ސާފް ޗެމްޕިއަންޝިޕް

ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ދަނޑު ބަދަލުކޮށްފި

ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމުންވެސް ވާދަކުރާ ސާފް 20 އަހަރުން ދަށު މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް ކުޅޭ ސްޓޭޑިއަމަށް ފަހުވަގުތު ބަދަލު ގެނެސްފިއެވެ.

މިއަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތް ހޯސްޓް ކުރަނީ ނޭޕާލްގެ ކަތަމަންޑޫގައެވެ. މުބާރާތަށް ދިވެހި ޓީމުވެސް ނޭޕާލަށް ގޮސް ފަރިތަކުރުންތައް ވެސް ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތުގެ ގްރޫޕް ސްޓޭޖާއި ނޮކްއައުޓް ބުރުގެ ހުރިހާ މެޗެއް ވެސް ހޯސްޓް ކުރަން ފުރަތަމަ ކަޑައަޅާފައި އޮތީ ދަޝަރާތު ސްޓޭޑިއަމްގައެވެ. އެހެންނަމަވެސް ނޭޕާލްގެ ފުޓުބޯޅަ އެސޯސިއޭޝަން (އޭއެންއެފްއޭ) އިން ނިންމާފައި ވަނީ ގްރޫޕް ސްޓޭޖު މެޗުތައް ސަޓްޑޮބާޓޯގައި ހުންނަ އޭއެންއެފްއޭގެ ކޮމްޕްލެކްސްގައި ކުރިއަށް ގެންދިޔުމަށެވެ.

އެގޮތަށް ނޭޕާލްގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނިންމާފައި ވަނީ ދަޝަރާތު ސްޓޭޑިއަމްގެ ހާލަތު އޮތް ގޮތުން، ސާފްގެ މެޗު ކޮމިޝަނަރު އަބްދުލް ހަމީދު އަބްދުލްގަފޫރުގެ އިންސްޕެކްޝަނަށް ފަހުގައެވެ. ހަމީދަކީ ދިވެހި ރާއްޖެއަށް ނިސްބަތްވާ މެޗު ކޮމިޝަނަރެކެވެ. އޭނާގެ ނިންމުމާ އެކު ނޭޕާލު އެފްއޭއިން މިހާރު ވަނީ ޝެޑިއުލަށް ބަދަލު ގެނެސް، އެކަން އިއުލާނު ކޮށްފަައެވެ.

ނޭޕާލުގެ ދަނޑުތަކުގެ ހާލަތު މި ދުވަސްވަރު ގޯސްކަމުން، އެކަމާ ބައެއް ފަރާތްތަކުން ފާޑުވެސް ކިޔާފައިވެއެވެ. އެގޮތުން ޖަޕާނުގެ ފުޓުބޯޅަ ލެޖެންޑް، ކެއުސޫކީ ހޮންޑާ ނިސްބަތްވާ ޕަރޯ އެފްސީން ނޭޕާލްގެ ލީގުގެ ޗެމްޕިއަން މާޓީސްއާ ދެކޮޅަށް އެންމެ ފަހުން ދަޝަރާތު ސްޓޭޑިއަމްގައި ކުޅުނު އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފިކޭޝަން ޕްލޭ އޮފް މެޗުގައި ވެސް ދަނޑުގެ ހާލަތު ފެނުނީ ވަރަށް ގޯސް ކޮށެވެ. އެ މެޗުވެސް ކުޅެފައި ވަނީ ބައިނަލްއަގުވާމީ މެޗުތައް ހޯސްޓް ނުކުރެވޭނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ދަރަޝާތު ސްޓޭޑިއަމްގެ ވިނަގަނޑުގެ ހާލަތު ގޯސްކަމުން މާޗު މަހުގައި ނޭޕާލް ގައުމީ ޓީމުގެ ވޯލްޑް ކަޕް އަދި އޭޝިއަން ކަޕް ކޮލިފިކޭޝަން މެޗުތަކެއް ވެސް ނިއުޓްރަލް ދަނޑަކަށް ބަދަލުކުރަން އޭއެފްސީން ވަނީ އަންގައިފައެވެ.

މި ފަހަރުގެ ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެއިން ކުޅޭ ފުރަތަމަ މެޗުގައި އޮގަސްޓް 21 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ބޫޓާނާ ދެކޮޅަށެވެ.