ފުރާނަދަންދެން

ފުރާނަދަންދެން - 16

4

"އަދި މެންދުރު ނުވެސް ކައި ތިއިންނަނީ. ހައްވައްތަ މިއަންނަނީ އެއްޗެއް ހިފައިގެން. އަން މި ކުޝަން ފަހަތަށް ލައްވާލަބަލަ" އަޒްކާގެ ބުރަކައްޓާއި ސޯފާގެ ލެގޭ ބަޔާއި ދެމެދަށް ކުޝަން ލައްވާލަމުން ހައްވަ ވާހަކަދެއްކިއެވެ. ހައްވަ ބަދިގެއާއި ދިމާލަށް ދިޔައީ އަޒްކާއަށް ކާއެއްޗެއް ބަލައެވެ. ހައްވަ ދިޔަ ދިމާލަށް ބަލަން އަޒްކާ އިނީ ހައިރާންވެފައެވެ. ދުނިޔޭގައި ރަނގަޅު މީހުންވެސް އުޅޭތާއޭ ހިތަށް އަރަމުން ދިޔައެވެ. އޭނާގެވެސް މާމައެއް ދުނިޔޭގައި ހުރިނަމަ އޭނަދެކެ އެވަރަށް ލޯބިވާނޭ ހިތަށް އެރިއެވެ.

*****************

ސީކްރެޓް ރެސިޕީ ރެސްޓޯރަންޓަށް ނާހިދާއި ނައިޝީ ވަދެގެން ދިޔައެވެ. އަންނަން ބޭނުންނުވިޔަސް ނައިޝީގެ ދައުވަތު އަނބުރާ ރައްދުކުރަން ނާހިދަށް ނުކެރުނީއެވެ. އޭނާ މަސައްކަތްކުރަމުން ދަނީ ހިތުގައި ލެވިފައިވާ ޒަޙަމްތަކަށް އަމިއްލަ މަސައްކަތުން ލުއިކަމެއް ހޯދުމަށެވެ.

"މިތަން ރަނގަޅު ދޯ" އެތެރޭގައި ހުރި މޭޒެއް ދައްކާލަމުން ނައިޝީ އަހާލިއެވެ.

"އިޝީ ބޭނުން ކޮންމެ ތަނެއްގައި މިއަދު އިނދެވިދާނެ. މިއަދު މިއީ އިޝީގެ ދުވަހެއްނު" ހީލަމުން ނާހިދް ވާހަކަދެއްކިއެވެ.

ވެއިޓަރުން އައުމާއެކު ދެކުދިން ބޭނުންވާ ކާއެއްޗިއްސަށް އޯޑަރ ދިނެވެ. ނައިޝީ އިނީ ނާހިދްގެ ކުރިމަތީގައެވެ.

"އިޝީ މިއަދު ހާދަ ތަފާތޭ... ވަރަށް އުފަލުން އިންހެން ހީވަނީ" ނައިޝީގެ މޫނަށް ބަލައިލަމުން ނާހިދް ބުނެލިއެވެ.

"ހޫމް... ވަރަށް އުފަލުން މީނީ. އިނގޭތަ ކުޑަދުވަސްކޮޅެއްގެ ތެރޭގައި އަހަރެން މި ދުނިޔެއިން އެންމެ ލޯބިވި އިންސާނާގެ ވައިފްއަށް އަހަރެން ވާނެ" ރަކިގޮތަކަށް ނާހިދްގެ މޫނަށް ބަލަން އިނދެ ނައިޝީ ބުނެލިއެވެ. ތުނބުގައި ޖެހި ފެންތަށި ތިރިކޮށްލަމުން ނާހިދް ނައިޝީގެ މޫނަށް ބަލައިލިއެވެ.

"ތިއީ ޖޯކެއްތަ...؟" ނާހިދަށް ޤަބޫލެއް ނުކުރެވުނެވެ.

"ނޯޕް... އައިމް ސީރިޔަސް... ނާހިދްގެ ކައިވެނިކުރެވޭ ދުވަހު އަހަރެންގެ ކައިވެނިވެސް ކުރެވޭނެ. އެއްދުވަހެއްގެ އެއް ވަގުތެއްގަ..." ނައިޝީ ބުނެލިއެވެ.

"ރިއެލީ... ކޮންގްރާ.... އެކަމަކު އަހަރެން ކައިވެނިކުރަން މިއުޅޭ ކުއްޖާ އަދި ނުދެކެން. މަންމައާއި ބައްޕައަށް އިނގޭނީ. ހީވަނީ މިރޭ ކޮންމެސް ވަގުތެއްގަ ގެއަށް އަންނާނެހެން" ނާހިދް ވާހަކަދެއްކިއެވެ. އެހާ ހިސާބުން ވާހަކަ ކުރުކޮށްލީ ދެކުދިން އޯޑަރ ކުރި ކާއެއްޗެހި ގެނައުމުންނެވެ.

"އަދިވެސް ނުފެނޭތަ...؟" ނައިޝީ އަހާލިއެވެ. އޭނާގެ މޫނުމައްޗަށް ވެރިވަމުންދާ ލަދުގެ ފަރުދާ ނާހިދަށް ނުފެންނަ ކަހަލައެވެ.

"އިޝީ....!! އެއީ ކާކުކަން އިޝީއަށް އިނގޭހެން ހީވަނީ" ނާހިދް ބުނެލިއެވެ.

"ނާހިދް ކައިވެނިކުރަން ތިއުޅޭ ކުއްޖާ ގޮވައިގެން ޑޭޓަކަށް އައިސް އިން އިރުވެސް ނޭނގޭތަ؟ ނޫނީ ނޭނގޭކަމަށް ހަދަނީތަ ތި" ނައިޝީ ވާހަކަދެއްކިއެވެ. އޭނާ ލަދުން އިސްޖަހާލިއެވެ. ނާހިދުގެ މޫނަށް ވެރިވެގެން ދިޔައީ ހައިރާންކަމެވެ. އެވަގުތު ނައިޝީގެ މޫނުމައްޗަށް ވެރިވި ކުލަވަރު ނާހިދަށް ވާހަކަތަކެއް ކިޔައިދިން ކަހަލައެވެ. އޭނާގެ ހަޔާތުގެ ބައިވެރިޔާއަށް ވާން އުޅެނީ ނައިޝީ ހެއްޔެވެ؟ ކައިވެންޏަށް އެދުނު ކަމަށް މަންމަ އެބުނާ މީހާއަކީ ނައިޝީގެ މަންމަ ހެއްޔެވެ؟ އެކަމަކު... އެކަމަކު އަހަރެންގެ ކައިވެންޏަށް އިޝީ އާބަސް ބުނީ ކީއްވެ ހެއްޔެވެ؟ ނާހިދްގެ ހިތުގައި އެއްފަހަރާ އެތައް ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

"ސީރިޔަސްކޮށް އިޝީ. އަދި ކިރިޔާ މި އިނގުނީ މަށަށް. މަންމަ އެއްފަހަރުވެސް ނުބުނޭ އެއީ އިޝީއެކޭ. އަހަރެން މަންމަ ކައިރީގައި އާއެނކޭ ބުނީ ކާކުކަން ނޭނގި. އަހަރެން އެއްގޮތަކަށްވެސް ހިއެއް ނުކުރަން އެއީ އިޝީ ކަމަކަށް" ނާހިދް ބުނެލިއެވެ.

"މިހާރު ޔަޤީންވެއްޖެތަ އެއީ އަހަރެންކަން" އެސްފިޔަތައް އުފުލާލާ ނާހިދްގެ މޫނަށް ނަޒަރު ހުއްޓާލަމުން ނައިޝީ ބުނެލިއެވެ. ދެކުދިންގެ ހަތަރުކަޅި ބައްދަލުވި ވަގުތު ނައިޝީގެ ދެލޮލުން އެހެންޏާ ނުފެންނަ ވިދުމެއް ނާހިދަށް ފެނުނު ކަހަލައެވެ.

"އިޝީ ބޭނުންތަ އަހަރެންނާއި ކައިވެނިކުރަން. އިޝީ އަދިވެސް ލޯބިވޭތަ...؟" ނާހިދް އަހާލިއެވެ.

ނައިޝީ ފުން ނަޒަރަކުން ނާހިދްގެ މޫނަށް ބަލަން އިނެވެ. އޭނާގެ ތުންފަތް މަތީގައި ވަނީ ލަދުރަކި ހިނިތުންވުމެކެވެ. އޭނާ ގޮނޑިން ތެދުވިއެވެ. ނާހިދް ހައިރާންވެފައި ބަލަހައްޓައިގެން އިނީ ނައިޝީ ކުރަން އުޅޭ ކަމެއް ނޭނގިފައެވެ. ނާހިދް ދެފަރާތް ބަލައިލީ އޭނާގެ ކުރިމަތީގައި ނައިޝީ ދެ ކަކޫ މައްޗަށް އިށީނުމުންނެވެ. ނާހިދާއި ދިމާލަށް އޭނާ ދިއްކޮށްލާފައި އޮތް އަތްތިލަ ހުޅުވާލިއިރު އެ ތުންފަތްމަތީގައިވަނީ ހިތްތައް މޮޔަކޮށްލާހައި ފަރި ހިނިތުންވުމެކެވެ.

"ވިލް ޔޫ ބީ މައިން ފޯރއެވަރ.... މައި ޕްރިންސް" ނާހިދްގެ ލޮލުން ކަރުނަ ފާއްދާލިއެވެ. އަންހެންކުއްޖަކު އޭނާއަށްޓަކައި އެވަރު ވެދާނެކަމަށް އޭނާ ހީކޮށްފައެއް ނެތެވެ. އެފަދަ އުފާވެރި ވަގުތުކޮޅެއް އޭނާ ބޭނުންވަނީ ނައިޝީއާއި އެކީގައެއް ނޫނެވެ. އެވަގުތުކޮޅުގައިވެސް އޭނާގެ ހަނދާނަށް އައީ އަޒްކާއެވެ. ނައިޝީ އެވީ މިންވަރަށް އޭނާދެކެ އަޒްކާ ލޯބިނުވީ ކީއްވެގެން ހެއްޔެވެ؟ އޭނާގެ ހުރީ ކޮން އުނިކަމެއް ހެއްޔެވެ؟ ކެމެރާއެއްގެ ފްލޭޝް އައި ދިމާލަށް ނާހިދް ބަލައިލިއެވެ. އޭނާއަށް ބަލަހައްޓައިގެން ތިބި މީހުންތަކު ތެރޭގައި އިމްރާން ހުރީ އެދެމީހުންނާއި ދިމާލަށް ފޯނު ދިއްކޮށްގެންނެވެ. ފްލޭޝް އެޅުނީ އިމްރާން ފޮޓޯ ނެގި ވަގުތުގައެވެ. އިމްރާން އެތަނަށް އައީ އެކުވެރި އަންހެން ގްރޫޕަކާއެކުގައެވެ. އެއްގޮތަކަށްވެސް މިކަހަލަ މަންޒަރެއް ފެނިދާނެ ކަމަށް ނޫނެވެ.

ބޭއިހްތިޔާރުގައި ނާހިދަށް މޫނުމަތީގައި ދެއަތް އެޅުނެވެ. އޭނާ ދުވަހަކުވެސް އެހާ ލަދެއް ނުގަނެއެވެ. އޭނާ ނައިޝީއަށް އަތް ދިއްކޮށްލީ އަވަހަށް އެވަގުތުކޮޅު ނިންމާލަން ބޭނުންވި ވަރުންނެވެ. ނައިޝީ އަތް ތިލައިގެ ތެރޭގައި އޮތް އޮރިޖިނަލް ރިހިކުލައިގެ އަނގޮޓި ނާހިދްގެ ވައަތުގެ ކަށި އިނގިލީގައި އަޅުވާލުމަށްފަހު ހިފަހައްޓާލިއެވެ.

"ޔެސް. އަދިވެސް ވަރަށް ލޯބިވޭ ނާހިދްދެކެ. އައި ވިލް ލަވް ޔޫ ޓިލް މައި ލާސްޓް ބްރެތް.... އައި ލަވް ޔޫ ސޯ މަޗް" ނާހިދުގެ އަތަށް ބޮސްދެމުން ނައިޝީ ބުނެލިއެވެ. ނާހިދް ހީލަމުން ނައިޝީގެ މޫނުގައި ފިރުމާލިއެވެ. މީހުންތަކަށް ބަލަން ނުކެރިފައި އިނދެވެސް ނާހިދް އިމްރާނަށް ބަލައިލިއެވެ. އިމްރާން އަތުގެ އިޝާރާތުން ގުޅާނަމޭ ބުނެ ތަމްބް އަޕްކޮށްލަމުން ހީލާފައި އޭނާގެ އެކުގައި ތިބި އަންހެން ގުރޫޕާއެކު ހިނގައިގަތެވެ.

"ޑޭޓް ކަނޑައަޅާނީ ނާހިދް. އަހަރެންނަށް ހުރިހާކަމެއް ދޫކޮށްނުލާ... އަހަރެން ކަންތައްކުރާނީ ނާހިދް ބޭނުންވާ ގޮތަށް" ނައިޝީ ބުނެލިއެވެ.

"އިޝީ ތިގޮތަށް ކަންތައްކުރީމަ އަހަރެން ވަރަށް ލަދުގަނެއްޖެ. އަދިވެސް މީހުން އެބަބަލާ" ނާހިދް ހީލާފައި ބުނެލިއެވެ. އޭނާ މަސައްކަތްކުރީ ނައިޝީގެ މޫނަށް ނުބެލުމަށެވެ.

"ސޮރީ ޑާރލިންގ. ހިނގާ އަވަހަށް ކައިގެން ދާން ދޯ" ނައިޝީ ބުނެލިއެވެ. ނައިޝީ ކުރިމަތީގައި އިނދެ ކާންވެސް ނާހިދަށް އުނދަގުވިއެވެ. އޭނާގެ ހިތުން އަޒްކާ ފޮހެލަން އުޅުނަސް އެކަމަށް ހުރަސް އެބަ އެޅެއެވެ. އޭނާއަށް ދިރިއުޅުމައިގެން ކުރިއަށް ދެވޭނީ އެހަނދާންތައް ފަހަތަށް ދޫކޮށްގެން އެނގުނު ހިނދު ނައިޝީއާއި ހަތަރުކަޅި ހަމަކޮށް ބަލައިލިއެވެ.

*****************

ހުކުރު ދުވަހެވެ. މެންދުރުގެ ކެއުމަށްފަހު ސޯފާގައި ޖައްސާލައިގެން އަޒްކާ އިނެވެ. ނަޝްވާގެ ކުޑަދަރިފުޅު ސިޓިންގްރޫމުގައި ކުޅެން އިނެވެ. ނަޝްވާއާއި ޝަދީން ކައިގެން ކޮޓަރިއަށް ވަތް ގޮތަށް އަދި ނުނިކުމެއެވެ. ބަދިގޭގައި މަސައްކަތެއްގައި ހައްވަ އުޅުނެވެ. ދޮރުގައި ބެލްއަޅާލި އަޑު އިވުމުން ހުޅުވީ އަޒްކާއެވެ. ކުރިމަތީގައި ހުރި ނަތާޝާ ފެނުމުން އަޒްކާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.

"ހިނގާބަލަ. އެއްޗެއް ދައްކާލާނަން" އަޒްކާގެ އަތުގައި ހިފާލަމުން ނަތާޝާ ބުނެލިއެވެ. އަޒްކާ ހިނގައިގަތެވެ. ދެކުދިން އެކީގައި ގޮސް ސޯފާގައި އިށީނެވެ. ނަތާޝާ ކޮނޑުގައި އޮތް ދަބަހުން ފޯނު ނެގިއެވެ. ފޯނުގެ ޕެޓާން އަޅާލުމަށްފަހު އިތުރު ކަމެއް ކުރުމުގެ ކުރިން އޭނާ އަޒްކާގެ މޫނަށް ބަލައިލިއެވެ. ނަތާޝާ ދައްކަން އުޅޭ އެއްޗެއް ބަލާހިތުން އަޒްކާ އިނީ ކެތްމަދުވެފައެވެ. ނަތާޝާ ވިސްނާލިއެވެ. އެ ވީޑިޔޯ އަޒްކާއަށް ދައްކަންވީ ހެއްޔެވެ؟ އޭރުން މިހާރު އަޒްކާގެ ތުންފަތްމަތީގައި އެވާ ހިނިތުންވުން ފިލައި އެދެލޮލުގައި ކަރުނައިގެ ކޯރެއް ހެދޭނެއެވެ. މިހާހިސާބުން ނުދައްކައެއްވެސް ނުވާނެއެވެ. އޭނާ ވާހަކަ އޮޅުވާލާނީވެސް ކިހިނެއް ހެއްޔެވެ؟

"އެންމެ ފުރަތަމަ ޕްރޮމިސްވޭ މި ދައްކަން އުޅޭ އެއްޗެއް ބަލާފައި އަޒްކީ ނުރޯނެކަމަށް" ނަތާޝާ ފޯނު ބާއްވާފައި ބުނެލިއެވެ. އަޒްކާ ހީލާފައި ބޯޖަހާލިއެވެ. ނަމަވެސް އޭނާގެ ހިތުގައި ނުތަނަވަސްކަމެއް ވިއެވެ.

"ނަތާ ހިތަށް އެރި އަޒްކީ ސޯޝަލް މީޑިޔާގައި ނޫޅޭކަން ނަސީބޭ" ފޯނުން ފެންނަން އިން ވީޑިޔޯ ކްލިޕް ޕްލޭކޮށްލަމުން ނަތާޝާ ބުނެލިއެވެ.

ނަތާޝާގެ ފޯނުން ނިއުޅެމުންދިޔަ ދިޔަ ވީޑިޔޯއަށް ކަޅިޖަހާވެސް ނުލާ އޭނާ ބަލަން އިނެވެ. ޒުވާން ރީތި އަންހެންކުއްޖަކު އޭނާގެ ފުރާނަ ފަދަ ލޯބިވާ ނާހިދްގެ ކައިވެންޏަށް އެތައް ބައެއްގެ ކުރިމަތީގައި އެދެމުންދިޔަ މަންޒަރު އޭނާއަށް ހީވަނީ ލޯ ކުރިމަތީގައި ސިފަވަމުންދާ ހެންނެވެ. އެހެން ފަރާތަކަށް އޭނާ ބަލާލަން ބޭނުންނުވިއެވެ. ނާހިދްގެ މޫނަށް ހިތްފުރެންދެން ބަލަން އިންނަން އެނާ ބޭނުންވިއެވެ. އަންހެންކުއްޖާގެ ލޯބި ޤަބޫލުކޮށް އަންހެންކުއްޖާގެ މޫނުގައި ނާހިދްގެ އަތުން ފިރުމާލި ހިސާބަށް ވީޑިޔޯ އައުމާއެކު ނަތާޝާ އަޒްކާގެ މޫނަށް ބަލައިލިއެވެ. އަޒްކާގެ މޫނު މައްޗަށް އެއްވެސް ބަދަލެއް އައިސްފައިވާ މަންޒަރު އޭނާއަށް ނުފެނެއެވެ.

"މި ވީޑިޔޯ މިހާރު އެފްބީގަ ވައިރަލްވެގެން އުޅެނީ" ފޯނު ލޮކްކޮށްލަމުން ނަތާޝާ ބުނެލިއެވެ.

"މިއަދު އަހަރެން ވަރަށް އުފާވެއްޖެ ނަތާ! ހުވާކޮށްފަ މިބުނީ. އަހަރެންގެ ނާހިދަށް އެންމެ އެކަށީގެންވާ އަންހެންކުއްޖާ އެއީ. ވަރަށް ރީތި ކުއްޖެއް ދޯ. ޔަޤީން އެ އަންހެންކުއްޖާ ދެކެ ނާހިދް ވަރަށް ލޯބިވާނެ" އަޒްކާ ބުނެލިއެވެ.

"އަޒްކީ ޔޫ އާރ ޗޭންޖްޑް. ކުޑަކޮށްވެސް ދެރައެއްނުވޭތަ...؟" ނަތާޝާ އަހާލިއެވެ.

"ނުވޭ. އައި ނޯ އަހަރެންނާއި އެއްވެސް ގޮތަކުން ނާހިދާއި ނުގުޅޭކަން. ހީ ޑޯންޓް ޑިޒަރވް މީ..." އަޒްކާގެ ތުންފަތްމަތީގައި ވަނީ އެއްވެސް އަސަރެއްނެތް ހިނިތުންވުމެކެވެ.

ނަތާޝާ ދިޔުމާއެކު އަޒްކާ މަޑުމަޑުން ހިނގާލާފައި ކޮޓަރިއާއި ދިމާލަށް ދިޔައެވެ. ދޮރު ހުޅުވާލުމަށްފަހު އެތެރެއަށް ވަތްގޮތަށް އެނދާއި ދިމާލަށް ދިޔައީ ކޮޓަރީ ލައިޓްވެސް ނުޖައްސައެވެ. އެނދުގައި އިށީނުމުގެ ބަދަލުގައި އޭނާ ވަނީ ފާހާނާއަށެވެ. މޫނު ދޮންނަ ތަށި ކައިރީގައި ހުއްޓުމަށްފަހު މޫނަށް ފެން ބުރުވާލިއެވެ. އެތައް ފަހަރަކު މޫނު ދޮވުނެވެ. ލޯގަނޑުން އަމިއްލަ މޫނަށް ބަލަހައްޓައިގެން އެތައް އިރަކު ހުއްޓެވެ. ފާރުގައި ހަރުކޮށްފައި ހުރި ކަބަޑުން ކުޑަ ތުވާލިކޮޅެއް ނަގައިގެން މޫނު ފޮހެލިއެވެ. މޫނުން ފެން ހިކުނު އިރު އޭނާގެ ދެލޯ ވަނީ ރަތްފިޔައަކަށް ވެފައެވެ. ދެލޮލަށް ޖަމާވި ކަރުނަތައް ތިރިއަށް ދެމިގަތީ އޭނާ ބަލަހައްޓައިގެން ހުއްޓައެވެ. މޭގައި އަޅަމުން ދިޔަ ވޭނަށް ކެތްނުވެގެން ތިރީ ތުންފަތުގައި ބާރަށް ދަތްއަޅާލިއެވެ. އަނެއްކާވެސް އޭނާ މޫނަށް ފެންޖަހަން ފެށިއެވެ. ނާހިދަށްޓަކައި އޭނާގެ ލޮލުން ކަރުނަ ގެންނަން އޭނާ ބޭނުންނުވިއެވެ. އޭނާ ބޭނުމީ ހިތްވަރުގަދަ މީހަކަށް ވާށެވެ. ނަމަވެސް އޭނާއަށް އޭނާގެ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ. އޭނާގެ ހިތް ރޮނީއެވެ. ނާހިދްގެ ލޯބި އޭނާއަށް ޙައްޤު ނުވާކަން އިނގޭއިރުވެސް އެލޯތްބަށް އެދެވެނީއެވެ. މޫނު މައްޗަށް ބުރުވަމުން ދިޔަ ފެންތަކާއެކު އޭނާ ރޯކަން އިނގެނީ ހަމައެކަނި ދެލޮލުގެ ކުލަ ރަތް ކުލައަކަށް ބަދަލުވަމުންދާ ދިޔުމުންނެވެ.

**************

ދުވަހުގެ ރޭގަނޑުގެ ކެއުމަށްފަހު ބަދިގޭގައި ހަޑިވެފައި ހުރި ތަށިތައް ދޮވެ ކާއެއްޗިއްސަށް ހޫނުކޮށް ހެދުމަށްފަހު ސަލްމާ ސިޓިންގްރޫމަށް ނިކުތެވެ. ބޮޑު ކޮޓަރީގައި ކުރިމަތީގައި އަޅުވާފައި ހުރި ޓީވީން ދައްކަމުން ދިޔަ ފުޓްބޯޅަ މެޗެއް ބަލަން ބުރުހާނުއްދީނާއި މާހިލް އިނެވެ. އެއް އަޑަކަށް ހިފާލާފައިވަނީ ޓީވީގެ އަޑުފަށްގަނޑެވެ. މާހިލްވެސް ހީވަނީ ގޮނޑިން ތެދުވެގެން ދެންމެ ދެންމެ ގޮސް ޓީވީ ތެރެއަށް ވަދެދާނެ ހެންނެވެ. ނަމަވެސް ބުރުހާނުއްދީންގެ ނަޒަރު ޓީވީއަށް ހުއްޓާލާފައި ވިޔަސް އޭނާގެ ވިސްނުމާއި ފިކުރު ގުޅިފައިވަނީ އެހެން ކަމަކާއެވެ. އޭނާގެ ވަށައިގެން ހިނގާ ކަންކަން އޭނާއަށް އިހުސާސެއް ނުވެއެވެ.

އެދެމީހުންގެ ފުރަގަހުން އައިސް ހުއްޓުނު ސަލްމާ އޭނާގެ އެއްބަނޑު އެއްބަފާ ހުރި ހަމައެކަނި ކޮއްކޮއަށް ބަލައިލީ ވަރަށް ވެސް ފުން ނަޒަރަކުންނެވެ. އޭނާ ބުރުހާނުއްދީންގެ ފުރަގަހުން ކޮނޑުގައި އަތް ބާއްވައިލިއެވެ. ބުރުހާނުއްދީން ބަލައިލުމާއެކު އިޝާރާތުން އޭނާއާއި އެކުގައި އައުމަށް އެދުނެވެ. ބުރުހާނުއްދީން ތެދުވެގެން ހިނގައިގަތެވެ. ސަލްމާ ވަނީ އޭނާއަށް ހާއްސަކޮށްފައި ހުރި ކޮޓަރިއަށެވެ.

"ކިހިނެއްވީ ދައްތާ...؟" އެކޮޓަރިން ނިކުމެވެން ހުންނަ ބެލްކަންޏަށް ނިކުމެ ރެއިލިންގްގައި އަތް އަޅުވާލަމުން ބުރުހާނުއްދީން އަހާލިއެވެ.

"ދައްތައަކަށް ހިއެއްނުވޭ މިގޭ ކަންތައްތައް ރަނގަޅުހެނެއް. ދައްކަން މިއުޅެނީ މާހިލްގެ ވާހަކަ" ސަލްމާ ވާހަކަދެއްކިއެވެ.

"މާހިލް ކީތްކުރީ އަނެއްކާ...؟" ބުރުހާނުއްދީން އަހާލިއެވެ.

"ކޮއްކޯ... ދައްތަ ބުނަންތަ ވަރަށް ރަނގަޅު ވާހަކައެއް...؟ ތިއީ ހަމައެކަނި މި ދައްތަގެ ހުރި މީހަކީ. ހުރިހާ ފަހަރަކު ތިމާގެ ދަރިފުޅު ދޮންފުތު ނުކޮށް ބަލާލަބަލަ އެކުއްޖާ އުޅެމުންއެދާ ވިޔާނުދާ ގޮތްތައް" ސަލްމާ ވާހަކަދެއްކިއެވެ.

"މާހިލް ނޫޅޭ ގޯސްގޮތަކަށް. އިނގިއްޖެ. ފަޒާ މިގެއިން ދިޔައީ އަންހެނަކާއި ހިތާވެގެން. ދައްތަ ކައިރީގައި މިވާހަކަ ދައްކަން އަހަރެން ލަދުވެސްގަނޭ. އެކަމަކު މާހިލް އަހަރެންނަށް ހުރިހާ ވާހަކައެއް ކިޔައިދީފި" ބުރުހާނުއްދީން މާހިލްގެ ދިފާއުގައި ވާހަކަދެއްކިއެވެ.

"ތިއީ ކޮއްކޮ ކައިރީގައި މާހިލް ވާހަކަދެއްކި ގޮތް. ދެން ތިވާހަކަ ބާއްވާފައި އަމިއްލަ މީހާގެ ވާހަކައެއް ދައްކަބަލަ. އެންމެފަހު ނޭވާއާއި ހަމައަށްވެސް ތިގޮތުގައި ހުންނާނީތަ...؟" ސަލްމާ ވާހަކަދެއްކިއެވެ.

"ތިބުނީ...؟ އަހަރެން ކައިވެންޏަކާ މެދު ނުވިސްނާ ވާހަކަތަ...؟" އަހަރެން ގަޔާވާ މީހަކު ނުފެންނަންޏާ ކައިވެނިކުރެވޭތަ؟" ބުރުހާނުއްދީން ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ.

"މީހާ އުމުރަށް ވުރެ ކިތަންމެ ޒުވާންކޮށް ހުއްޓެއްކަމަކު ކޮއްކޮގެ އުމުރުން މިހާރު ފަންސާހާއި ގާތްކުރާނެ. ތިއުމުރަށް ދިޔައިމަ ހަޔާތުގެ ބައިވެރިޔަކަށް ހޯދާނީ ޒުވާން ޅަ ކުއްޖެއްނޫން. ހެޔޮލަފާ އަޚްލާޤް ރަނގަޅު ދީންވެރި ކުއްޖެއް. އެކުގައި އާޚިރަތަށްޓަކައި މަސައްކަތްކުރާނެ ބައިވެރިއެއް. ދަރިން ތިބި މީހަކަސް ތިމާގެ އަތުން ދުވަހަކުވެސް ދޫކޮށްނުލާނެފަދަ ބައިވެރިއެއް" ސަލްމާ ބުރުހާނއްދީނަށް ވިސްނާދިނެވެ.

"ވެދާނެއްނު ތިފަދަ ކުއްޖެއް މިހާރު ނޫޅޭކަމަށްވެސް" ބުރުހާނުއްދީން ދިނީ ފަރުވާކުޑަ ޖަވާބެކެވެ.

"ދައްތަގެ ދިރިއުޅުން ރާއްޖެއިން ބޭރުގައި އޮތަސް ކޮއްކޮގެ ދިރިއުޅުމުގެ ހުރިހާކަމެއް ދައްތައަށް އިނގޭ. ކޮއްކޮގެ ހަޔާތަށް އެންމެ ފުރަތަމަ އައި އިންސާނާއަކީ އިނާޝާ. މުޅި ދިވެހިރާއްޖެއަށް ގޮންޖެހިޔަސް އެކުއްޖާއަށް ވުރެ ރަނގަޅު ކިޔަމަންތެރި އަންހެންކުއްޖަކު މި ބިންމަތިން ހޯދާކަށް ލާހިކެއްނޫން. އެއީ ހަމަ ޖަވާހިރެއް. އެކަމަކު ކޮއްކޮ އިނާޝާއާއި މެދު ކަންތައްކުރީ ކޮންފަދަ އިހާނެތި ގޮތަކަށް. އެކުއްޖާފުޅަށް ނުކުރަނީ ކޮން އަނިޔާއެއް؟ އެކުއްޖާއާއި މެދު ވިސްނާނުލިޔަސް އޭނާގެ ބަނޑުން މިދުނިޔެއަށް އުފަންކުރީ ކޮއްކޮގެ ދަރިއެއް ނޫންތަ...؟ އެކުއްޖާ ދުނިޔޭގައި ހުރިކަމެއް ނޫންކަމެއް އިނގޭތަ؟ ކޮއްކޮ އަމިއްލައަށް ވިސްނާލަބަލަ. ކޮއްކޮއަށް ކިތައް ފާފަ ކުރެވިއްޖެތަ...؟ ކިތަންމެ ފަހަރަކުވެސް ދައްތައަށް ކޮއްކޮއަށް ކުރެވިފައި ހުރި ކުށްތަކަށް މަޢާފްކުރެވިދާނެ. އެކަމަކު އަންނަން އޮތް ދުނިޔެއިން ސަލާމަތާއި ރައްކާތެރިކަން އޮތީ އެކަލާނގެ ރުހުން ލިބިގެން. ފިރިހެނެއްގެ އަނިޔާވެރިކަމެއްގެ ސަބަބުން އަންހެނެއްގެ ލޮލުން ކަރުނަ އަތުވެއްޖެނަމަ އެފިރިހެނަކަށް ލަޢުނަތް ލެއްވުމަށް އެދި މަލާއިކަތް ބޭކަލުން ދުޢާކުރޭ. ކޮއްކޮ ހީކުރަނީ ކޮއްކޮ އަތުގައި ފައިސާއާއި ކާރާއި ގެދޮރާއި މުދާ ހުރީ އެއީ ކޮއްކޮގެ މޮޅުކަމަކުން ރީތިކަމަކުން ލިބިފައި ހުރި ތަކެތި ކަމަށްތަ..؟ އެއީ ހެއްދެވި ފަރާތުން ކޮއްކޮއަށް ދެއްވާފައިވާ އެއްޗެހި. ހިނދުކޮޅެއްގެ ތެރޭގައިވެސް އެތަކެތި ކޮއްކޮ އަތުން ނިގުޅައިގަންނަން އެކަލާނގެ ކުޅަދުންވަންތަ....؟ ތިހުރިހާ އެއްޗެއް ދޫކޮށް ނިކަން ތިމާގެ ލެއިން އުފެދިފައި ހުރި ދަރިފުޅު ހޯދަން މަސައްކަތްކޮށްބަލަ. ކޮއްކޮގެ ދަރިއަކީ މާހިލެއްނޫން" ސަލްމާ ދެއްކި ވާހަކަތައް އަޑުއަހަން ބުރުހާނުއްދީން ހުރީ އިސްޖަހާލައިގެންނެވެ. ނަމަވެސް ސަލްމާ އެންމެފަހުން ބުނި ޖުމްލައާއިއެކު ސަލްމާއަށް ބަލާލެވިއްޖެއެވެ.

"މާހިލްއަކީ އަހަރެންގެ ލޯބިވެރިޔާގެ ދަރިފުޅު. އަހަރެން އަބަދުވެސް މާހިލްދެކެ ލޯބިވާނަން" ބުރުހާނުއްދީން ބުނެލިއެވެ.

"އެންމެ ކުޑައިރުން ފެށިގެން ކޮއްކޮގެ ލޯތްބާއި އޯގާތެރިކަން ލިބިގެން އެކުއްޖާ ބޮޑުވެފައި އެހުރީ. ދައްތަ ނުބުނާނަން ކޮއްކޮއަށް މާހިލް މުހިންމެއްނޫނޭ. ދައްތައަށް ވެސް އިނގޭ މިހުރިހާ ދުވަސްވާއިރު ހުންނާނީ ދަރި ކުލުނު ޖެހިފަކަން. އެކަމަކު ދުވަހަކުވެސް ދުވަހަކުވެސް ނުވާނެ އެއީ ކޮއްކޮގެ އުފަން ދަރިއަކަށް. ކޮއްކޮ ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް އެޙަޤީޤަތް ބަދަލެއްނުވާނެ" ސަލްމާ ވާހަކަދެއްކިއެވެ.

"އިނާޝާއަކީ އަހަރެންގެ ނުގަބޫލުގަ ބައްޕަ އަހަރެންގެ ބޮލުގައި އެޅުވި މުސީބާތެއް. އޭނަ ބަނޑުން ވިހޭ ދަރި އެއީ އަހަރެން ބޭނުންވި ދަރިއެއްނޫން. އެއީ އޭނާގެ ބަނޑުން ވިހެއީތީ. އަހަރެންނާއި ޝުރިއްޔާގެ ލޯބީގެ ދެމެދަށް ވަނީ ތިބުނާ އިނާޝާ. އަހަރެން ހާދަ ރުޅިއެކޭ އަންނަނީ އެ އަންހެނާދެކެ. އަހަރެން ޝުރިއްޔާއަށް ވައުދުވިން މާހިލް ބަލާނެކަމަށް. މާހިލްގެ ނަމުގެ ފަހަތަށް އަހަރެންގެ ނަން ނަޔަސް އަހަރެންގެ މުޅި ދިރިއުޅުން ގުޅިފައިވަނީ އެކުއްޖާއާއި. އަހަރެން ނުދާނަން އިނާޝާއާއި އޭނާގެ ދަރިފުޅު ހޯދާކަށް. އެދެމައިން ދުނިޔޭގައި ތިއްބަސް ނެތަސް އަހަރެންނަށް ފަރުވާލެއްނެތް" ބުރުހާނުއްދީން ހިތްހަމަނުޖެހިފައި ވާހަކަދެއްކިއެވެ.

"އަހަރެން ހާދަ ހިތާމައެއް ކުރަމޭ އަހަރެންގެ ހުރި ހަމައެކަނި ކޮއްކޮއަށް ހަރުދަނާ ވިސްނުމެއް ލިބިފައި ނުވާތީ.... މާތް ﷲ މިއަޅާގެ ކޮއްކޮގެ ވިސްނުން ބަދަލުކުރައްވާ ހެޔޮވިސްނުން ދެއްވާށި. އަދި މިއަޅާގެ ކޮއްކޮއަކީ ހެޔޮބަސްއަހާ ހެޔޮބަސް ޤަބޫލުކުރާ އަޅަކު ކަމުގައި ލައްވާށި....." ބުރުހާނުއްދީން ބޮލުގައި ފިރުމާލަމުން ސަލްމާ ވާހަކަދެއްކިއެވެ.

"އަހަރެން ދުވަހަކުވެސް ދައްތައާއި ދެކޮޅެއްނުވާނަން. އެވަރަކުން އަހަރެން ދައްތަ ރާއްޖެ މިގެނައީވެސް ދެކިލާހިތުން. ދައްތަ އަހަރެންދެކެ ރުޅި ނާންނައްޗެ" ސަލްމާގެ ގައިގައި ބައްދާލަމުން ބުރުހާނުއްދީން ވާހަކަދެއްކިއެވެ.

"ދައްތަ ދެން މިދަނީ ގެއަށް. ﷲ އިރާދަކުރެއްވިއްޔާ ފަތިހު ދައްތަ އަންނާނަން. ކޮއްކޮއާއި މާހިލްއަށް ކައްކާފަ ކާންދީ އަންނައުނުތައް ދޮވެ އިސްތިރިކޮށް މިގޭތެރެ ފޮޅާ ސާފުކޮށްދޭނަން. އެކަމަކު ކޮއްކޮވެސް ވިސްނަންޖެހޭނެ އަބަދަކު މިގޮތައް ކޮއްކޮމެންނަށް ކަންތައްތައް ކޮށްދޭން ދައްތައަށް ނުހުރެވޭނެކަން" ސަލްމާ ބުނެލިއެވެ.

"ދައްތަ މިގޭގައި މަޑުކުރިޔަސް އެއްވެސް ކަމަކަށް ދައްޗެއް ނުވާނެ. ދައްތަ ތިގޮތަށް ކުލީ ކޮޓަރި ގަނޑެއްގައި ހުރުމަށްވުރެ ރަނގަޅެއްނު" ބުރުހާނުއްދީން ބުނެލިއެވެ.

"ނޫނޭ... ދައްތަ މިގޭގައި ނިދަން އެއްބަސްވާނީ ކޮއްކޮގެ ތި ހަރުކަށި ވިސްނުންތައް ބަދަލުކޮށް ދައްތަ ހިތްހަމަޖެހޭފަދަ އުޅުމެއް ކޮއްކޮގެ ފަރާތުން ފެނުނު ދުވަހަކުން. އަދިވެސް ދައްތަ މިބުނަނީ. ކޮއްކޮ ތިގެންގުޅޭ އުސޫލުތަކާއި ދައްތަ މުޅިން ޚިލާފް. ދެން ދަނީ...." ބުރުހާނުއްދީން އެއްޗެއް ނުބުނަނީސް ސަލްމާ ހިނގައިގަތެވެ.

***************

ހުކުރު ދުވަހެވެ. ހެނދުނުގެ ނާސްތާއަށް އެންމެން ހަމަވެފައި ތިއްބެވެ. މަދީ ހަމައެކަނި ފަޒާއެވެ. މުހްސިން މަޑުކޮށްލައިގެން އިނީ ފަޒާ އަންނަންދެނެވެ. މާގިނައިރު އިންތިޒާރު ކުރަން ނުޖެހި ފަޒާ އެމީހުންނާއި ބައިވެރިވިއެވެ. އަތުގައި އޮތް ނޫސް ކަރުދާސް ކައިރީގައި ހުރި ފަރީޝާ އަތަށް ދެމުން ލޮލުގައި އަޅާފައި އިން ނަންބަރ އައިނު ނަގާފައި މޭޒުގެ އެއްފަރާތުގައި ބޭއްވިއެވެ.

"ރޭގައި ނުނިދަނީތަ...؟" ފަޒާއަށް ބަލާލަމުން މުހްސިން އަހާލިއެވެ. ފަރީޝާގެ ނަޒަރު ފަޒާއަށް ހުއްޓުނީ މުހްސިން އެހެން ބުނީމައެވެ.

"އެއީ ތެދެއް ދަރިފުޅާ. ރޭގައި ދަންވަންދެން ހޭލާ އުޅުނުކަން މަންމައަށް އިނގޭ. މަންމަ ދަމު ނަމާދަށް ތެދުވެފައި ބަދިގެއަށް ފެންޖަގެއް ބަލާ ދިޔައިރު ދަރިފުޅުގެ ކޮޓަރި ދޮރުދަށުން ލައިޓްގެ އަލި ފެންނަން ހުރި" ފަރީޝާ ވާހަކަދެއްކިއެވެ.

"ނިދިން. އެކަމު ތަންކޮޅެއް ލަހުން. ނޫސްތައް ޗެކްކުރީ. މަންމާ..! ބައްޕާ...! އަޅުގަނޑު ވަޒީފާއަކަށް ދާން ބޭނުން" ފަޒާ އޭނާ ބޭނުންވާ ގޮތް ހާމަކުރިއެވެ. މުހްސިނާއި ފަރީޝާ އެކަކު އަނެކަކަށް އަވަސް ނަޒަރެއް ބަދަލުކޮށްލިއެވެ.

"ދަރިފުޅު ބޭނުން ވަޒީފާއަކަށް ދިޔަސް ބައްޕަގެ އެއްވެސް މައްސަލައެއްނެތް. އެކަމަކު ވިސްނަންވާނެ ވަޒީފާއަކަށް ދަންޏާ އެތަނެއްގައި ދާއިމީވެގެން އިޚުލާސްތެރި ކަމާއެކު މަސައްކަތް ކުރެވޭވަރުގެ ތަނަކަށް ދާން" މުހްސިން ވާހަކަދެއްކިއެވެ.

"އަޅުގަނޑު ވަރަށް ގަޔާވާ ތަނެއް ފެނިއްޖެ. އެކަމަކު....." ފަޒާ ބުނެލިއެވެ.

"އެކަމަކު ކިހިނެއްވީ...؟ ފަޒާދައްތަ ލައިކް ވަންޏާ އަވަހަށް އެޕްލައި ކުރަންވީނުން" ސައިބޯން އިން އަޒްކާ ވާހަކަދެއްކިއެވެ. ފަރީޝާ އަޒްކާއަށް ބަލައިލީ ތަފާތު ނަޒަރަކުންނެވެ. އޭނާ އަޒްކާއާއި ކުރަން ބޭނުންވާ އެތައް ސުވާލުތަކެއް އެބަހުއްޓެވެ.

"ތެދެއް ދަރިފުޅާ. ކޮބާ މައްސަލައަކީ...؟" މުހްސިން ބުނެލިއެވެ.

"މިހާރު ދެގޮތަކަށް ހިތް ބުނާތީވެ. އަޅުގަނޑު ބޭނުންވޭ މެޑިސިން ހަދަން ކިޔަވަން ފުރަންވެސް. ހިތަށް އަރަނީ ކޮންގޮތެއްބާއޭ ރަނގަޅީ" ފަޒާ ވާހަކަދެއްކިއެވެ.

"ދަރިފުޅު ބޭނުންތަ ކިޔެވުން ފުރިހަމަކުރަން. ތި ފުރުޞަތު ލިބިފައި އޮށްވާ ދަރިފުޅު ކައިވެނިކުރަން ބޭނުންވެގެނެއްނު ދޫކޮށްލީ. ދަރިފުޅު ބޭނުންވެއްޖިއްޔާ ބައްޕަ މިހުރީ ދަރިފުޅުގެ ކިޔެވުމުގެ ހުރިހާ ހަރަދުތަކެއް ކުރަން ތައްޔާރަށް" މުހްސިން ވާހަކަދެއްކިއެވެ. ފަޒާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ދަރިފުޅު ވިސްނާފައި ގޮތެއް ނިންމާ އިނގޭ. ދެން މާ ވާހަކަ ގިނަނުކޮށް ސައިބޯން އުޅޭ" ފަރީޝާ ވާހަކަދެއްކިއެވެ.

**********************

އިޝާ ނަމާދަށް ފަހު ރޭގަނޑު ކާން ތައްޔާރު ކުރުމުގެ ކުރިން އާދައިގެ މަތިން ހައްވަ ނަޝްވާގެ ކޮޓަރީ ދޮރުގައި ޓަކި ޖަހައިލިއެވެ. ނަޝްވާ ދޮރު ހުޅުވުމާއެކު ކާން ހަދަންވީތޯ ސުވާލު ކުރިއެވެ.

"ޝަދީން މަންމަމެން ގެއަށް މިދަނީ ކާން. ޙައްވައްތައާއި އަޒްކާ ރަނގަޅަށް ކައިގެން ހުރޭ އިނގޭ" ހިނިތުންވުމަކާއެކު ނަޝްވާ ވާހަކަދެއްކިއެވެ.

ނަޝްވާގެ ދެމަފިރިން ގެއިން ނިކުތުމާއެކު ޙައްވަ އަވަސްވީ އަޒްކާއަށް ކާން ގޮވުމަށެވެ. އޭނާ އަޒްކާގެ ކޮޓަރީ ޓަކި ޖަހަން އުޅުނު ވަގުތު ދޮރު ހުޅުވާލާފައި އަޒްކާ ނިކުތެވެ.

"ވަރަށް ބަނޑުހައި" ބަނޑުގައި އަތް ހާކާލަމުން އަޒްކާ ބުނެލިއެވެ.

"އަވަހަށް ހިނގާ ކާން" އަޒްކާގެ ބުރަކަށީގައި ފިރުމާލަމުން ޙައްވަ ބުނެލިއެވެ.

ބަދިގެ ތެރޭގައި ޙައްވައާއި ބައިވެރިވެގެން އަޒްކާވެސް މޭޒު މައްޗަށް ބޭނުންވާ ކާއެއްޗެހި އަރުވަމުން ދިޔައެވެ. ނަޝްވާގެ ދެމަފިރިން ބޭރަށް ދިޔަ ވާހަކަ ޙައްވަ އަޒްކާ ކައިރީގައި ބުނީ އެ މަސައްކަތުގައި ހުރެއެވެ. ދޮރުގެ ބެލް އަޅާލި އަޑު އިވުނީ އެވަގުތުއެވެ.

"ޙައްވައްތަ މަޑުކޮށްލާ. އަޅުގަނޑު މިއަންނަނީ ހުޅުވާލައިފައި" އަޒްކާ ދޮރާއި ދިމާލަށް ހިނގައިގަތެވެ.

ދޮރުމަތީގައި ހުރި މެދު އުމުރުގެ ފިރިހެން މީހާ ފެނިފައި އަޒްކާ ޚައިރާންވިއެވެ. އެއީ އޭނާ އަދި ދުވަހަކުވެސް ދެކެފައި ނުވާ މީހެކެވެ. ހަށިގަނޑު ފަލަވެފައި ބިޔަކަމަށް ދައްކަނީ އިސްކޮޅުން ދިގުވީމައެވެ. މޫނުމަތީގައި ވަނީ ތުބުޅި ބޯވެފައެވެ. ދެލޮލުގައި ވަނީ ރަތްކަމެވެ. ގިރުވާނު ލާފައިވާ ރީނދޫ ކުލައިގެ ޓީޝާޓާއި އެކުގައި ތިރިން ހުރީ ނޫކުލައިގެ ގޮޅިޖެހި މުންޑެއް އަނދެފައެވެ.

(ނުނިމޭ)

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟