ޕީޕީއެމް

އަހަރީ ރިޕޯޓުގެ މައްސަލައިގައި ޕީޕީއެމަށް އަޅާނެ ފިޔަވަޅަކާމެދު މާދަމާ ގޮތެއް ނިންމަނީ

ޕީޕީއެމުން ހުށަހެޅި 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓްގެ މައްސަލައިގައި ޕީޕީއެމް އަށް ފިޔަވަޅު އެޅުމާމެދު މާދަމާ ގޮތެއް ނިންމާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަނުން މިހެން ބުނެފައިވަނީ އަހަރީ ރިޕޯޓް ހުށަހަޅަން ޖެހޭ މުއްދަތުގެ ފަހުން ޕީޕީއެމުން އަހަރީ ރިޕޯޓް ހުށަހެޅުމުންނެވެ.

ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓް މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފައިވާނެ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު އަހުމަދު އަކުރަމް ''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ޕީޕީއެމުން އަހަރީ ރިޕޯޓް ހުށަހަޅާފައިވަނީ މުއްދަތު ހަމަވިފަހުން، މިއަދު ކަމަށެވެ. އެހެންނަމަވެސް ރިޕޯޓް ބަލައިގަންނާނެ ކަމަށާއި، މުއްދަތު ހަމަވިފަހުން ރިޕޯޓް ހުށަހަޅާފައިވާތީ އަޅާނެ ފިޔަވަޅަކާމެދު މާދަމާ ކޮމިޝަނުން ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ފާއިތުވި އަހަރުގެ އަހަރީ ރިޕޯޓް ހުށަހަޅަންޖެހެނީ ހިނގަމުންދާ އަހަރުގެ ފުރަތަމަ ތިން މަސްދުވަހުގެ ތެރޭގައެވެ.