ނޭޕާލުގައި މިމަހުގެ 18 އިން 28 އަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ދާ ރާއްޖޭގެ ގައުމީ ޒުވާން ޓީމު މިއަދު ނޭޕާލަށް ފުރައިފިއެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާނީ ބަންގުލަދޭޝާއި ނޭޕާލްގެ އިތުރުން ސްރީ ލަންކާ، ބޫޓާން އަދި އިންޑިއާއާއި ރާއްޖެއެވެ. ޕާކިސްތާނުވެސް މުބާރާތުގައި ބައިވެރިވި ނަމަވެސް، އެ ޓީމުން މިހާރު ވަނީ ނަން ނަގައިފައެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި އިންޑިއާއެވެ.
މުބާރާތަށް ރާއްޖެއިން ދުރާލާ ތައްޔާރުވެފައިވަނީ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުންނެވެ. ޝާކިއްޓެއަކީ ޒުވާން ޓީމުތަކުގައި ތަފާތު، ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ކޯޗެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ މުހައްމަދު އަރީފާއި އިސްމާއީލް އާސިފެވެ. ގޯލްކީޕަރު ކޯޗަކަށް ސީނިއާ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗު، އަސްލަމް އަބްދުލް ރަހީމް ޓީމާއެކު ބައިވެރިވާ އިރު، މެނޭޖަރަކީ މުހައްމަދު އަބީރެވެ.
މިއަދު ޓީމާއެކު ރާއްޖޭގެ ސީނިއާ ގައުމީ ޓީމުގެ ކޯޗު، އަލީ ސުޒައިން، ހެޑް އޮފް ޑެލިގޭޝަންގެ ގޮތުގައި ފުރާފައިވެއެވެ.
ރާއްޖޭގެ ޒުވާން ޓީމުން ސާފަށް ދިޔައީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށްގެންގޮސް، އެކުވެރިކަމުގެ ބައެއް މެޗުތައްވެސް ކުޅުމަށްފަހުއެވެ.
ގައުމީ ޒުވާން ޓީމާ ރޭ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވައި ހިތްވަރު ދެއްވާފައިވެއެވެ. މިނިސްޓަރު ވަނީ ކުޅުންތެރިން ގައުމަށްޓަކައި ހިތްވަރާއެކު ކުޅެ، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. ރޭގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.
މިއަދު ޓީމަށް ހިތްވަރުދިނުމަށް ސީނިއާ ޓީމުގެ ބައެއް ކުޅުންތެރިންގެ އިތުރުން އެފްއޭއެމްގެ ކަންކަން މިވަގުތު ބަލަހައްޓަމުންދާ މުހައްމަދު ޖައުޝަން ޝަރީފް (ޖައު) ވެސް ބައިވެރިވެފައިވެއެވެ. އޭގެ އިތުރުން ކުޅުންތެރިންގެ އާއިލާތައްވެސް މިއަދު ބަސް ޓާމިނަލަށް ޓީމު ފުރުވަން ގޮސްފައިވެއެވެ.
ރާއްޖެއިން ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ. އެއީ 21 އޮގަސްޓްވާ ބުދަ ދުވަހުއެވެ. މެޗު އޮންނާނީ ރާއްޖެ ގަޑިން މެންދުރު ފަހު 3:15 ގައެވެ. މެޗުތައް ކުޅެން ހަމަޖައްސާފައިވަނީ ނޭޕާލްގެ ކަތަމަންޑޫގެ ދަޝަރާތު ރަންގަސަލާ ސްޓޭޑިއަމްގައެވެ.