ރިޕޯޓް

ނޭނގި ހުއްޓާ އެރި މަރުގެ އެތިފަހަރު! މާލޭގައި ދުއްވުން މަނާކާރެއް، ތިންމީހުންގެވެސް ކުށުގެ ރެކޯޑު!

އަލީ ޔާމިން

ނުރައްކާތެރި އެކްސިޑެންޓުތަކުގައި، އެތައް ބައެއްގެ ފުރާނަ ހިނގައްޖެއެވެ. ވަރަށް ގިނަ ފަހަރު އަނިޔާ ލިބެނީ، ކުށެއް ނެތް މައުސޫމު ފަރާތްތަކަށެވެ. ބައެއްގެ، އިހުމާލުން އެ ދުއްވައިލެވެނީ މައުސޫމް އެތައް ބައެއްގެ ފުރާނައެވެ. އެއްގަމު އުޅަނދު ދުއްވަމުގައި އަމަލުކުރަން ޖެހޭގެ ގޮތް ކަޅާއި ހުދުން ސާފުކޮށް ބަޔާންކޮށްފައި އޮވެއެވެ. ދުއްވޭނެ ބާރުމިނާއި ގޯޅި އަޅާއިރު ކަންކަން ކުރަންވީ ގޮތާއި އޯވަޓޭކް ކުރާއިރު ކަން ކުރާންވީ ގޮތާއި އެނޫންވެސް ކަންކަމާ ގުޅޭ ހުރިހާ ގަވައިދުތަކެއް ހެދިފައި އެބަހުއްޓެވެ. އެހެންނަމަވެސް، ގަވައިދުން ދުއްވާ މީހުނަށްވުރެ ގިނައީ ގަވައިދާ ޚިލާފަށް ދުއްވާ މީހުނޭ ބުނެވިދާނެއެވެ.

މިދިޔަ އަންގާރަ ދުވަހު، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ވިނަރެސް ފްލެޓްތައް ކައިރީ ކާރެއް ކޮންޓްރޯލު ނުވެ، މަގުގެ އެއް ފަރާތުގައި، ސައިކަލެއްގެ މަތީގައި މަޑުކޮށްލައިގެން ހުރި މީހެއްގެ ގައިގައި ޖެހި ހިނގި އެކްސިޑެންޓަކީ "އިހުމާލު" ގެ މިސާލެކެވެ. އެކްސިޑެންޓުވި ރަތްކުލައިގެ ސްޕޯޓްސް ކާރުގެ ފޮޓޯތަކާއި ވީޑިއޯތަކުން އެނގޭ ގޮތުގައި އެ ކާރު ރަޖިސްޓަރީކޮށްފައި އޮތީ "ބީ" ޒޯނަށެވެ. ބީ-ޒޯން ގައި ދުއްވޭނީ ހއ، ހދ، ލ، ގއ، ގދ، ޏ އަދި ސ އަތޮޅުގެ ރަށްރަށުގައެވެ. މާލެ ސަރަހައްދުގައި ދުއްވޭނީ "އޭ" ޒޯންގައި ރަޖިސްޓްރީ އޮންނަ އުޅަނދުތަކަށެވެ. އެހެންކަމުން، އެ ކާރަކީ، މާލެ ސަރަހައްދުގައި ދުއްވުން ގާނޫނީ ގޮތުން މަނާ ކާރެކެވެ.

ވީޑިއޯ ފޫޓޭޖުން ފެންނަ ގޮތުގައި، އެ އެކްސިޑެންޓު ހިނގީ، ބާރު ސްޕީޑުގައި އައިސް ގޯޅި އަޅަން އުޅުމުގެ ތެރޭގައި ކާރު ކޮންޓްރޯލުން ނެއްޓިގެންނެވެ. އެއީ ދެ ވަނަ ކުށެވެ. މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނި ގޮތުގައި އެކްސިޑެންޓު ހިނގިއިރު، ކާރު ދުއްވާފައި އައީ، ގާނޫނުގައި ބުނާ ސްޕީޑް ލިމިޓަށްވުރެ މާ ބާރަށެވެ. އެ ބާރުމިނުގައި ގޮސް ފުރަތަމަ ޖެހެނީ މަގުގެ މެދުގައި ހުރި "މަގުދެބައި" ގައެވެ. އެތަނުގައި ޖެހުމުން ކާރު މާބޮޑަށް ކޮންޓްރޯލުން ނެއްޓެއެވެ.

އެ ކާރު ފުރަތަމަ ދެން ގޮސް ޖެހުނީ، ވިނަރެސް ފްލެޓްތައް ތިރީގައި ހުންނަ ގްރޮސަރީ ފިހާރައެއް ކަމުގައިވާ "ސްޓޮކްމަން" ފިހާރައާ ދިމާއިން މަގުގެ އަރިމަތީ ސައިކަލެއްގެ މަތީ މަޑުކޮށްލައިގެން ހުރި ފިރިހެނެއްގެ ގައިގައެވެ. އެ މީހާ އެ ތަނަށް މަޑުކޮށްލީ އޭގެ ދެތިން ސިކުންތު ކުރީންނެވެ. ވީޑިއޯއިން ފެންނަ ގޮތުގައި، އޭނާ މަޑުކުރީ ފޯނެއް އައިސްގެން އެ ފޯނަށް ޖަވާބުދިނުމަށެވެ. ބާރު ސްޕީޑުގައި އައި ކާރުން ޖެހި އޭނާ ދިޔައީ ވިއްސައިގެންނެވެ. ސައިކަލާއެކު، މަގުގެ ޕޭވްމަންޓު މައްޗަށް ކާރު އަރައި ކާރު ކޮންޓްރޯލްވީ، އެތަނުގައި ޕާކުކޮށްފައި ހުރި އެހެން ސައިކަލުތަކެއްގައި ޖެހިގެންނެވެ. އެ އެކްސިޑެންޓުގައި ކާރުގައި ތިބި ތިން މީހުންނަށް މާ ބޮޑު އަނިޔާތަކެއް ނުވިނަމަވެސް، ސައިކަލުގައި އިން މީހާއަށް ވަނީ ބޮޑެތި އަނިޔާތަކެއްވެފައެވެ.

އެކްސިޑެންޓު ހިނގުމާއެކު ސައިކަލު މަތީ އިން މީހާ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ. ނަމަވެސް އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރިއެވެ. އެ މީހާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށްފަހު، މިހާރު ވަނީ ވޯޑަށް ބަދަލުކޮށްފައެވެ. އެނގިފައިވާ ގޮތުގައި އޭނާގެ ބޯ ފަޅައިގެން ގޮސް، އެއް އަތާއި އެއް ފައި ބިންދައިގެން ގޮސްފައިވެއެވެ. އަދި މޫނަށްވެސް އަނިޔާވެފައިވެއެވެ.

އެކްސިޑެންޓުގެ ވީޑިއޯ ފޫޓޭޖަކުން ފެންނަ ގޮތުގައި، އެ އެކްސިޑެންޓު ހިނގުމުން، ކާރުގައި ތިބި ތިން މީހުންވެސް ވަނީ ކާރުން ފައިބައިފައެވެ. އަދި އިރުކޮޅަކު އެތާނގައި މަޑުކުރުމަށް ފަހު، އެ މީހުން އެ ސަރަހައްދު ދޫކޮށް ދެއެވެ. އެ މީހުން އެ ސަރަހައްދު ދޫކޮށް ދިޔައީ، ސައިކަލެއްގައެވެ. އެއިރު، ފުލުހުންވެސް އެ ސަަރަހައްދުގައި ހަރަކާތްތެރިވެއެވެ. ފުލުހުން ފަހުން ވަނީ، އެ މީހުން ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި އެކްސިޑެންޓު ހިނގި ކާރުގައި ތިބީ މާލޭގެ ގޭންގަކަށް ނިސްބަތްވާ ބައެކެވެ. އެ އެކްސިޑެންޓު ހިނގުމުން، އެ ގޭންގުގެ ބަޔަކު، އެ އެކްސިޑެންޓު ހިނގި ސަރަހައްދަށް ގޮސް، ސީސީޓީވީ ފޫޓޭޖު ނުދިނުމަށް އެދި ބައެއް މީހުންނަށް އިންޒާރު ދީފައިވާކަމަށްވެސް މައުލޫމާތު ލިބެއެވެ.

އެ އެކްސިޑެންޓާ ގުޅިގެން ފުލުހުން ހައްޔަރުކުރީ، އިކްރާމުއްރަހްމާން، ހ. ނޫރަންމާގެއާ އާއި، އިބްރާހިމް އިކްރާމް، މ. ލޭންޑް އޮފް ގާޑެންގެ އިތުރުން ޖިނާހް އިސްމާއީލް، އާޒާދުގެ، ގއ. ކަނޑުހުޅުދޫއެވެ. ކާރު ދުއްވަން އިނީ އިކްރާމެވެ. ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުން ވަނީ، އިކްރާމްއާއި އިކްރާމުއްރަހްމާން ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ. އަދި ޖިނާހުގެ ބަންދަށް ވަނީ 15 ދުވަސް ދީފައެވެ.

މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީވެސް ކުށުގެ ރެކޯޑް އޮތް މީހުން

ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، އެ އެކްސިޑެންޓުގެ މައްސަލައިގައި ހައްޔަރުކުރި ޖިނާހްއަކީ، މަސްތުވަތެކެތި ޓްރެފިކިން މައްސަލައެއްގައި 25 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އައިސްފައިވާ މީހެވެ. އެ މައްސަލައިގެ ހުކުމަށް ލުއިދީީ، އޭނާ ދޫކޮށްލީ، ރައީސުލްޖުމްހޫރިއްޔާއަށް ގާނޫނުން ލިބިވަޑައިގެންވާ ބާރުގެ ދަށުން، 2022 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގައިގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އިކްރާމަކީ މިއަހަރުގެ ފެބްރުއަރީ 13, ވަނަ ދުވަހު ގަލޮޅު ދަނޑުގައި ދެ ވަނަ ޑިވިޝަނުގެ ކުއާޓާ ފައިނަލުގައި ކުޑަހެންވޭރު ޔުނައިޓެޑާއި ވިކްޓަރީ ސްޕޯޓްސް ކްލަބު ކުޅުނު މެޗުގައި މާރާމާރި ހިންގިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ މީހެކެވެ. ފުލުހުން އޭނާ ހައްޔަރުކުރީ ދަނޑުގައި މާރާމާރީ ހިންގައި، ބިރުދައްކައި އިންޒާރު ދިނުމުގެ އިތުރުން އާންމު މަސްލަހަތަށް ގެއްލުން ދިންކަމުގެ ތުހުމަތުގައެވެ. ނަމަވެސް، އޭނާ ވަނީ ފަހުން ދޫކޮށްލައިފައެވެ.

އެނގިފައިވާ ގޮތުގައި އިކްރާމްރަހުމާންއަކީ އޭނާގެ އުމުރުން 16 އަހަރުގައި ކެނިބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ 16 އަހަރަށް ޖަލަށް ލުމަށް 2015 ވަނަ އަހަރު ހުކުމްކޮށްފައިވާ މީހެކެވެ. އޭނާގެ މައްޗަށް އެ ދައުވާކުރީ، އޭނާއާއި އިތުރު އަންހެން ކުއްޖަކު ހުރި ހެންވޭރު ގެސްޓުހައުސްއެއްގެ ކޮޓަރީގެ ތެރެއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ފެނުމުންނެވެ. އޭނާއަށް އެ ދައުވާކުރި އިރު، އޭނާއަކީ ކުޑަކުއްޖެއްކަމުން އެ ހުކުމް އިއްވީ ޖުވެނައިލް ކޯޓުންނެވެ. އެ ހުކުމް ހައިކޯޓުންވެސް ދެމެހެއްޓިއެވެ. ނަމަވެސް އިސްލާހީ ޕްރޮގްރާމެއްގައި އޭނާ ބައިވެރިވެފައިވުމުން، އެ ހުކުމުގެ އަދަބު، ވަނީ މައާފުކޮށްދީފަ އެވެ.