ގޯލްޑަން ފުޓްސަލް ޗެލެންޖް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ޕީއާރް ޕާޓްނަރަކަށް "ވަން ސްޕޯޓްސް"

ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ޝަރަފުވެރި ފުޓްސަލް މުބާރާތް، ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕީއާރް ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2015 ގައި ބާއްވަން ފަށައި، މުބާރާތް ދިޔައީ މަޑުމަޑުން ވައިގައި ހިފަމުންނެވެ. އެންމެފަހުން މިއަހަރު ބޭއްވި މުބާރާތުގައި ޖުމުލަ 129 ޓީމަކުން ވާދަކުރާ އިރު، 320 މެޗު ކުޅެފައިވެއެވެ. ގޯލްޑަން ފުޓްސަލް ޗެލެންޖުގެ މިދިޔަ ދެ އަހަރު އަދި މި އަހަރުގެ ވެސް "ވަން އޮންލައިން" ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ އިރު، މިއީ މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި "ވަން" ހަރަކާތްތެރިވާނެ ހަތަރުވަނަ ފަހަރެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖުގެ ޕާޓްނަރެއްގެ ގޮތުގައި "ވަން ސްޕޯޓްސް" ހަމަޖައްސައި އެކަމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ހާއްސަ އިވެންޓުގައި މުބާރާތް އިންތިޒާމުކުރާ ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް، ރިލުވާން މޫސާއެވެ. "ވަން ސްޕޯޓްސް"ގެ ފަރާތުން ސޮއިކުރެއްވީ "ވަން ސްޕޯޓްސް"ގެ ނިއުސް ހެޑް، ސްޕޯޓްސް އެޑިޓަރު މުހައްމަދު ޝަމްއޫނެވެ.

އެގްރީމެންޓްގައި ސޮއިކުރުމަށްފަހު ރިލުވާން ވިދާޅުވީ "ވަން"އާއެކު މިފަހަރުވެސް އެއްބަސްވުމަކަށް ދާން ނިންމީ، މުބާރާތަށް ބަހައްޓާ ސަމާލުކަމަށާއި، މިދިޔަ ތަނުގައި ރިޕޯޓްތަކާއި މުބާރާތުގެ މައުލޫމާތު ފުރިހަމައަށް ގެނެސްދީފައިވާތީ ކަމަށެވެ.

"ވަންއާއެކު އަނެއްކާވެސް މި ސޮއިކުރީ މުބާރާތާ ބަހައްޓާ ގާތްކަމާއި، މުބާރާތް ކަވަރު ކުރުމަށް އަބަދުވެސް ބަހައްޓާ ސަމާލުކަމަށް ބަލާފައި. ވަން ސްޕޯޓްސްއިން މިފަހަރުވެސް މުބާރާތުގެ ޕީއާރަށް މަސައްކަތް ކޮށް، ފުރިހަމައަށް މުބާރާތް ކަވަރު ކުރާނެކަމުގެ ޔަގީންކަން އެބައޮތް. އަދި ރިޕޯޓްތަކާއި މުބާރާތުގެ މެޗުތަކުގެ މައުލޫމާތުވެސް ފުރިހަމައަށް ގެނެސްދޭނެކަމަށް މި އުންމީދުކުރަނީ،" ރިލުވާން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ގޯލްޑަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވާން ފުރުސަތު ހުޅުވާލާފައިވާ އިރު، އަންނަ އަހަރުގެ މުބާރާތް ދާދިފަހުން ރަސްމީކޮށް އިއުލާނުކޮށްދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ. އެކަމަށްޓަކައި ބޭއްވި އިވެންޓުގައި މިނިސްޓަރު ރާފިއު ވިދާޅުވީ ގޯލްޑަން ފުޓްސަލް ޗެލެންޖަކީ ރާއްޖޭގައި ބޭއްވޭ އެންމެ ވަރުގަދަ އެއް ކުޅިވަރު އިވެންޓު ކަމަށާއި، އަތޮޅުތެރޭގެ ރަށްތަކުން މުބާރާތުގައި ޝާމިލުވާ ޝާމިލުވުން ފާހަގަކުރައްވާ ކަމަށެވެ. ވަކީން ހާއްސަކޮށް މުބާރާތުގެ އިންތިޒާމުތަކުގެ ފުރިހަމަކަން މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

މުބާރާތާ ގުޅޭގޮތުން މައުލޫމާތުދެއްވަމުން "ވަން"ގެ ސީއީއޯ އަދި އެޑިޓަރު ސިނާން އަލީ ވިދާޅުވީ ކުރިއަށްއޮތް އަހަރުގެ މުބާރާތަށް "ވަން ސްޕޯޓްސް" އިން ގެނެސްދޭ ކަވަރޭޖު އެހެން އަހަރުތަކަށްވުރެ މާބޮޑަށް ވެސް ފުރިހަމަވާނެ ކަމަށާއި އެގޮތުން ކުޅުންތެރިންނާއި ކޯޗުން އަދި ޓީމުތަކުގެ ތަފާތު ހަބަރާއި ހާއްސަ ރިޕޯޓުތައް ގެނެސްދޭނެ ކަމަށެވެ. އަދި ވީޑިއޯ ކޮންޓެންޓާއި ފޮޓޯ ކޮންޓެންޓުން ވެސް ބޮޑު ތަފާތުކަމެއް ފެނިގެންދާނެ ކަމަށް ވިދާޅުވިއެވެ.

"ގޯލްޑަން ފުޓްސަލް ޗެލެންޖު 2025 ގެ ވެސް ޕާޓްނަރަކަށް ވުމުން ވަރަށް އުފާކުރަން. މިއީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އަދި އެންމެ އިންތިޒާމު ރަނގަޅު މުބާރާތް. މި ފުރުސަތު ދެއްވި ކަމަށްޓަކައި ގޯލްޑަން ފުޓްސަލް އެސޯސިއޭޝަންގެ ރައީސް ރިލްވާނަށް ހާއްސަ ޝުކުރެއް އަދާކުރަން. އަންނަ އަހަރުގެ މި މުބާރާތް 'ވަން' އިން ކިޔުންތެރިންނާ ހަމައަށް ގެނެސްދޭނީ އެހެން އަހަރުތަކަށްވުރެ މާ ފުރިހަމަކޮށް،" ސިނާން ވިދާޅުވިއެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2024 ކާމިޔާބުކަމާއެކު ނިންމާލާފައިވާ އިރު، މުބާރާތުގެ ފައިނަލް މެޗަކީ ރެކޯޑް އަދަދަކަށް މެޗު ބަލަން ސަޕޯޓަރުން ހާޒިރުވި މެޗެކެވެ. އެ މެޗުގައި 2023 ވަނަ އަހަރު ޗެމްޕިއަން ލ. ގަން ބަލިކޮށް، ރާއްޖޭގެ ފުޓްސަލް ޗެމްޕިއަންކަން ހޯދީ، ބ. އޭދަފުއްޓެވެ. އަންނަ އަހަރުގެ މުބާރާތަށް ތައްޔާރުވާ އިރު، މިއަހަރުގެ ފައިނަލް މެޗު ފެށުނީއްސުރެ ނިމެންދެން ލ. ގަން އަދި ބ. އޭދަފުށި ސަޕޯޓަރުންގެ ފަރާތުން ކުޅިވަރުގެ ރޫހާ އެއްގޮތަށް ދިން ސަޕޯޓަށް ގޯލްޑަން ފުޓްސަލް އެސޯސިއޭޝަނުން ޝުކުރު އަދާކޮށްފައިވެއެވެ. އަންނަ އަހަރުގެ މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ, މި އަހަރުގެ ޗެމްޕިއަން ބ. އޭދަފުށްޓާއި 2023 ވަނަ އަހަރުގެ ޗެމްޕިއަން ލ. ގަމެވެ.

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ކަވަރޭޖް އެންމެ ފުރިހަމައަށް ކިޔުންތެރިންނާ ހަމައަށް ގެނެސްދިނުމަށްޓަކައި "ވަން ސްޕޯޓްސް"އިން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ވަނީ ހަމަޖައްސައިފައެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި މުބާރާތަށް ވަމުންދާ ތައްޔާރީތަކުގެ އިތުރުން މުބާރާތުގެ ތެރެއިން ކުރިއަށްދާ ފޯރިގަދަ އެކިއެކި އިވެންޓުތަކާއި، ސަޕޯޓަރުންގެ ޝުއޫރުތައްވެސް ހިމެނޭނެ ހާއްސަ ރިޕޯޓުތަކާއި، ކުޅުންތެރިންގެ ޕްރޮފައިލްތައްވެސް ހިމެނެއެވެ.