އޭޝިއަން ސާފިން ޗެމްޕިއަންޝިޕް

ސަގާފީ ހަރަކާތްތަކާ އެކު އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ތުލުސްދޫގައި ފަށައިފި

މިދިޔަ އަހަރުވެސް ރާއްޖޭގައި ކާމިޔާބުކަމާ އެކު ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް، މިއަހަރުވެސް ފޯރިއާ އެކު ކ. ތުލުސްދޫގައި އިއްޔެ ފަށައިފިއެވެ.

މީގެ ކުރިން ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕް ވެސް ތުލުސްދޫގައި ބާއްވާފައިވާ އިރު، އެ ފަހަރު 18 ގައުމަކުން 90 އެތުލީޓުން ވާދަކޮށްފައިވެއެވެ. އެ މުބާރާތްވެސް ކާމިިޔާބުކޮށް ނިމިގެން ގޮސްފައިވާ އިރު، ރާއްޖެއަށް ވެސް ވަނީ ކާމިޔާބީތަކެއް ލިބިގެން ގޮސްފައެވެ. ފިރިހެން އޯޕަން ބައިން ރާއްޖޭގެ ހުސައިން އަރީފް (އިބޫ) ލޯ މެޑަލް ހޯދިއެވެ. އަދި އޭޝިއަން ރޭންކިންގައި ރާއްޖެއަށް ރިހި މެޑަލް ލިބުނު އިރު، ޓީމް އިވެންޓުންވެސް ރާއްޖެ ލޯ މެޑަލް ހޯދިއެވެ.

މިއަހަރުގެ ސާފިން ޗެމްޕިއަންޝިޕް މިމަހުގެ 24 އާ ހަމައަށް ކުރިއަށްދާ އިރު، މިފަހަރު 20 ގައުމަކުން 120 އެތުލީޓުން އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކުރާނެއެވެ. މި އަހަރުގެ އިވެންޓުގައި ވެސް ރާއްޖޭގެ ގިނަ އެތުލީޓުންތަކެއް ވާދަކުރާ އިރު، މިފަހަރުގެ މުބާރާތް ހާއްސަވާ ބޮޑު ސަބަބެއް އެބަ އޮތެވެ. އެއީ މި އަހަރުގެ މުބާރާތަކީ ރާއްޖޭގައި ބޭއްވޭ ކޮލިފިކޭޝަން އިވެންޓަކަށްވާތީއެވެ. މިފަހަރު ރާއްޖޭގައި އޮންނަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕަކީ ޖަޕާނުގައި 2026 ވަނަ އަހަރު އޮންނަ އޭޝިއަން ގޭމްސްއަށް ކޮލިފައިވާން ލިބޭ ފުރުސަތެކެވެ.

އިއްޔެ މުބާރާތް ހުޅުވިގެން ދިޔައީ ކ. އަތޮޅު ތައުލީމީ މަރުކަޒުގައި ބޭއްވި ހާއްސަ އިވެންޓަކާއެކުގައެވެ. އިއްޔެގެ އިވެންޓްގައި ސަގާފީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވާ އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކުޅިވަރާ ބެހޭ ވަޒީރު އަބްދު ﷲ ރާފިއު (ރާއްޕެ) އެވެ. އޭގެ އިތުރުން، މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) އާއި މޯލްޑިވްސް ސާފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ އިސް ފަރާތްތަކުން އިވެންޓްގައި ބައިވެރިވެލެއްވިއެވެ. އަދި އޭޝިއަން ސާފިން ފެޑަރޭޝަންގެ އިސް ވެރިންވެސް އިއްޔެގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައިވެއެވެ.

އިއްޔެގެ އިވެންޓްގައި ވެސް ގައުމުތަކުގެ ވޭވް ބްރޭކްތަކުގެ ވެލި އެކައްޗަށް އަޅައި، ސާފިންގެ ސަގާފަތް ދަމަހައްޓާފައިވެއެވެ.

އިއްޔެގެ އިވެންޓްގައި މިނިސްޓަރު ރާފިއު ވަނީ ރާއްޖެއަށް ހުރިހާ ސާފަރުންނަށް މަރުހަބާ ދަންނަވައިފައެވެ. އަދި ރާއްޖޭގައި އޭޝިއާގެ އެންމެ ބޮޑު ސާފިން މުބާރާތް ހޯސްޓް ކުރެވިގެންދާ އިރު، މިފަހަރުގެ މުބާރާތަކީ އޭޝިއަން ގޭމްސްއަށް ކޮލިފައިވާ އިވެންޓަކަށްވުން އެއީ ތާރީހީ ކަމެއްގެ ގޮތުގައިވެސް މިނިސްޓަރު ފާހަގަކުރައްވާފައިވެއެވެ.

އެމްއެސްއޭގެ ރައީސް މުހައްމަދު ސޮބާހް (ޗޭ) ވިދާޅުވީ, މިއަހަރުގެ މުބާރާތުގައި މިދިޔަ އަހަރުގެ މުބާރާތުގައި ބައިވެރިވި ސާފަރުންނަށް ވުރެ މޮޅެތި ސާފަރުން ބައިވެރިވެފައިވާ ކަމަށެވެ. އެއީ ކޮލިފިކޭޝަން އިވެންޓަކަށްވެސް ވުމާއެކުގައެވެ. އެހެން ނަމަވެސް ރާއްޖޭގެ އެތުލީޓުންނަށް ކާމިޔާބީއަށް ފުރުސަތު ބޮޑު ކަމަށް ޗޭ ވިދާޅުވިއެވެ.