މަސްތުވާތަކެތީގެ މައްސަލަތައް

ދިއްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ދޯނިމަތިން ހައްޔަރުކޮށްފި

ހއ. ދިއްދުއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މީހަކު ދޯނިމަތިން ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ އެމީހާ ހައްޔަރު ކުރީ، މާލެއިން ފުރައިގެން ހއ. ދިއްދުއަށް ދަތުރުކުރަމުންދާ ދޯންޏަކުން މީހަކު ދިއްދުއަށް މަސްތުވާތަކެތި ގެންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.

އެ އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ފިރިހެނެކެވެ.

ދިއްދުއަށް ދަތުރުކުރަމުން ދިޔަ އެދޯނި ވަށަފަރާއި ގާތްކުރުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެމީހާ ގެންގޮސް ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ތިން ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

މިމައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ހއ. އުތީމު މެޖިިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.

މި މައްސަލަ ހއ. ދިއްދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުގީގު ކުރަމުންނެވެ.