އޭޝިއަން ސާފިން ޗެމްޕިއަންޝިޕް

އާޔާގެ އިތުރުން ރެޕޯ ހީޓްތަކުގައި ވާދަކުރި ދިވެހި ސާފަރުންވެސް ތިންވަނަ ބުރަށް

ކ. ތުލުސްދޫގައި ކުރިއަށްދާ އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގެ އަންހެން އޯޕަން ބައިގައި ވާދަކުރި ރާއްޖޭގެ މަރިޔަމް ރާހިލް ނަސީމް (އާޔާ) އާއި ރެޕޯ ހީޓްތަކުގައި ވާދަކުރަން ޖެހުނު ރާއްޖޭގެ ފިރިހެން ސާފަރުންވެސް ތިންވަނަ ބުރަށް ދަތުރުކޮށްފިއެވެ.

އާޔާ ތިންވަނަ ބުރަށް ދިޔައީ އަންހެން ހީޓް ހަތަރެއްގައި ވާދަކޮށް އެ ހީޓްގެ ދެވަނަ ސާފަރުގެ ގޮތުގައެވެ. އެ ހީޓްގެ އެއްވަނަ ޗައިނާގެ ސިގީ ޔޭންގް ހޯދީ 9.27ގެ ސްކޯއަކާ އެކުގައެވެ. އާޔާ ދެވަނަ ހޯދީ 3.16ގެ ސްކޯއަކާ އެކުގައެވެ. ދެން އެ ހީޓްގައި ވާދަކުރަން އޮތް އިރާނުގެ ޔަސަމާން ހޮސެން ޒާދޭ އަޓޭރީ ވާދައެއް ނުކުރެއެވެ.

އަންހެން އޯޕަން އިވެންޓުގައި ދެން ވާދަކުރި ރާއްޖޭގެ ޝާޒިޔާ ސައީދު ދިޔައީ ރެޕޯ ހީޓަށެވެ. އޭނާއަށްވެސް އަދި ތިންވަނަ ބުރުގެ ފުރުސަތު އެބަ އޮތެވެ.

އިއްޔެ ކުރިއަށް ގެންދިޔަ ފިރިހެން ދެވަނަ ބުރު (ރެޕޯ ހީޓްތައް)ގައި ރާއްޖޭގެ ފިރިހެން ސާފަރުންވެސް ތަފާތު ދެއްކިއެވެ. ރެޕޯ ހީޓް އެކެއްގައި އިސްމާއީލް ރަޝީދު (ސްމައިލޭ) ވާދަކޮށް، ހީޓްގެ އެއްވަނަ ހޯދީ 11.33ގެ ސްކޯއަކުންނެވެ. އެ ހީޓުގައި ދެން ވާދަކުރީ ކުވައިތިގެ އީސާ އަލްއޭސާ އަދި ޔޫއޭއީގެ މުހައްމަދު ސުލްތާނެވެ. އެ ހީޓުން ކެޓީ ޔޫއޭއީގެ ސާފަރެވެ.

ރާއްޖޭގެ ކެޕްޓަން އަހުމަދު އާގިލް ވަނީ ހީޓް ތިނެއްގެ އެއްވަނަ ހޯދައިފައެވެ. އެއީ 10.16ގެ ސްކޯއަކާ އެކުގައެވެ. އެ ނަތީޖާ އާއެކު އޭނާ ވަނީ ތިންވަނަ ބުރަށް ގޮސްފައެވެ. އެ ހީޓުގެ ދެވަނަ ހޯދީ ސިންގަޕޫރުގެ އަނިގް ކައިލާނީ ބިން ރަހްމަތެވެ. އެއީ 5.00ގެ ސްކޯއަކުންނެވެ. ހީޓުން ކެޓީ އަފްގާނިސްތާނުގެ ކައިސް ހައްސާން ޝަރިއާއެވެ.

ހީޓް ފަހެއްގެ އެއްވަނަ ހޯދީ ރާއްޖޭގެ އިސްމާއީލް މިގްލާލް (ކުޑަ އިއްސެ) އެވެ. އޭނާ ވަނީ 10.57ގެ ސްކޯ އަކާއެކު ތިންވަނަ ބުރު ޔަގީންކޮށްފައެވެ. ދެވަނައިގައި އަނެއް ބުރަށް ދިޔައީ ސިންގަޕޫރުގެ ޖޫލިއެން މާކް ސްޕަކަރޮޓެލާއެވެ. އެއީ 8.07ގެ ސްކޯއަކުންނެވެ. އެ ހީޓުން ކެޓީ ސައުދީގެ އަބްދުލްރަހުމާން އަލީ ހައިދަރެވެ.

އެ ސާފަރުންގެ އިތުރުން މިއަދު ކުރިއަށްދާ ފިރިހެން ތިންވަނަ ބުރުގައި ރާއްޖޭގެ ހޫދު އަހުމަދާއި އަހުމަދު ހިޝާމް ޝަހީމްވެސް ވާދަކުރާނެއެވެ.