ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 64

އަބްދުﷲ ފާރޫގް ހަސަން

(2 އޯގަސްޓުގެ އަދަދާ ގުޅޭ)

ތާރީޚު މިހިސާބަށް އައިއިރު ޢަރަބިކަރައިގެ މަސްރަޙުގައި އޮތީ ވަރުން އަޅައިލެވޭވަރުގެ ތިންބާރެކެވެ. މުސްލިމުންނާއި މައްކާގެ މުޝްރިކުންނާއި ޚައިބަރުގެ ޔަހޫދީންނެވެ. ހަނދުމަފުޅު ހުންނާނެ ފަދައިން އަޙްޒާބު ހަނގުރާމައިގައި މަދީނާއަށް ޒަލްޒަލާއެއް ގެނުވީ މައްކާގެ މުޝްރިކުންނާއި ޚައިބަރުގެ ޔަހޫދީންނާއި ނަޖުދުގެ ޤަބީލާތަކާ ގުޅިގެންނެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙިކުމަތްތެރި ނިންމެވުމަކަށްވީ ޙުދައިބިއްޔާގައި ޤުރައިޝުންނާ ޞުލްޙަވެވަޑައިގެންނެވުމެވެ. ޤުރައިޝުން ހުށަހެޅި ހުރިހައި ހުށަހެޅުމެއް ޤަބޫލުކުރައްވައިގެންނެވެ. އެގޮތުން އަޙްޒާބުގެ އެންމެ ވަރުގަދަ ފިޔަ އެ ޕާޓީއާ ވަކިކުރައްވައި އެފަރާތުން ނުރައްކަލެއް ނާންނާނެކަމުގެ ޔަޤީންކަން ހޯއްދެވިއެވެ. އެއަށްފަހު ލިބިވަޑައިގެންނެވި އެންމެ އަވަސް ފުރުޞަތުގައި ޚައިބަރާ ޙަމަލަދެއްވިއެވެ. إبـــن إسحــاق ރިވާކުރައްވައިފައިވެއެވެ. "ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ހުދައިބިއްޔާއިން އެނބުރިވަޑައިގެން ޙައްޖުމަހާއި މުޙައްރަމްމަހުގެ ދުވަސްކޮޅެއް މަދީނާގައި ހޭދަކުރެއްވިއެވެ. އެއަށްފަހު ޚައިބަރަށް ފުރާވަޑައިގެންފިއެވެ." މުފައްސިރުން ވިދާޅުވާގޮތުގައި ޚައިބަރުގެ ފަތަޙައަކީ އަރަހުށި މާތް اللّــــه ހުދައިބިއްޔާގެ ޞުލްޙައާ ވިދިގެން މުސްލިމުންނަށް ވަޢުދުކުރައްވައިފައިވާ ފަތަޙައެކެވެ. ســـــورة الــفـتـح ގެ ވިހިވަނަ އާޔަތުގައި އިޝާރަތްކުރައްވައިފައިވަނީ އެ ފަތަޙައަށެވެ.

"ތިޔަބައިމީހުންނަށް ލިބޭނެ ގިނަ ޣަނީމާ މުދާތަކެއް، ތިޔަބައިމީހުންނަށް اللّــــه ވަޢުދުކުރައްވައިފައިވެއެވެ. ފަހެ، މިކަންތައް ތިޔަބައިމީހުންނަށް އެކަލާނގެ އަވަސްކޮށްދެއްވިއެވެ." (ســـــورة الــفـتـح: 20)

ކުރީންވެސް ދެންނެވިފަދައިން ޚައިބަރުގެ ޔަހޫދީންނަކީ ވަރަށް ބާރުހުރި ބަޔެކެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރާ ކުރިމަތިލެއްވުމުގައި ޢަސްކަރީ ޙިކުމަތު ޢަމަލީ ވަރަށްބޮޑަށް ބޭނުންފުޅު ހިއްޕެވިއެވެ. ޚައިބަރުގައި ތަމްރީނު ލިބިފައިވާ ވިހިހާސް ހަނގުރާމަވެރީން ތިއްބެވެ. އެހެންކަމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރަށް ގެންދެވީ ތަޖުރިބާކުރެއްވި އަޖުމަ ބެއްލެވިފައިވާ މުޖާހިދުންނެވެ.

ހުދައިބިއްޔާގެ ޞުލްޙައިގެ މުޤައްދިމާޔަކީ މުސްލިމުންގެ ކުރިމަތީގައި المـسجــد الحـــــــرام ގެ ދޮރުކޮޅުތައް ހުޅުއްވައިލެއްވުމުގެގޮތުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޢުމްރާއެއް ވެވަޑައިގެންނެވުމަށް މައްކާއަށް ކުރެއްވި ދަތުރުފުޅެވެ. މަދީނާގެ ކައިރީގައި އިސްލާމީ ދައުލަތުގެ ވެރިކަމުގެ ދަށުގައިހުރި ޤަބީލާތަކަށް އެދަތުރުފުޅުގައި އަރިހުގައި ދިޔުމުގެ ދަޢުވަތު ދެއްވިއެވެ. ނަމަވެސް އަޢުރާބީންގެ ގިނަމީހުންގެ ފަރާތުން ފެނުނީ ބުރަހެލިކަމެވެ. ކަންނެތްކަމެވެ. މަދީނާގެ މުނާފިޤުންނާއި އީމާންކަން ބަލިކަށި މީހުންވެސް ކައުސާހިބާގެ އަރިހުގައި އެ ދަތުރުފުޅުގައި ބައިވެރިވުމުގެ ބަދަލުގައި ގޭގައި މަޑުކުރީއެވެ. އެހެންކަމުން ޚައިބަރު ހަނގުރާމައިގައި އަރިހުގައި ގެންދެވީ ޢުމްރާވެވަޑައިގެންނެވުމަށްޓަކައި ކުރެއްވި ދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންނެވެ. ޙުދައިބިއްޔާގައި ބައިޢަތުއްރިޟުވާނުގައި ބައިވެރިވެވަޑައިގެންނެވި ބޭކަލުންނެވެ. އެދަތުރުފުޅުގައި ބައިވެރިނުވާ މީހުންނާމެދު އަރަހުށި މާތް اللّــــه އިރްޝާދު ދެއްވައިފައިވަނީ މިދަންނަވާ ފަދައިންނެވެ.

"ޣަނީމާތަކެއް އަތުލުމަށްޓަކައި ޣަނީމާތަކަކަށް (އެބަހީ: ހަނގުރާމައަށް) ތިޔަބައިމީހުން ހިނގައްޖެނަމަ، ހަނގުރާމަޔަށްނުގޮސް ފަސްޖެހުނު މީހުން ބުނާހުށްޓެވެ. ތިޔަބައިމީހުންގެ ފަހަތުން ތިމަންމެން ދިޔުމަށް ތިމަންމެން ދޫކޮށްލާށެވެ! އެހެނީ اللّــــه ގެ ބަސްފުޅު ބަދަލުކުރުމަށެވެ. ކލޭގެފާނު ވިދާޅުވާށެވެ! ތިމަންމެންގެ ފަހަތުން ތިޔަބައިމީހުން އައިސްގެން ނުވާނެއެވެ. މީގެކުރީން اللّــــه އަންގަވައިފައިވަނީ އެފަދައިންނެވެ. ދެން އެއުރެން ބުނާނެތެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ތިމަންމެންނަށް ޙަސަދަވެރިވަނީއެވެ. އަދި ކިއެއްތަ! ދާދިކުޑަކޮށްމެނުވީ އެއުރެންނަކަށް ނުވިސްނެއެވެ." (ســـــورة الــفـتـح: 15)

އިސްލާމީ ތާރީޚުގައި ޚައިބަރު ހަނގުރާމައިގެ ކުރީން ހިނގައިފައިވާ ހަނގުރާމަތަކަކީ އުޞޫލީގޮތުން ބަލާއިރު ދިފާޢީ ހަނގުރާމަތަކެކެވެ. އޭގެ އެންމެ ސާފު ހެތްކަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވުމުގެ ކުރީން ޞަރީޙު ބަސްފުޅުން ޢާންމުކޮށް އިޢުލާންކުރެއްވިކަމެވެ. "އަހަރެމެންނާއެކު މިފަހަރު ދެވޭނީ މާތް اللّــــه ގެ ކަލިމަފުޅު މަތިވެރިކުރާން ޖިހާދުކުރަން ބޭނުންވާ މީހުންނަށް އެކަންޏެވެ."

އާދެ، ޚައިބަރު ހަނގުރާމަޔަކީ އެހަނގުރާމައިގެ ޒަރީޢާއިން ޣައިރު މުސްލިމުންގެ ބަޔަކު އިސްލާމީ ދައުލަތުގެ ރައްޔިތުންކަމުގައި އެންމެފުރަތަމަ ހަދައިލެވުނު ހަނގުރާމައެވެ. އިސްލާމްދީނުގެ އަސްލު މަޤްޞަދަކީ މާތް اللّــــه ގެ ދީން ތަބްލީޣުކުރުމެވެ. އިސްލާމީ ދަޢުވަތުގެ މަގަށް ހުރަސްނާޅާ އަދި އިސްލާމީ ދައުލަތަށް ޗެލެންޖު ނުކުރާ ބަޔަކާ ހަނގުރާމަކޮށް އެބަޔަކު ރައްޔިތުންކަމުގައި ހަދާކަށެއް ބޭނުމެއް ނުވެއެވެ. އެބަޔަކު ހަމައެކަނި ޞުލްޙައިގެ މުޢާހަދާއެއް ކުރުމުން ފުދެއެވެ. އޭގެ ވަރަށްގިނަ މިސާލުތައް އިސްލާމީ ތާރީޚުން ފެންނާން އެބަހުއްޓެވެ. ޝައްކެއްނެތެވެ. ބަޔަކު އިސްލާމީ ދަޢުވަތަށް ހުރަސްއަޅައި އިސްލާމީ ދައުލަތް ނައްތައިލާން ދިމާކޮށްފިކަމުގައިވާނަމަ ދައުލަތުގެ ފުރަމާނަ ދައްކަވައި އެބަޔަކު މައިތިރިކުރައްވާން ޖެހެއެވެ. މުސްލިމުންނަށް އެކަމަށްޓަކައި ކަނޑީގައި ހިފާންޖެހެއެވެ. ޚައިބަރަކީ މިގޮތުން މުސްލިމުން ފަތަޙަކުރި އެންމެފުރަތަމަ ރަށެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ހަނގުރާމަޔަށް ނުކުމެވަޑައިގެންނެވީ ހިޖްރައިން ހަތްވަނަ އަހަރުގެ މުޙައްރަމްމަހުގެ ކުރީކޮޅުގައެވެ. އަރިހުގައި ގެންދެވި ލަޝްކަރުގެ ޢަދަދަކީ ސޯޅަސަތޭކަ މުޖާހިދުންނެވެ. ކުރީންވެސް ދެންނެވިފަދައިން ހައްތާވެސް އެއީ ތަޖުރިބާކުރެއްވި އަޖުމަ ބެއްލެވިފައިވާ މުޖާހިދުންނެވެ. އެބޭކަލުންގެ ތެރެޔަކު މުނާފިޤަކު ނުވެއެވެ. އެބޭކަލުންގެ ތެރޭގައި ތިއްބެވި ސަވާރުންގެ ދުއިސައްތަ ބޭކަލުންނެވެ. ދެން ތިއްބެވީ ފައިމަތީގައި ހަނގުރާމަކުރައްވާ ބޭކަލުންނެވެ. އިސްލާމީ ތާރީޚުގައި ޚައިބަރު ހަނގުރާމައަކީ ރަސްމީގޮތުން އެންމެފުރަތަމަ ޢަސްކަރީ ދިދަ ބޭނުންކުރެއްވި ހަނގުރާމައެވެ. ތެދުފުޅެކެވެ. އޭގެކުރީންވެސް ކުދިކުދި ދިދަތަކެއް ދިޔައީ ބޭނުންކުރެވެމުންނެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރު ހަނގުރާމަޔަށް ޚާއްޞަ ތިން ދިދަ ތައްޔާރުކުރެއްވިއެވެ. އޭގެތެރެއިން އެއްދިދަ ދެއްވީ حـبــّـاب بـــن مـــنــــذر رضـــــى اللّـــه عــنـــــه އަށެވެ. އަނެއް ދިޔަ ســعـــد بــــن عُــبــادة رضـــى اللّـــه عــنـــــه އަށެވެ. ތިންވަނަ ދިދަ (ޚާއްޞަ ނަބަވީ ދިދަކޮޅު) ދެއްވީ ޖަނާބެ އަމީރަށެވެ. عـلـــى مـــرتـضـــى كــــــرّم اللّـــه وجـهــــه އަށެވެ. އެހައިތަނަށް އައިއިރުވެސް މުސްލިމުންގެ ޙާލަތު ހުރިގޮތުން ދިދަފަހާނެ ފޮތި ހޯދުމަކީވެސް ކުޑަކަމެއް ނޫނެވެ. އެހެންކަމުން ޚާއްޞަ ނަބަވީ ދިދަކޮޅު ތައްޔާރުކުރެއްވީ أمّ المــؤمــنـــيـــن السّــيّــدة عـائشـــة صــدّيــقــــة رضــــى الـلّــه عــنـــهـــا ގެ ދޯޕައްޓާކޮޅަކުންނެވެ. އެއީ ހުދުކުލައިގެ ދޯޕައްޓާކޮޅެކެވެ. أمّــهــات ންގެ ތެރެއިން މިދަތުރުފުޅުގައި އަރިހުގައި ގެންދެވީ أمّ المــؤمــنـــيـــن السّــيّــدة أمّ سـلـمــة رضــــى الـلّــه عــنـــهـــا އެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޚައިބަރަށް ވަޑައިގެންނެވުމަށްޓަކައި މަގުދަންނަ އާރުކާޓީންގެ ދެމީހުން ހޯއްދެވިއެވެ. އެ ދެމީހުންނަށް އެންގެވީ ޚައިބަރުގެ މަދީނާއާ ދުރުފަރާތުން (ޝާމުކަރަޔާވީ ފަރާތުން) ރަށުގެ ކައިރިޔަށް ދިޔުމަށެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ޙިކުމަތްތެރި ރޭއްވެވުމަކީ ޔަހޫދީން ޝާމުކަރަޔަށް ފިލައިގެން ދިޔުމުގެ މަގު ބަންދުކުރެއްވުމެވެ. ހަމައެއާއެކު ޣަޠުފާނުވަންހައިގެ މީހުން ޚައިބަރާ އެހީވާން އައުމުގެ މަގުވެސް ބަންދުކޮށްލެއްވުމެވެ.

ޣަޠުފާނުވަންހައިގެ މީހުން ދިރިއުޅޭ ސަރަޙައްދު ފަސްދެއްވައި ޚައިބަރާ ކައިރިޔަށް ވަޑައިގެންފައި އެތާނގައި ޢަސްކަރުގާހެއް ހެއްދެވިއެވެ. މުޖާހިދުންގެ ގެމައެއްގެ އިތުރަށް އެތާނގައި ބައިތިއްބެވީ ހަނގުރާމަޔަށް ވަޑައިގެންނެވި ޞަޙާބިއްޔަތުންނެވެ. ޢަސްކަރީ ބައެއް ހަތިޔާރުތަކާއި ފޯރުމާލުގެ ބައެއްވެސް އެތާނގައި ބެހެއްޓެވިއެވެ. އެ ޢަސްކަރުގާހުގެ ކޮމާންޑަރަކަށް ހަމަޖެއްސެވީ عــثمـــان ذوالــنّــــــوريــــن رضـــــى اللّــــه عــنـــــه އެވެ. އެ ޢަސްކަރުގާހު ހެއްދެވުމަކީވެސް ވަރަށްބޮޑު ފައިދާއެއް ލިބުނު ކަމެކެވެ. ޣަޠުފާނުވަންހައިގެ މީހުން ޚައިބަރަށް އެހީވާން ދަތުރު ފެށިތަނާ ފަހަތުން ޢަސްކަރީ ޙަރަކާތްތަކެއްގެ އަޑު އިވޭންފެށުމުން އަމިއްލަ ގޯތިގެދޮރު ޙިމާޔަތްކުރާން އެނބުރި ރަށަށް ހިނގައްޖެއެވެ. ޚައިބަރާ އެހީވާކަށެއް ނުދެވުނެވެ.

އިސްލާމީ ލަޝްކަރު ޚައިބަރުގެ ރަށްބޭރަށްދިޔައީ އެއްރެއެއްގެ ފަތިހުއެވެ. އިސްލާމީ ލަޝްކަރު އެރަށުގެ ރަށްބޭރަށް ދިޔަކަމެއް ޔަހޫދީންނަކަށް ރޭކައެއް ނުލައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އާދަފުޅަކީ ރޭގަނޑަކު ރަށެއްގެ ރަށްބޭރަށް ލަޝްކަރާއިގެން ވަޑައިގެންނެވިކަމުގައިވިޔަސް ރޭގަނޑު އެރަށެއްގެ އަހްލުވެރީން ޣާފިލުކަމުގައި ތިއްބައި އެރަށަކަށް ޙަމަލަ ނުދެއްވުމެވެ. އެހެންކަމުން ފަޖުރުލުމުން ލަޝްކަރާއިގެން ފަތިސްނަމާދު ކުރެއްވިއެވެ. އެއަށްފަހު މުސްލިމުންނާއިގެން ރަށުގެ ކައިރިޔަށް ލެފިވަޑައިގެންނެވިއެވެ. ކުރިންވެސް ދެންނެވި ފަދައިން ޚައިބަރުގެ އަހްލުވެރީންނަކަށް އިސްލާމީ ލަޝްކަރު ރަށުގެ ރަށްބޭރަށް އައިކަމެއް ނޭނގެއެވެ. އެބައިމީހުން އުދަލިތަކާއި އޮޑާތަކާއި އެނޫންވެސް ދަނޑުވެރިކަމުގެ އާލަތްތައް ހިފައިގެން ދަނޑަށްދާން ރަށްބޭރަށް ނުކުތުމުން ފެނުނީ އިސްލާމީ ލަޝްކަރު ރަށާ ކައިރިކޮށްފައިވާ ތަނެވެ. އެމަންޒަރު ފެނުމުން "ކަލާނގެ ރަސްކަންފުޅު ގަންދެމުއޭ محـمّــد (صـلّـــــى اللّــــه عــلـيــــه وسـلّـــــم) ލަޝްކަރާއިގެން ވަޑައިގެންފިޔޭ" ގޮވަމުން ރަށަށް ވަންނާން ދުއްވައިގެންފިއެވެ.

(ނުނިމޭ)