ނުކުޅެދުންތެރިކަން ހުންނަ އަންހެނެއްގެ ބޮލަށް ގޯނިމަހައި ހޮޅިދަނޑިއެއްގައި އެއްސި މައްސަލައެއް ފެންމަތިވެއްޖެވެ.
މި ހާދިސާ ހިންގާފައި ވަނީ ށ. ފޭދޫގަ އެވެ.
ނުކުޅެދުންތެރިކަން ހުންނަ އެ އަންހެންމީހާގެ ބޮލަށް ގޯންޏެއް މަހައި ހޮޅިދަނޑިއެއްގައި އައްސާފައި ހުރި ފޮޓޯތައް މީސްމީޑިއާގައި ވެސް ދަނީ ދައުރުވަމުންނެވެ.
ފޭދޫ ކައުންސިލްގެ ނައިބް ރައީސް މުހައްމަދު ޝާމިރު "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ، އެ އަންހެން މީހާގެ ބޮލަށް ގޯނިމަހައި، ހޮޅިދަނޑީގައި އައްސާފައިވަނީ މިދިޔަ ހޯމަ ދުވަހުގެރޭ ކަމަށާއި އެކަންތައް ކުރިބަޔަކު އަދި ހޯދިފައި ނުވާ ކަމަށެވެ.
އޭނާ ވިދާޅުވީ މީގެ ކުރިންވެސް އެ އަންހެންމީހާގެ މައްސަލަ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނެސްފައިވާ ކަމުގައެވެ. އެ އަންހެން މީހާގެ ފަސް ދަރީންނާއި ފިރިއަކު ހުންނައިރު އޭގެ ތެރެއިން ގިނަ ކުދީންނަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަައް ކަމަށް ޝާމިރު ވިދާޅުވި އެވެ.
ކަންސިލުން ބުނީ އެ އަންހެން މީހާ އަދިވެސް ހުރީ ރަށުގައި ކަމަށާއި ކަމާ ބެހޭ އެއްވެސް ފަރާތަކުން މި މައްސަލައާ ގުޅިގެން އެ ރަށަށް ދިޔަކަން އެނގިފައި ނުވާ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިބްރާހީމް މުހައްމަދު "ވަންއޮންލައިން"އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ށ. ފޭދޫގައި ނުކުޅެދުންތެރިކަން ހުންނަ އަންހެނަކަށް އަނިޔާކޮށްގެން އެ މިނިސްޓްރީއަށް ރިޕޯޓްކޮށްފައިވާ ކަމަށާއި، ފުލުހުންނާއި އެރަށުގެ ކައުންސިލާ ގުޅިގެން ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެ މީހާ ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.