ޑރ. މުހައްމަދު ޖަމީލް އަހްމަދު

ވެރިކަމަށް ދަހިވެތިވެގެން އުޅުއްވީ ރައީސް ޔާމީން 500 ޕަސެންޓް އިތުބާރު ކުރެއްވި ބޭފުޅާ: ޖަމީލް

ވެރިކަމަށް ދަހިވެތިވެގެން އުޅުއްވީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ނޫން ކަމަށާއި އެކަމާ އުޅުއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް 500 ޕަސެންޓް އިތުބާރު ކުރައްވައިގެން ގެންނެވި ބޭފުޅާ ކަމަށް ޑރ. ޖަމީލް ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީ ފަލަސުރުހީ ޕްރޮގްރާމުގައި ރޭ ވާހަކަދައްކަވަމުން ޖަމީލަށް ފަހު ނައިބު ރައީސްގެ މަގާމަށް ރައީސް ޔާމީން ގެންނެވި އަހްމަދު އަދީބާ ގުޅޭގޮތުން ޖަމީލު ވިދާޅުވީ އޭނާ ވެރިކަމާ ހެދި ނޫޅުއްވާކަން އޭގެ ފަހުން ނައިބު ރައީސް ކަމަށް ގެންނެވި ބޭފުޅަކު އަމަލުކުރެއްވި ގޮތުން ސާބިތުވާ ކަމަށެވެ.

"އަޅުގަނޑު ވެރިކަމާ ހެދި ނޫޅޭކަން ސާބިތުވި ނޫންތޯ އޭގެ ފަހުން ވެރިކަމަށް އައި ބޭފުޅަކު އަމަލުކުރެއްވި ގޮތުން. އަޅުގަނޑު ނޫޅެމެއްނޫންތޯ އެބޭފުޅާގެ ނަފްސު ނަގާލާކަށް ވެސް. އަޅުގަނޑެއް ނޫޅެންތާ އެހެން ކަމެއް ކޮށްގެން ވެސް އެކަމެއް ހޯދައިގަންނާކަށް. 500 ޕަސަންޓް އިތުބާރު ކުރައްވައިގެން ގެންނެވި ބޭފުޅާ ނޫންތޯ އެއަމަލުކުރެއްވީ،" ރައީސް ޔާމީންގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ 2013ގެ ރިޔާސީ އިންތިހާބު ނިމުމާއެކު ވަޒީރުންގެ މަޖިލީހަށް އައްޔަންކުރި ބައެއް ވަޒީރުންގެ ދަހިވެތިކަން ބޮޑުވި ކަމަށާއި މިހާރު ނައިބު ރައީސް އިންނެވި ގޮނޑީގައި އިންނަން ޖެހޭނީ ތިމަންނާ ކަމަށް ދެކުނު ކަމަށެވެ.

"އިންތިހާބު ނިމުމާއެކީ ވާކަމެއް، ބާރަށް ހުވާކޮށްގެން އެންމެންވެސް ގޮނޑީގައި އީށިނުމާއެކީގައި ވަޒީރުންގެ މަޖިލީހާއި ކައިރިއަށް އައި ކުދިވެރިންނަށް ފެނިގެންދިޔައީ ތިމަންނަ ހުންނަންޖެހޭނީ އެ ގޮނޑީގައޭ. މިހާރު ނައިބު ރައީސް ހުންނަ ގޮނޑީގައި ހުންނަން ޖެހޭނީ ތިމަންނައޭ. ނޫނީ ދެން އެއަށްފަހު ތިމަންނަ ހުންނާނީ ރައީސުލްޖުމްހޫރިއްޔާ ހުންނަ ގޮނޑީގައޭ. ގަބޫލުކުރެވުނީ އެތާނގައި ޖަމީލް ހުންނަ ކަމުގައިވަންޏާ ކީއްވެހޭ މަށަށް ނުހުރެވޭނީ،" އޭނާ ވިދާޅުވިއެވެ.