ޕީއެސްއެމް

އިކްރާމާއި ޚަލީލް އަދި ފަޔާޒުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފި

މުހައްމަދު އައުޒަމް

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު އިކްރާމް އަބްދުއްލަތީފާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޚަލީލް އަދި ޑިރެކްޓަރ އޮފް ނިއުސް ފަޔާޒު ޔޫސުފާ ދެކޮޅަށް އަބުރުގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅައިފިއެވެ.

އެ މައްސަލަ ފުލުހުންނަށް ހުށަހެޅީ ޕީއެސްއެމްގެ ޑެޕިއުޓީ އެޑިޓަރުގެ މާގާމުގައި ހުންނަވަނިކޮށް ކުއްލި ގޮތަކަށް އެއްވެސް އެއްޗެއް އެންގުމަކާ ނުލައި ޕްރޮގްރާމްސް ޑިޕާޓްމަންޓަށް ބަދަލުކުރި މުހައްމަދު އަފްސަލެވެ.

އިއްޔެ ފުލުހުންނަށް މައްސަލަ ހުށަހެޅުއްވުމަށްފަހު އަފްސަލް ކުރެއްވި ޓްވީޓެއްގައި ވަނީ އެ ތިން ބޭފުޅުން އޭނާގެ ބޮލުގައި ދޮގު އިލްޒާމް އެޅުވުމުގެ ގޮތުން ސާބިތު ނުހިފޭ ދޮގު ވާހަކަތައް އޭނައާ ގުޅޭގޮތުން ދައްކާފައިވާ ކަމަށެވެ. އެކަމުގެ ސަބަބުން އޭނާއާ އެކު މަސައްކަތް ކުރާ މުވައްޒަފުން އެކި ސުވާލުތައް އަމާޒުކުރަމުން އަންނަ ކަމަށާއި އަދި އޭނާއާ މެދު އެ މުވައްޒަފުން ދެކެމުން އައި ގޮތަށް ބަދަލުތަކެއް އައިސް އަބުރަށާއި އިއްޒަތަށް ގެއްލުންތަކެއް ވެފައިވާ ކަމަށް ވެސް އެ ޓްވީޓުގައި ވެއެވެ.

އިކްރާމްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާއިރު، އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ބޮޑެތި ކޮރަޕްޝަންގެ މައްސަލަތަކެއް ވެސް އެންޓި ކޮރަޕްޝަން ކޮމިޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.