ބޮލީވުޑް

ކަބީރު ސިންގްގެ ޓްރެއިލާ ލޯންޗުކޮށްފި

ބަތަލު ޝާހިދު ކަޕޫރު ލީޑް ރޯލުން ފެނިގެންދާ ފިލްމު "ކަބީރު ސިންގް" ގެ ޓްރެއިލާ ލޯންޗުކޮށްފިއެވެ.

ފިލްމުގެ ޓްރެއިލާ ލޯންޗުކުރި ހަފްލާގައި ޝާހިދު ވަނީ ފިލްމުގައި އޭނާގެ ކުޅުނު ރޯލާ ބެހޭގޮތުން ގިނަ ވާހަކަތަކެއް ހިއްސާކޮށްފައެވެ. ކަބީރު ސިންގަކީ ސައުތްގެ ބްލޮކްބަސްޓަރ ފިލްމެއް ކަމަށްވާ އަރްޖުން ރެޑީ ގެ ރީމޭކެކެވެ. ޝާހިދު ބުނީ މީހުންނަށް އެހާ ކަމުގޮސްފައިވާ ފިލްމެއް އަދި ރޯލެއް އޭނާ ހަމަ އެގޮތަށް ކުޅެން ޖެހުމަކީ ވަރަށް ބޮޑު ޗެލެންޖެއް ކަމަށެވެ. ނަމަވެސް އެ ފިލްމު ކުޅުމަށް އޭނާ އެއްބަސްވީ އޭގައި ކުޅެން ޖެހުނު ރޯލަށް އިންސްޕަޔާވިލެއް ބޮޑު ކަމުންކަމަށް ޝާހިދު ބުންޏެވެ. ފިލްމުން ކަބީރު ސިންގުގެ ރުޅިވެރިކަމާއި، ލޯބި، އަދި އޭނާ އަޅަމުންދާ ވޭން ބެލުންތެރިންނަށް ފެނިގެންދާނެ ކަމަށް އުންމީދު ކުރާކަމަށް ޝާހިދު އިތުރަށް ބުނިއެވެ.

މި ފިލްމަކީ ލޯބީގެ ފިލްމެއް ނަމަވެސް، ކަބީރު އަށް ދިމާވާ ހިތްދަތިކަމުން އަރައިގަތުމަށް އޭނާ ރުޅި އިސްކޮށް ކުރާ ނޭދެވޭ ކަންކަން މި ފިލްމުން ފެނިގެން ދާނެއެވެ.

ފިލްމުގައި ބަތަލާގެ ރޯލުން ފެނިގެން ދަނީ ކިއާރާ އަދްވާނީއެވެ. ޓްރެއިލާ ލޯންޗު ހަފްލާގައި ކިއާރާ ވަނީ އެ ފިލްމު ކުޅުމަށް އޭނާއަށް ފުރުސަތު ދިނީތީ ފިލްމުގެ ޑައިރެކްޓަރަށް ޝުކުރު އަދާކޮށްފައެވެ.

ކަބީރު ސިންގް ރިލީސް ކުރަނީ 21 ޖޫން 2019 ގައެވެ.