ވިޔަފާރި

އުރީދޫގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލެ ފޭސް ދޭއްގައި ހުޅުވައިފި

އުރީދޫ މޯލްޑިވްސްގެ އެކްސްޕީރިއަންސް ސެންޓަރެއް ހުޅުމާލެ ފޭސް ދޭއްގައި އިއްޔެ ހުޅުވައިފި އެވެ.

އުރީދޫގެ އާ އެކްސްޕީރިއަސް ސެންޓަރު ހުޅުވައިދެއްވީ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު އަދި އުރީދޫ މޯލްޑިވްސްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހާލިދު އަލް ހަމާދީ އެވެ.

އުރީދޫން އިއްޔެ ބުނީ އެ ސެންޓަރު ހުންނާނީ ވިނަރެސް ވީ6-ޖީ-03 ގައި ކަމަށެވެ.

ފޭސް ދޭއްގައި ހުޅުވި އެ ކުންފުނީގެ އާ އެކްސްޕީރިއަންސް ސެންޓަރަކީ ކަސްޓަމަރުންނަށް ފަސޭހައިން ހިދުމަތް ދިނުމަށްޓަކައި ތައްޔާރުކޮށް ހުޅުވާފައިވާ ސެންޓަރެއް ކަމަށް އުރީދޫން ބުންޏެވެ. އުރީދޫގެ އެހެން އެކްސްޕީރިއަންސް ސެންޓަރުތަކުން ލިބޭ ހުރިހާ ހިދުމަތަކާއި އެހީތެރިކަން އަލަށް ހުޅުވި އެކްސްޕީރިއަންސް ސެންޓަރުން ވެސް ލިބެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.

"ކަސްޓަމަރުންގެ ތަޖުރިބާ ރަގަޅުކޮށް ހިދުމަތްތަކުގެ މައުލޫމާތު ފަސޭހައިން ފޯރުކޮށްދިނުމަށްޓަކައި އުރީދޫއިން ކުރަމުންދާ މަސައްކަތުގެ ދަށުން ހުޅުމާލޭ ފޭސް 2 އެކްސްޕީރިއަންސް ސެންޓަރުން ރައްޔިތުންނަށް ސިމްކާޑު ރަޖިސްޓްރީ ކުރުމާއި ބިލަށް ފައިސާ ދެއްކުމާއި ޑިވައިސް ގަތުމާއި ޕާސަނަލައިޒްޑް ކަސްޓަމާ ސަޕޯޓް ފަދަ ހިދުމަތްތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދެ އެވެ. މި ސެންޓަރަކީ އެންމެ ފަހުގެ ޓެކްނޮލޮޖީއާއެކު ކަސްޓަމަރުންނަށް ބޭނުންވާ ޓެލެކޮމިއުނިކޭޝަން ބޭނުންތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް ތިބި ތަމްރީނު ލިބިފައިވާ ފަންނުވެރިންގެ ޓީމަކުން މަސައްކަތްކުރާ ސެންޓަރެކެވެ" އުރީދޫން ބުންޏެވެ.

އެ ސެންޓަރަކީ އިން ޕާސަން ހިދުމަތް ދިނުމުގެ އިތުރުން އުރީދޫގެ ޑިޖިޓަލް ޕްލެޓްފޯމްތައް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިރުޝާދު ދީ، އެމް-ފައިސާ މޮބައިލް ޕޭމަންޓް، އުރީދޫ އެޕް ބޭނުންކުރާނެގޮތް ކަސްޓާމަރުންނަށް ކިޔާދޭނެ ތަނެއް ކަމަށް ވެސް އުރީދޫން ބުންޏެވެ.

އަލަށް ހުޅުވި އެކްސްޕީރިއަންސް ސެންޓަރު ހުޅުވާފައި ހުންނާނީ ހޮނިހިރު ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް ހެނދުނު 0900 - 1200 އަދި މެންދުރު 1300 އިން 1600 އަށް ކަމަށް އުރީދޫން ބުންޏެވެ.