ބޮލީވުޑް

ތަޚްތުގެ ސްކްރިޕްޓް ބަދަލުކުރިކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި

މުގަލް އީރާގައި ހިނގައިދިޔަ ހާދިސާއެއްގެ މައްޗަށް އުފައްފާ ފިލްމު ތަޚްތު ވެގެންދާނީ މިއަންނަ އަހަރު ނެރޭ އެންމެ ބޮޑު އެއް ފިލްމަށެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކޮށް ގިނަ ތަރިންތަކެއް މި ފިލްމުން ފެނިގެންދާއިރު މިހާރުވެސް ފިލްމާ ދޭތެރޭ އުންމީދުތައް ފޭނުންގެ މެދުގައި ވަރަށް ބޮޑުކަން ފާހަގަ ކުރެވެއެވެ.

ފިލްމަކީ ޝާހް ޖަހާން ގެ ދަރި ސަރާ ޝިއްކޮށް އަދި އައުރްގަންޒާބްގެ މެދުގައި ހިނގައިދިޔަ ދެބަސްވުންތަކާއި ހަނގުރާމައިގެ މައްޗަށް ހަދާ ފިލްމެކެވެ.

ފިލްމުގައި ރަންވީރު ސިންގް، ވިކީ ކުޝާލް، ކަރީނާ ކަޕޫރު ޚާން، އާލިޔާ ބަޓް، ބުމީ ޕެޑްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރު ލީޑް ރޯލުން ފެނިގެންދާނެއެވެެ. ފިލްމުގެ ޝޫޓިން މިއަންނަ ޖެނުއަރީގައި ފަށަން ވަނީ ތައްޔާރުވެފަ އެވެ.

ފިލްމުގެ ސްކްރިޕްޓަށް ބަދަލުތަކެއް ގެންނަން ނިންމާފައިވާ ވާހަކަ ވަނީ މިދޭތެރެއަކުން ވަނީ ފެތުރިފައެވެ. މީގެ އިތުރުން ފިލްމުގެ ބަޖެޓް ވެސް ކަރަން ވަނީ ކުޑަކޮށްފައިކަމަށް އަޑުތައްފެތުރިފައި ވެއެވެ. ކަލަންކް އަށް ބޮކްސް އޮފީހުގައި ލިބުނު ގެއްލުމާގުޅިގެން މިހުރިހާ ބަދަލު ތަކެއް ކަރަން ގެންނަން ނިންމީކަމަށް ވަނީ ބުނެފައެވެ. އަދި ފިލްމުގައި ވިކީގެ ރޯލުވެސް އިތުރުކުރާކަމަށް ވާހަކަތައް ފެތުރިފައިވެ އެވެ.

ނަމަވެސް ޕިންކްވިލާ އިން އިއްޔެ ފިލްމާ ގުޅުން ހުރި މީހަކާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެހުރިހާ ވާހަކަތަކަކީ ދޮގު ވާހަކަތަކެކެވެ. އެމީހާ ބުނީ ފިލްމުގެ ސްކްރިޕްޓަށްވެސް އެއްވެސް ބަދަލެއް ގެންނަން ކަރަން ނިންމާފައިނުވާ ކަމަށެވެ. ހުރިހާ ތަރިންނަށްވެސް ފޮނުވާފައިވަނީ އެއް ސްކްރިޕްޓެއް ކަމަށާއި އެއްވެސް ތަފާތު ކުރުމެއް ނުވާނެ ކަމަށް އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ފިލްމުގައި ކޮންމެ ލީޑް ތަރިއެއްވެސް ފެނިގެންދާނީ މުހިންމު ރޯލަކުން ކަމަށް އޭނާ ވަނީ ބުނެފައެވެ. ފިލްމު އުފައްދާ ފަރާތާއި ފިލްމުގެ ތަރިންގެ މެދުގައިވެސް އެއްވެސް އޮޅުމެއް ނޫޅޭ ކަމަށާއި ހަބަރުތައް ފަތުރާ ފަރާތްތަކުން ދެކޮޅުބަލައި ތެދު ވާހަކަ ފެތުރުމަށް އޭނާވަނީ އެދިފައެވެ.

މިހާރު އޮތް ގޮތުން ނަމަ ތަޚްތު ރިލީސްކުރަނީ އަންނަ އަހަރުގެ ނޮވެމްބަރުގައެވެ.