ޕޮލިސް

ބުރިޖުގައި ސައިކަލެއް ކާރެއްގައި ޖެހި ކަހާލައިގެން ގޮސް އެހެން އެކްސިޑެންޓެއް ހިނގައިފި

ޝަހީދާ އަބްދުﷲ ސައީދު

ބުރިޖުގެ ހައިވޭގައި ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކް ކުރަން އުޅުމުގެ ތެރޭގައި ކާރެއްގައި ޖެހި ކަހާލައިގެން ގޮސް ދެވަނަ އެކްސިޑެންޓްވެ ތިން މީހަކަށް އަނިޔާ ވެއްޖެއެވެ.

ފުލުހުން ބުނީ މިއަދު 9:15 ހާއިރު ހުޅުމާލެއިން މާލެއަށް ދުއްވާފައި ދިޔަ ސައިކަލެއް އޯވަޓޭކް ކުރުމަށް ކާރު ލޭނަށް އެރިވަގުތު، އެ ލޭނުން ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ސައިކަލު 116 ފޫޓަށް ކަހާލައިގެން ގޮސް، ސައިކަލު ލޭނުން ދުއްވާފައި ދިޔަ ސައިކަލެއްގައި ޖެހި އެކްސިޑެންޓް ވެފައިވާ ކަމަށެވެ.

މިއެކްސިޑެންޓްގައި ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެކްސިޑެންޓްގެ ސަބަބުން އޭނާގެ ގައިގެ އެކި ތަންތަނުން މަަށައިގެންގޮސް އެކިވަރުގެ އަނިޔާލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އޭނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެކްސިޑެންޓްވި ސައިކަލު ދުއްވަން އިން މީހާގެ އަތުގައި ލައިސަންސް ނޯންނަ ކަމަށާއި އެކްސިޑެންޓްވި ސައިކަލު މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މީގެއިތުރުން މިއެކްސިޑެންޓްގައި ސައިކަލު ކަހާލައިގެން ގޮސް ޖެހުނު ސައިކަލުގައި ތިބި ދެމީހުންނަށް ވެސް އެކިވަރުގެ ކުދި އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.