ޕޮލިސް

ލޯކަލްމާރުކޭޓު ސަރަޙައްދުން ހޮވި ފައިސާތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަނީ

އިބްރާހިމް ޒަކީ

މާލޭ ލޯކަލްމާރުކޭޓު ސަރަހައްދުން ހޮވާފައިވާ ފައިސާތަކެއްގެ ވެރިފަރާތް ފުލުހުން ހޯދަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ، އާންމު ފަރާތަކުން ހޮވައިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ، އެފައިސާތަކުގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން އަންނަ ކަމަށެވެ.

މިފައިސާތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މިމަހު 12 ވަނަ ދުވަހުގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.

ފައިސާތަކުގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9631696 އަށް ގުޅުއްވައި، ވެރިފަރާތްކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ، ފައިސާއާ ހަވާލުވެލެއްވުން ފުލުހުން ވަނީ އެދިފައެވެ.

ނަމަވެސް މި ފައިސާތައް ހޮވީ ކާކުކަމެއް، މިއީ ކިހާއަދަދެއްގެ ފައިސާއެއްކަމެއް، އަދި ފައިސާ ހޮވީ ކޮން ހިސާބަކުންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.