ފަނަރަ އަހަރުގެ ކުއްޖަކު ގޭގައި ވިއްސި މައްސަލައިގައި މީހަކު ހައްޔަރުކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި ހައްޔަރުކޮށްފައިވަނީ އަންހެންކުއްޖާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއެވެ. އެމައްސަލައިގައި މީހަކު ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބުނު ނަމަވެސް ފުލުހުން އެކަން ކަށަވަރެއް ނުކޮށްދެއެވެ.
ފުލުހުން ބުނީ ކުޑަކުއްޖަކާއި ގުޅުންހުރި މައްސަލައަކަށްވެފައި އެމައްސަލައިގެ ބާވަތުން އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށެވެ. ފުލުހުން ބުނެފައިވަނީ ކުޑަކުއްޖަކު ވިހޭ މައްސަލައާއި ތުއްތު ކުއްޖާ މަރުވި މައްސަލަ ބަލަމުން އަންނަ ކަމަށެވެ.
ފަނަރަ އަހަރުގެ ކުއްޖާ ވިހެއި ދަރިފުޅު މަރުވެފައިވާއިރު ކުއްޖާ ވިއްސީ ގޭގައި ކަމަށް މައުލޫމާތު ލިބެއެވެ. ދުވަސްފުރައި ވިހޭ ދަރިފުޅު އޮތީ މަރުވެފައެވެ.
އެނގިފައިވާ ގޮތުގައި، އިއްޔެ މެންދުރެއްހާ އިރު އެ ކުއްޖާ ސިއްހީ މަރުކަޒަށް ގެންދިޔައީ، ވިހެއުމަށް ފަހު ދަރިފުޅުގެ ފޫޅު ބުރިކޮށްލަން އުޅުމުގެ ތެރޭގައި ދިމާވި ކަމެއްގެ ސަބަބުން ލޭ މަނާ ނުވެގެންނެވެ.
ސިއްހީ މަރުކަޒަށް ގެންގޮސް ލޭ އަޅަން ޖެހުނު ކަމަށް ވެއެވެ.
އެތަނުން އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން، ސީ އެމްބިއުލާންސްގައި އެ ކުއްޖާ ވަނީ ވަގުތުން މާލެ ގެނެސްފަ އެވެ.