މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން އެެއްބަސްވުމެއްގައި ސޮއިކޮށްފި

އަލީ އިހްސާން

ކުދި އަދި މެދުފަންތީގެ ވިޔަފާރި ކުރިއެރުވުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމުގައި ދިވެހި ރާއްޖޭގެފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިން ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއީލްއެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ޗައިނާގެ ސްޓޭޓް އެޑްމިނިސްޓްރޭޝަން ފޮރ މާކެޓް ރެގިއުލޭޝަން ހިޒް އެކްސެލެންސީ ޒޭންގ މާއޯއެވެ.

ޗައިނާ ސްޓޭޓް އެޑްމިނިސްޓްރޭޝަން ރެގިއުލޭޝަން އާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓާ ދެމެދު މިއަދު ސޮއިކުރި މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގެ ދަށުން ދެ ގައުމުގެ ދެމެދުގައި ގުޅުން އިތުރަށް ބަދަހި ކުރުމަށްޓަކައި، މަސައްކަތްތަކެއް ކުރެވިގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ. އެގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމާއި ސްޓޭންޑާރޑްސް އަދި ކޮންސިއުމަރ ޕްރޮޓެކްޝަންގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަސައްކަތްތަކެއް ކުރެވިގެން ދާނެކަމަށް އެ މިނިސްޓްރީން ބުނެއެވެ.

އެމްއޯޔޫގައި ހިމެނޭ ކަންތައްތައް ތަންފީޒު ކުރުމަށްޓަކައި، މަތީފަންތީގެ ބައްދަލުވުންތަކެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، އެގޮތުން ވޯކްޝޮޕްތަކާއި، ކޮންފަރެސްތައް މެދުވެރިކޮށް ދެ ގައުމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށްޓަކައި ކަނޑައެޅޭ ދާއިރާތަކަކުން މަޝްވަރާތައް ކުރިޔަށް ގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދެ ގައުމުގެ އޮފިޝަލުން އަދި އެކްސްޕާޓުން ދެ ގައުމަށް ޒިޔާރަތްކުރުމާއި، ކަމާބެހޭ ތަމްރީނުތައް ފޯރުކޮށްދިނުމަށާއި، ދެ ގައުމުން ކަނޑައަޅާ ދާއިރާތަކަކުން އެއްބާރުލުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކަމަށްވެސް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.