އޮލިމްޕިކްސް

ނަޑާލާއި އަލްކަރާޒްގެ ޕެއާ ކަޓައިފި، ސިންގަލްސް އިވެންޓްގައި ޖޮކޮވިޗާއި އަލްކަރާޒް ކުރިއަށް

ފްރާންސްގައި ކުރިއަށްދާ ޕެރިސް އޮލިމްޕިކްސްގެ ޑަބަލްސް އިވެންޓްގައި ވާދަކުރި ސްޕެއިންގެ ރަފޭލް ނަޑާލާއި ކާލޮސް އަލްކަރާޒްގެ ޕެއާ އެ އިވެންޓުން ކަޓައިފިއެވެ.

ކުއާޓާ ފައިނަލުގައި ވަރުގަދަ ދެ ކުޅުންތެރިންގެ ސްޕެއިން ޕެއާ ކެޓީ ހަތަރު ވަނައަށް އޮލިމްޕިކްސްއަށް ސީޑް ކޮށްފައިވާ އެމެރިކާގެ އޮސްޓިން ކްރަޖިސެކާއި ރަޖީވް ރާމްގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެގެންނެވެ. ފުރަތަމަ ސެޓް، ކްރަޖިސެޗާއި ރާމްގެ ޕެއާއިން 6-2 އިން ގެންގޮސްފައިވާ އިރު، އަނެއް ސެޓުވެސް އެ ޕެއާއިން ގެންދިޔައީ ފަސޭހަކޮށެވެ. އެއީ 6-4 ގެ ނަތީޖާއަކުންނެވެ.

ނަޑާލް، މިހާތަނަށް ދެފަހަރަށް އޮލިމްޕިކްސްގައި މެޑަލް ހޯދާފައިވާ އިރު، މިއީ އޭނާގެ އެންމެފަހު އޮލިމްޕިކްސް ކަމަށް ވަނީ ބެލެވިފައެވެ. ކެރިއަރުގައި 22 ގްރޭންޑް ސްލޭމް ކާމިޔާބު ކޮށްފައިވާ ނަޑާލް އޮލިމްޕިކްސްއަށް ފަހު ރިޓަޔާ ވާނެ ކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ.

ނަޑާލަށް މިހާރު އަނިޔާގެ ބޮޑެތި މައްސަލަތަކަކާ ކުރިމަތިލާން ޖެހިފައިވާ އިރު، މިފަހަރު އޮލިމްޕިކްސްގެ ސިންގަލްސް އިވެންޓުން އޭނާ ކެޓީ ސާބިއާގެ ނޯވަކް ޖޮކިވް ކައިރިން ބޮޑު ބައްޔަކުން ބަލިވެގެންނެވެ. އެ މެޗުގައިވެސް ފަލަމަސްގަނޑަށް އަނިޔާވެ އުނދަގޫތަކާ ކުރިމަތިވިއެވެ.

ނަޑާލް އޮލިމްޕިކްސް ދެ ރަން މެޑަލް ހޯދީ، 2008 ވަނަ އަހަރުގެ ސިންގަލްސް އަދި 2016 ވަނަ އަހަރުގެ ޑަބަލްސް އިވެންޓުންނެވެ.

ސިންގަލްސްގެ ނަތީޖާތަކަށް ބަލާއިރު، ޖޮކޮވިޗާއި އަލްކަރާޒްވެސް ވަނީ ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މިހާތަނަށް އޮލިމްޕިކްސް މެޑެއްޔެއް ލިބިފައި ނުވާ ޖޮކޮވިޗް ކުއާޓާއަށް ދިޔައީ ރޭ ކުޅުނު މެޗުގައި ޖަރުމަނުގެ ޑޮމިނިކް ކޮއެފާ 7-5، 6-3 އިން ބަލިކޮށްގެންނެވެ.

އެންމެފަހުގެ ފްރެންޗް އޯޕަން ޗެމްޕިއަން އަލްކަރާޒް ސިންގަލްސް ކުއާޓާއަށް ދިޔައީ ރަޝިއާގެ އެތުލީޓެއް ކަމަށްވާ ރޯމަން ސަފިއުލިން ކައިރިން 6-2 އަދި 6-4 އިން ސެޓުތައް ގެންގޮސްގެންނެވެ. ރަޝިއާ އޮލިމްޕިކްސްއިން ބޭން ކޮށްފައި އޮތުމުން ސަފިއުލިން ވާދަކުރަނީ ނިއުޓްރަލް އެތުލީޓެއްގެ ގޮތުގައެވެ.

އޮލިމްޕިކްސްގެ ޓެނިސް ސިންގަލްސް އިވެންޓްގެ ކުއާޓާއަށް ދިޔަ އިތުރު އެތުލީޓުންނަކީ ފްރާންސް އޯޕަންގެ އެންމެފަހުގެ ރަނަރަޕް އެލެކްސެންޑާ ޒްވެރޭވާއި ގްރީސްގެ ސްޓެފާނޯސް ސިޓްސިޕާސް، ކެނެޑާގެ ފެލިކްސް އޯގާ-އަލިއަސީމޭ، އިޓަލީގެ ލޮރެންޒޯ މުސެޓީއާއި ނޯވޭގެ ކެސްޕާ ރޫޑް އަދި އެމެރިކާގެ ޓޮމީ ޕައުލްއެވެ.