ޝަހީދާ އަބްދުﷲ ސައީދު
މަޖިލިސް އިންތިހާބުގައި ވާދަކުރި ކެންޑިޑޭޓުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ ކެނޑިޑޭޓުންގެ މައްޗަށް ދައުވާ ކުރުމަށް އެދި އިލެކްޝަންސް ކޮމިޝަން (އީސީ) އިން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވި މައްސަލަތައް އަނބުރާ ފޮނުވާލައިފިއެވެ.
އެމައްސަލަ އަނބުރާ ފޮނުވައިލީ އީސީން ފުރިހަމަކުރި ރިޕޯޓްގައި އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުން ކަމަށް ޕީޖީން ބުނެއެވެ.
''ވަންއޮންލައިން'' އަށް މައުލޫމާތު ދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކުރަމް ވިދާޅުވީ އަދި އެމައްސަލައިގައި ފުލުހުން މެދުވެރިކޮށް ހޯދަންޖެހޭ ކަންކަން ހޯދައި ފުރިހަމަކުރުމަށްފަހު ވީހާވެސް އަވަހަކަށް މައްސަލަ ޕީޖީއަށް ފޮނުވާނެ ކަމަށެވެ. އަދި ފުރިހަމަކުރަންޖެހޭ އިތުރު ކަންކަމުގެ ތެރޭގައި ފުލުހުންގެ އެހީ ހޯދަންޖެހޭ ކަންކަން ހިމެނޭ ކަމަށް އަކުރަމު ވިދާޅުވިއެވެ.
މާލީ ބަޔާން ހުށަނޭޅުމުން ދައުވާކުރަން ފޮނުވީ 36 ކެންޑިޑޭޓެއްގެ މައްސަލަ އެވެ. އެމައްސަލައިގައި ދައުވާކޮށްދިނުމަށް އެދި އީސީން ޕީޖީއަށް ފޮނުވާފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.
މަޖިލީހުގެ އިންތިހާބުގައި 386 ކެންޑިޑޭޓަކު ވާދަކުރިއެވެ. އިންތިހާބާ ބެހޭ އާންމު ގާނޫނުގައިވާ ގޮތުގައި، އިންތިހާބެއް ބާއްވާތާ 21 ދުވަހުގެ ތެރޭގައި އެ އިންތިހާބެއްގައި ވާދަކުރި ކެންޑިޑޭޓުން މާލީ ބަޔާން އީސީއަށް ހުށަހަޅަން ޖެހެއެވެ.
އިންތިހާބާ ބެހޭ އާއްމު ގާނޫނުގައި ބުނެފައި ވަނީ، ވަކި ކަމެއް ކުރުމަށް އެ ގާނޫނުގައި ކަނޑައަޅާފައި ވަނިކޮށް އެކަން ނުކުރުމަކީ އިންތިހާބީ ކުށެއް ކަމަށެވެ.
އޭގެ އަދަބެއްގެ ގޮތުން، ހަ މަސް ދުވަހާއި ދެ އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށް ލުން ނުވަތަ 6،000 ރުފިޔާއާއި 24،000 ރުފިޔާއާއި ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ގާނޫނުގައި ވެއެވެ.