މާގިނަ ޓެކްނޮލޮޖީގެ ވަސީލަތްތަކެއް ބޭނުން ނުކޮށް، އޮލިމްޕިކްސްގެ ޝޫޓިން އިވެންޓަކުން ރިހި މެޑަލް ނެގި ޔޫސުފް ޑިކެޗަށް ސޯޝަލް މީޑިއާގެ ސަމާލުކަން ބޮޑުވެއްޖެއެވެ.
އުމުރުން 51 އަހަރުގެ ޑިކެޗަކީ ޝޫޓިންގެ ތަޖުރިބާކާރު އެތުލީޓެކެވެ. މިފަހަރުގެ އޮލިމްޕިކްސްގެ ރިހި މެޑަލް ހޯދީ 10 މީޓަރު އެއާ ޕިސްޓޮލް މިކްސްޑް ޓީމު އިވެންޓުންނެވެ. އެ އިވެންޓްގެ ފައިނަލުގައި ޑިކެޗް ހުރިލެއް އާދައިގެކަމުން އޭނާއަށް ސަމާލުކަން ބޮޑުވެފައި ވަނީ، މާބޮޑު ހާސްކަމެއް ނެތި އިވެންޓް ނިންމާލުމުންނެވެ.
މިހާރަކަށް އައިސް އޮލިމްޕިކްސްގެ ޝޫޓިންގައި ވާދަކުރާ ހުރިހާ އެތުލީޓުން ކަހަލަ ގޮތަކަށް ޝޫޓިންނަށް ހާއްސަ އައިނުތައް ބޭނުން ކުރެއެވެ. އެއީ އެއްވެސް ނުސާފު ކަމެއް ނެތި ޓާގެޓް ބެލުމަށާއި ރަނގަޅަށް އަމާޒު ސީދާ ކުރުމަށެވެ. އަދި އަޑު ކެނޑޭ ޒާތުގެ ބޮޑެތި ހެޑްފޯނުތައްވެސް މިހާރުގެ އެތުލީޓުން ބޭނުން ކުރަމުން ދެއެވެ.
ނަމަވެސް ޑިކެޗް، އޭނާގެ ޕާޓްނަރު ސެއްވަލް އިލޭޑާ ތަރުހާނާއެކު ފައިނަލް އިވެންޓް ނިންމާލީ އޭނާ އާންމުކޮށް ބޭނުންކުރާ އަވި އައިނު އެކަނި އަޅައިގެން ހުރެއެވެ. ކަންފަތުގައި މާބޮޑު ހެޑްފޯނެއްވެސް ނެތެވެ. ޑިކެޗް ޝޫޓް ކުރަމުން ދިޔައީވެސް އެއް އަތް ޖީބަށް ޖަހާލައިގެން ހުރެއެވެ. ހަގީގާތުގައި ޑިކެޗަކީ ތަޖުރިބާކާރު އެތުލީޓެކެވެ.
ޑިކެޗް ޝޫޓިން ކުޅިވަރެއްގެ ގޮތުގައި ފެށީ 2001 ވަނަ އަހަރުއެވެ. އެއީ ތުރުކީގެ މިލިޓަރީ ފޯސްގައި މަސައްކަތް ކުރުމަށްފަހުއެވެ. އޭނާ ވަނީ މިހާތަނަށް 2008، 2012 އަދި 2016ގެ އިތުރުން 2020 އާއި 2024 ވަނަ އަހަރު އޮލިމްޕިކްސްގައި ވާދަކޮށްފައެވެ. ޑިކެޗް ހަތް ފަހަރު ޔޫރަޕްގެ ޗެމްޕިއަންކަން ހޯދާފައިވާ އިރު، 2014 ވަނަ އަހަރު ދެ ކެޓަގަރީއަކުން ދުނިޔޭގެ ޗެމްޕިއަންވެސް ހޯދިއެވެ.
ޑިކެޗްގެ ފިލޯސަފީއަކީ ކޮބައިތޯ އޮލިމްޕިކްސް އިން ކޮށްފައިވާ ސުވާލުގެ ޖަވާބަކަށް އޭނާ ބުނެފައި ވަނީ "ޖީބަށް އަތް ޖަހައިގެން ހުރެ ކާމިޔާބު މީހަކަށް ނުވެވޭނެ،" ކަމަށެވެ. ނަމަވެސް ޑިކެޗް މިފަހަރު މެޑަލް ހޯދީ ޖީބަށް އަތް ޖަހާލައިގެން ހުރެއެވެ.