އޮލިމްޕިކްސް

އޮލިމްޕިކްސް: ގައުމީ ރެކޯޑު އާކޮށް، އާން ނިންމާލީ ހީޓްގެ ތިންވަނައިގައި

ޕެރިސް އޮލިމްޕިކްސްގެ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓުގައި ވާދަކޮށް، ރާއްޖޭގެ މުހައްމަދު އާން ހުސައިން ގައުމީ ރެކޯޑު އާކޮށްފިއެވެ.

އާން މިއަދުގެ 50 މީޓަރު ހީޓް ހަތަރެއްގައި ވާދަކޮށް، ރޭސް ނިންމާފައި ވަނީ 24.22 ސިކުންތުންނެވެ. އާން އަތުގައި ކުރިން އެ ރެކޯޑު އޮތީ، 24.28 ސިކުންތުން ރޭސް ނިންމައިގެންނެވެ. އޭނާ ކުރިން ރެކޯޑު ހަދާފައި އޮތީ މިއަހަރުގެ މެއި މަހު ކުރިއަށްދިޔަ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިން ޗެމްޕިއަންޝިޕްސްގައި ވާދަކޮށްގެންނެވެ.

އާން މިއަދުގެ ހީޓްގައި ރަނގަޅު ޓައިމިންއެއް ހެދިއެވެ. އެ ހީޓްގެ ތިންވަނަ އާން ހޯދި އިރު، ހީޓްގެ އެއްވަނަ ހޯދީ އޮލިމްޕިކްސްގެ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލްގެ އެއްވަނަ ރޭންކްގައި އޮތް ސްވިޒަލޭންޑްގެ ތިއަރީ ބޮލިންނެވެ. އޭނާގެ ޓައިމިންއަކީ 22.95 ސިކުންތެވެ. ހީޓްގެ ދެވަނަ އާންގެ ކުރިން ހޯދީ، ބުރުންޑީގެ ބެލީ-ކްރެސޫސް ގަނީރާއެވެ. އޭނާގެ ޓައިމިންއަކީ 23.80 ސިކުންތެވެ.

އޮލިމްޕިކްސްގެ ފިރިހެނުންގެ 50 މީޓަރު ފްރީސްޓައިލް އިވެންޓްގެ ގަދަ 16 އަށް ދާނީ މިއަދުގެ 10 ހީޓްގައި ވާދަކުރި ފެތުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ޓައިމިންއެއް ހޯދި 16 ފެތުންތެރިންނެވެ. ޓައިމިންތަކަށް ބަލާއިރު، އާންއަށް އަނެއް ބުރަށް ނުދެވުނު ނަމަވެސް، އޭނާ ހޯދީ ރަނގަޅު ކާމިޔާބީއެކެވެ.

އަނިޔާއަކަށްފަހު ބުރަ މަސައްކަތުން އޮލިމްޕިކްސްއަށް އާން ދިޔައީ ޔުނިވާސިލިޓީ ޕްލޭސަސްގެ ފުރުސަތެއްގައެވެ. އަލަށް އޮލިމްޕިކްސްގައި ވާދަކޮށް ހޯދި ކުރިއެރުމާއެކު، އާންއަށް އޮތީ އުންމީދީ ދުވަސްތަކެކެވެ.