އިންޑިއާގައި ވިދާލުމަށްފަހު މިހާރު މުޅި ދުނިޔޭގައިވެސް ޕްރިޔަންކާ ޗޯޕްރާ (ޕީސީ) އަންނަނީ އޭނާގެ ހުނަރުވެރިކަމުން ގިނަ ބައެއްގެ ލޯތްބާއި ސަމާލުކަން ހޯދަމުންނެވެ.
ހޮލީވުޑްގެ މަގުބޫލު ތަރިންގެ ތެރޭގައި ޕީސީ އަކީ މިހާރު ގުނާލެވޭ އެއްތަރިއެވެ. މިދިޔަ ޑިސެމްބަރުގައި ޕޮޕް ލަވަކިޔުންތެރިޔާ ނިކް ޖޯނާސް އާއި ޕީސީ ކައިވެނި ކުރުމަށްފަހު ދެބައިވެރިން އެކީގައި ހޯދާ މަގުބޫލުކަން ވަނީ އިތުރުވެފައެވެ. މީގެ އިތުރުން ޕީސީ އަކީ ޔުނިސެފްގެ ބްރޭންޑް އެމްބެސަޑަރެއްވެސް މެއެވެ. އިޖްތިމާއީ ދާއިރާއިން އޭނާ ކުރާ މަސައްކަތަށްވެސް ލިބެމުން އަންނަ ތަރުހީބު ބޮޑެވެ.
މީސްމީޑިއާއިންވެސް ޕީސީއަށް ލިބެމުން އަންނަ ތަރުހީބު ފެނިގެންދާ ކަމުގެ ހެއްކަކީ 40 މިލިއަން ފޮލޯވާސް އިންސްޓަގްރާމުން އޭނާއަށް ލިބިގެން ދިޔުމެވެ. ޕީސީވަނީ އޭނާއަށް ލިބެމުން އަންނަ ލޯތްބާއި ތަރުހީބަށް ޝުކުރު އަދާކުރުމުގެ ގޮތުން އިންސްޓާގައި ވީޑިއޯއެއްވެސް ހިއްސާކޮށްފައެވެ.
ސާޅީސް މިލިއަން އިންސްޓަގްރާމް ފޮލޯވާސް ޕީސީއަށް ލިބުމާއެކު އޭނާއަށް ވަނީ ބޮލީވުޑްގެ އެންމެ ފޮލޮވާސް ގިނަ ތަރީގެ މަގާމު ލިބިފަ އެވެ. ކުރިން މި މަގާމުގައި ހުރީ ދީޕިކާ ޕަޑުކޯންއެވެ. މިހާރު ދީޕިކާގެ އިންސްޓަގްރާމް ފޮލޯވާސްގެ އަދަދަކީ 35 މިލިއަންއެވެ. ތިންވަނައިގައި އުޅެނީ 33.1 މިލިއަން ފޮލޯވާސްއާއެކު އާލިޔާ ބަޓްއެވެ.
ޕީސީ އެންމެ އަވަހަށް ދެން ފެނިގެން ދާނީ ޝޮނާލީ ބޯސްގެ "ދަ ސްކައި އިސް ޕިންކް" އިންނެވެ. އެ ފިލްމުގައި ފަރްހާން އަޚްތަރު އަދި ޒައިރާ ވާސިމް އޭނާއާއެކު ލީޑް ރޯލުން ފެނިގެންދާނެއެވެ.
ޕީސީ ވަނީ ވަރަށް ފަހުން ނިކް ޖޯނާސްގެ އާއިލާއިން ނެރުނު ވީޑިއޯލަވަ "ސަކާ" އިންވެސް ފެނިގެން ގޮސްފައެވެ. އެލަވައަށް ވަނީ ސްޕޮޓްފައި އިން އެއްވަނަ ލިބިގެންގޮސްފައެވެ.