މުޙައްމަދު ޝަމްޢޫން
ނޭޕާލުގައި މިމަހުގެ 18 އިން 28 އަށް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ދާ ރާއްޖޭގެ ގައުމީ ޒުވާން ޓީމުގެ ސްކޮޑު ފައިނަލް ކޮށްފިއެވެ.
ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާނީ ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ސްރީ ލަންކާ، ބޫޓާން އަދި އިންޑިއާއާއި ރާއްޖެއެވެ. ޕާކިސްތާނުވެސް މުބާރާތުގައި ބައިވެރިވި ނަމަވެސް، އެ ޓީމުން މިހާރު ވަނީ ނަން ނަގައިފައެވެ. ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި ރާއްޖެ ވާދަކުރާނީ ގްރޫޕް ބީގައެވެ. އެ ގްރޫޕްގައި ދެން ހިމެނެނީ ބޫޓާނާއި އިންޑިއާއެވެ.
މުބާރާތަށް ރާއްޖެއިން ދުރާލާ ތައްޔާރުވެފައި ވަނީ ކޯޗު އަހުމަދު ޝާކިރު (ޝާކިއްޓެ) ގެ އިރުޝާދުގެ ދަށުންނެވެ. ޝާކިއްޓެއަކީ ޒުވާން ޓީމުތަކުގައި ތަފާތު، ޔޫތު މުބާރާތްތަކުގައި އެންމެ ކާމިޔާބު ކޯޗެވެ. ޓީމުގެ އެސިސްޓެންޓް ކޯޗުންނަކީ މުހައްމަދު އަރީފާއި އިސްމާއީލް އާސިފެވެ. ގޯލްކީޕަރު ކޯޗަކަށް ސީނިއާ ގައުމީ ޓީމުގެ ތަޖުރިބާކާރު ކޯޗު، އަސްލަމް އަބްދުލް ރަހީމް ޓީމައެކު ބައިވެރިވާ އިރު، މެނޭޖަރަކީ މުހައްމަދު އަބީރެވެ.
ރާއްޖޭގެ ޒުވާން ޓީމުން ސާފަށް ދަނީ ރާއްޖޭގައި ގިނަ ދުވަސްތަކެއް ވަންދެން ފަރިތަކުރުންތައް ކުރިއަށް ގެންގޮސް އެކުވެރިކަމުގެ ބައެއް މެޗުތައްވެސް ކުޅުމަށްފަހުއެވެ.
ގައުމީ ޒުވާން ޓީމާ ރޭ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައިވެއެވެ. މިނިސްޓަރު ވަނީ ކުޅުންތެރިން ގައުމަށްޓަކައި ހިތްވަރާއެކު ކުޅެ، ގައުމަށް ރީތި ނަމެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށްވެސް އެދިވަޑައިގެންފައެވެ. ރޭގެ ބައްދަލުވުމުގައި ކޮމިޝަނާ އޮފް ސްޕޯޓްސް މުހައްމަދު ތޮލާލްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.