގޮތް ހަދައިފައެވެ. ނަމަވެސް ފަހުން އެ ނިންމުން ބަދަލުކުރިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝަފީގު ވިދާޅުވީ ބީއެމްއެލްގެ އެ ނިންމުން އައިސްފައިވަނީ އެކަން ކުރަންޖެހޭ ގޮތަކަށް ނޫން ކަމަށެވެ. އެފަދަ ބޮޑު ނިންމުމެއް ނިންމާއިރު ދުރާލައި އެކަމުގެ މައުލޫމާތު ރައްޔިތުންނަށް ދޭން ޖެހޭނެ ކަމަށް ޝަފީގު ވިދާޅުވިއެވެ. އެހެންވެ ސަރުކާރުން މިހާރު މަސައްކަތް ކުރަމުންދަނީ އެފަދަ ކަމެއް ތަކުރާރުނުވާނެ ގޮތަކަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް އޮފީހުގައި އިއްޔެ ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ވަނީ އެކަމާ ގުޅޭ ތިން ނިންމުމެއް ނިންމައިފައި ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެއީ ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން އިންކަމް ޓެކްސްއާއި ޕެންޝަން އަދި ކަސްޓަމްސް ޑިއުޓީ ޑޮލަރުން ނަގާ ގޮތަށް ގާނޫނުތައް އިސްލާހުކުރުން ކަމަށް ޝަފީގު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ބަލަނީ ޑޮލަރު ރިޒާވް އިތުރުކުރަން ޖެހިފައިވާ މި ދަނޑިވަޅުގައި ޑޮލަރު އިތުރު ކުރެވޭނެ ގޮތްތަކެއް ހޯދަން. ރައްޔިތުންނަށް އޭގެ އަސަރު އެންމެ ނުކުރާ ގޮތަކަށް ރައްޔިތުންނަށް ބުރައެއް އުފުލަން ނުޖެހޭ ގޮތަށް ޑޮލަރު އިން ފްލޯއެއް އިތުރު ކުރެވޭނީ ކިހިނެއްތޯ އަޅުގަނޑުމެން ބަލާނަން،" ޝަފީގު ވިދާޅުވިއެވެ.

އެކަންކަން ކުރެވިގެން ދިއުމުން ފޮރިން ރިޒާވްގައި ބޭނުންވާ ވަރަށް ޑޮލަރު ހުންނާނެ ކަމަށާއި އެއިރުން މިއަދު ދިމާވި ފަދަ ކަމެއް ދިމާނުވާނެ ކަމަށް ޝަފީގު ވިދާޅުވިއެވެ.