އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ އަނެއްކާވެސް ސުޕްރީމް ކޯޓަށް ހުށަހަޅައިފި އެވެ.
ޝެއިޚް އިމްރާންގެ ޖަލު ހުކުމް އިސްތިއުނާފު ކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅުމުން ކުރީން އެ ކޯޓުން ވަނީ އެ މައްސަލަ ބަލައިނުގެންފަ އެވެ.
އަދާލަތުގެ ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޝެއިޚް އިމްރާންގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް މުރާޖައާ ކޮށްދިނުމަށް އަނެއްކާވެސް އެދިވަޑައިގެންފައިވާ ކަމަށެވެ. ޝެއިޚް އިމްރާންގެ މައްޗަށް އިއްވާފައި ވަނީ 12 އަހަރުގެ ޖަލު ހުކުމެކެވެ. އޭނާގެ މައްޗަށް އެ ހުކުމް އިއްވީ އިއްވީ 2015 ވަނަ އަހަރު މާލޭގައި ބޭއްވި މޭޑޭ މުޒާހަރާގައި ޓެރަރިޒަމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަވައިފައިވާ ކަަމަށް ބުނެ ދައުލަތުން އުފުލި ދައުވާ ސާބިތުވެގެންނެވެ.
ޝެއިޚް އަލީ ޒާހިރުގެ ޓުވީޓުގައި އިތުރަށް ވިދާޅުވީ ގުޅިފައިވާ ޕާޓީ ތަކުގެ ލީޑަރުން މިނިވަންވުމަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާގެ މަސައްކަތަށް ނުހަނު ބޭނުންތެރިކަމެއް ކަމަށެވެ.