ޕެރިސް އޮލިމްޕިކްސްގެ ފިރިހެން ފުޓުބޯޅަ އިވެންޓުގެ ލޯ މެޑަލް މޮރޮކޯއިން ހޯދައިފިއެވެ.
ފްރާންސްގެ ސްޓޭޑް ޑެ ލަ ބެއޫއޯރޭގައި ކުޅުނު ތިންވަނަ ހޮވި މެޗުގައި މޮރޮކޯއިން މިސްރުގެ މައްޗަށް ކުރި ހޯދީ 6-0 ގެ ތަފާތު ބޮޑު ނަތީޖައަކުންނެވެ. މިފަހަރުގެ އޮލިމްޕިކްސްގެ ސެމީ ފައިނަލުގައި އެފްރިކާގެ ދެ ގައުމުން ވާދަކޮށްފައިވާ އިރު، އެއީ އެ ހިސާބަށް އެފްރިކާގެ ދެ ޓީމަކުން ދިޔަ ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަށް ނުކުތްއިރުވެސް އެފްރިކާގެ ކޮންމެވެސް އެއް ޓީމަކަށް މެޑަލް ޔަގީންވެފައިވާ އިރު، މޮރޮކޯއިން މޮޅުވީ މުބާރާތުގައި ހޯދި އެންމެ ބޮޑު މޮޅާއެކުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި މޮރޮކޯގެ އަބްދޭ އެޒަލްޒޫލީއާއި ސުފިޔާން ރަހީމީ ޖެހި ގޯލުތަކުން މޮރޮކޯއިން ދެވަނަ ހާފަށް ނުކުތީ ހަމަޖެހިލައިގެންނެވެ.
ދެވަނަ ހާފުގައި މޮރޮކޯގެ ގޯލުތައް ޖެހީ ބިލާލް އެލް ހަނޫސްއާއި އަކްރަމް ނަކާޝްގެ އިތުރުން އަޝްރަފް ހަކީމީއެވެ. އޭގެ އިތުރުން ދެވަނަ ހާފުގައިވެސް ރަހީމީގެ އިތުރު ގޯލެއް ފެނިގެން ގޮސްފައިވެއެވެ. މެޗުގައި ހަކީމީ ޖެހި ގޯލަކީ ހިތްގައިމު ހިލޭ ޖެހުމެކެވެ.
މިފަހަރު އޮލިމްޕިކްސްގެ ފުޓުބޯޅަ ރަން އަދި ރިހި މެޑަލް ޔަގީން ވާނީ މިރޭ ސްޕެއިނާއި ފްރާންސުން ވާދަކުރާ މެޗުންނެވެ.