މާލޭ ސިޓީ ކައުންސިލް

ވެސްޓް ޕާކާއި ވިލިމާލޭގައި ހެދި ވަގުތީ މާރުކޭޓުން ގޮޅިތައް ދޫކުރަނީ

ވެސްޓްޕާކު ރެސްޓޯރެންޓް ހިންގި ސަރަހައްދާއި، ވިލިމާލޭގައި ހެދި ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަށް ފުރުސަތު ހުޅުވައިލައިފިއެވެ.

ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް އުފުލުމާ ގުޅިގެން ހެޔޮ އަގުގައި ތަކެތި ލިބޭނެ މަގު ފަހިކޮށްދިނުމުގެ ގޮތުން މާލޭ ސިޓީ ކައުންސިލުން މިހާރު ދަނީ ވެސްޓްޕާކާއި ވިލިމާލޭގައި ވަގުތީ މާރުކޭޓު ހެދުމުގެ މަސައްކަތް ކުރަމުންނެވެ. އަދި އެ މަސައްކަތް ދެދުވަސް ތެރޭގައި ނިމޭނެ ކަމަށް ކައުންސިލުން ބުންޏެވެ.

މާލޭ ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ގޮޅި ދޫކުރަން ނިންމާފައި ވަނީ އެއްމަސް ދުވަހަށް ކަމަށެވެ.

އެގޮތުން ވެސްޓުޕާކް ރެސްޓޯރަންޓު ހިންގި ސަރަހައްދުން ދޫކުރަން ނިންމާފައިވަނީ 32 ގޮޅިއެވެ. އަދި ވިލިމާލޭ މާރުކޭޓުން ދޫކުރަން ނިންމާފައިވަނީ 20 ގޮޅިއެވެ.

މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާންގައި ވަނީ ވެސްޓް ޕާކް ރެސްޓޯރެންޓް ހިންގި ސަރަހައްދުން ގޮޅި ބޭނުންވާ ފަރާތްތަކުން ގޮޅިއަށް އެދޭ ފޯމް ފުރުމަށްފަހު އަންނަ ބުދަ ދުވަހުގެ ކުރިން އެކައުންސިލަށް ހުށަހެޅުމަށެވެ.

ވިލިމާލޭ ވަގުތީ މާރުކޭޓުން ގޮޅި ބޭނުންވާ ފަރާތްތަކުން އެ ކައުންސިލްގެ ވިލިމާލޭ ސެކްޝަނުން ގޮޅިއަށް އެދޭފޯމު ފުރުމަށްފަހު މިއަދު 12:00 ގެ ކުރިން ހުށަހެޅުމަށް ވަނީ ބުނެފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ހުޅުމާލޭގައިވެސް ވަނީ މާރުކޭޓެއް ހުޅުވައިފައެވެ.