ޑރ. މުހައްމަދު ޖަމީލް އަހްމަދު

ރާއްޖޭގައި ރައީސް ޔާމީނަށް ވުރެ މޮޅަށް ބަލިވާން ދަންނަ މީހެއް ނެތް: ޖަމީލް

ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ވަރަށް މޮޅަށް ބަލިވާން ދަންނަ ބޭފުޅެއް ކަމަށާއި ރާއްޖޭގައި އެމަނިކުފާނަށް ވުރެ މޮޅަށް ބަލިވާން ދަންނަ މީހެއް ނެތް ކަމަށް ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ވެސް ބަލިވީ ކަމަށާއި 2013ގައި ރައީސްކަމަށް އިންތިހާބުވެ ވަޑައިގެންނެވުމާއެކު ރައީސް ޔާމީން މުޅިން އެހެން ބޭފުޅަކަށް ބަދަލުވެވަޑައިގެންނެވި ކަމަށެވެ.

"ރައީސް ޔާމީނަކީ ވަރަށް މޮޅު ބޭފުޅެއް. ރައީސް ޔާމީނަކީ މޮޅަށް ބަލިވާން ދަންނަ ބޭފުޅެއް. ރާއްޖޭގައި މިއަށްވުރެ މޮޅަށް ބަލިވާން ދަންނަ ބޭފުޅެއް ނެތް. ލޯކަލް ކައުންސިލް އިންތިހާބުގައި ބޮޑު ތަނުން ބަލިވެގެންދިޔައީ. އިންތިހާބުވެވަޑައިގެންނެވުމާއެކު ރައީސް ޔާމީން މުޅިން އެހެން ބޭފުޅަކަށް ބަދަލުވެވަޑައިގެންނެވީ،" އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ ރައީސް ޔާމީން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރައްޔިތުން އަޅުވެތިކުރަން މަސައްކަތްކުރެއްވީމަ ކަމަށާއި މަޝްވަރާގެ އުސޫލެއް ގެންގުޅުއްވަން ރައީސް ޔާމީން ބޭނުންފުޅު ނުވާ ކަމަށެވެ. އަދި ރައީސް ޔާމީން ދެކެވަޑައިގެންނެވީ އެމަނިކުފާނަކީ ރަސްކަލެއްގެ ގޮތުގައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ރައީސް ޔާމީން ބަލިވުމުގެ އެންމެ ބޮޑު ސަބަބަކީ ރާއްޖޭގެ ރައްޔިތުން އަޅުވެތިކުރަން މަސައްކަތްކުރެއްވީމަ. ރައީސް ޔާމީން ދެކެވަޑައިގެންނެވީ އެމަނިކުފާނަކީ ރަސްކަލެއް ކަމަށް. އެ އަޅުވެތިކަން ފަހަނައަޅާ ހިނގައްޖެ. ރަސްކަން ނިންމާލައިފި. ވެރިއެއްގެ އެންމެ އަސާސީ ސިފައަކީ އެ ވެރިމީހާ ގަބޫލުކުރަން އެބަޖެހޭ ތިމަންނައަކީ ރައްޔިތުންގެ ހާދިމެއްކަން،" އޭނާ ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ އޭނާއަށް ވައްކަމާއި ކޮރަޕްޝަން ގަބޫލެއް ނުކުރެވުނު ކަމަށާއި ލޯ މަތީގައި އަނިޔާކުރަމުންދާ އިރު ރައީސް ޔާމީން ދިފާއުގައި ވާހަކަނުދެއްކޭނެ ކަމަށެވެ. އަދި އަންނަން އޮތް ސަރުކާރުން ކުރަން ޖެހޭ އެންމެ މުހިންމު އެއް މަސައްކަތަކީ ރާއްޖޭގެ މުއްސަނދިކަން ފޭރިގަތްގަތުން އަނބުރައި ރާއްޖޭގެ ބައިތުލްމާލަށް ވެއްދުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.