ބޮލީވުޑް

ސްޓޫޑަންޓް އޮފް ދަ އިޔާ 2 ވެސް ލީކް ކޮށްލައިފި

ފަހަކަށް އައިސް އަލަށް ރިލީސްކުރާ ފިލްމުތައް ލީކް ކުރުން އާދައަކަށްވެފައިވާއިރު އެންމެ ފަހުން އެ ލިސްޓުގައި ސްޓޫޑަންޓް އޮފް ދަ އިޔާ 2 ވެސް ހިމެނިއްޖެއެވެ.

ޓައިގާ ޝްރޮފް، ތަރާ ސުތަރިއާ އަދި އަނަންޔާ ޕަންޑޭ ލީޑް ރޯލުން ފެނިގެންދާ މި ފިލްމު އެޅުވިތާ ތިން ދުވަސް ވީއިރު ފިލްމު ލީކް ކޮށްލާފައިވަނީ އޮންލައިން ވެބްސައިޓެއްގައެވެ. އެވެބްސައިޓްގައި އެންމެ ފުރަތަމަ ފެށީ ސައުތް އިންޑިއަން ފިލްމުތައް ލީކް ކުރުމެވެ. ނަމަވެސް ފަހަކަށް އައިސް ބޮލީވުޑް އަދި ހޮލީވުޑް ފިލްމުތައްވެސް ހައި ކޮލިޓީގައި ލީކްކުރެއެވެ.

ސައިޓުގެ މައްސަލަ ވަނީ އެތައް ފަހަރެއްގެ މަތިން ހުށަހެޅި ދައުވާ ކުރެވިފައެވެ. ކޯޓުންވެސް އެ ވެބްސައިޓް "ޓެމިލްރޮކާސް" ބްލޮކް ކުރުމަށް ހުރިހާ އިންޓަނެޓް ފޯރުކޮށްދޭ ފަރާތްތަކަށް އަންގާފަވާއިރުވެސް އެ ސައިޓު ބްލޮކެއް ނުވެ އެވެ.

ސްޓޫޑަންޓް އޮފް ދަ އިޔާ 2 އަކީ 2012 ގައި ނެރުނު ސްޓޫޑަންޓް އޮފް ދަ އިޔާ ގެ ސީކުއިލެކެވެ. ފުރަތަމަ ފިލްމުގައި ލީޑް ރޯލުން ފެނިގެން ގޮސްފައިވަނީ އާލިޔާ ބަޓް، ވަރުން ދަވަން އަދި ސިދްއާތް މަލޯތްރާއެވެ.

ފިލްމު އެޅުވިތާ ތިން ވަނަ ދުވަސް އިއްޔެއަށް ހަމަވިއިރު ފިލްމަށް ވަނީ 38.83 ކްރޯޑް ލިބިފައެވެ.