ޓެކްނޮލޮޖީ

ސެޕްޓެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ އައިފޯން މޮޑެލްތަކުގެ މައުލޫމާތު ލީކުކޮށްލައިފި

މުހައްމަދު އައުޒަމް

ސެޕްޓެމްބަރުގައި ނެރުމަށް ހަމަޖެހިފައިވާ އައިފޯން މޮޑެލްތަކުގެ މައުލޫމާތު ލީކުކޮށްލައިފިއެވެ.

މިއަހަރު އަލަށް ނެރުމަށް ހަމަޖެހިފައިވަނީ އައިފޯންގެ ތިން މޮޑެލްއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ދެން ނިކުންނަ އައިފޯންގެ ޑިޒައިން މިހާރުވެސް ނެރެފައިވާ ޑިޒައިންތަކާ ތަފާތެއް ނުވާނެއެވެ. ނަމަވެސް ގިނަ ފީޗަރ ތަކަށް ބަދަލު އަންނާނެއެވެ.

ލީކުވެފައިވާ މައުލޫމާތަށް ބަރާއިރު ދެން ނިކުންނަ އައިފޯންގައި އެންމެ ފަހުގެ އޭ13 ގެ ޗިޕެއް ހިމެނޭނެއެވެ. މީގެ ސަބަބުން ފޯނުގެ ސްޕީޑްގެ އިތުރުން ގިނަ އިރު ބެޓަރީ ހިފަހައްޓައިދޭނެއެވެ. އެޕަލް އިން އޯޑަރުދީގެން އޭ13 ގެ ޗިޕް ގެ ބޮޑު ޕްރޮޑަކްޝަނެއް ޓައިވާން ގެ ކުންފުންޏަކުން އުފައްދަމުން އަންނަކަމުގެ ހަބަރުތައް ވަނީ ފެތުރިފަ އެވެ.

އެންމެ ބޮޑު އަނެއްބަދަލަކަށް ފާހަގަ ކުރެވެނީ ކެމެރާއަށް އަންނާނެކަމަށް ބެލެވޭ ބަދަލެވެ. އަލަށް ނިކުންނަ ފޯނުގެ ފަހަތަށް ކެމެރާއެއް އިތުރު ވާނެކަމަށް ރިޕޯޓުތުތައް ބުނެ އެވެ. އަދި ކުރިމަތީގައި ދެ ކެމެރާ ހިމެނޭނެއެވެ. ފޯނުގެ ފަހަތުގައި ޖުމްލަ ތިން ކެމެރާއާއެކު އައިފޯންގެ ފޮޓޯގްރަފީއަށް އިންގިލާބީ ބަދަލެއް އަންނާނެކަމަށް ބެލެވެއެވެ. ހާއްސަކޮށް އަލްޓްރާ ވައިޑް ފޮޓޯގެ އިތުރަށް ޒޫމް ކުރެވޭނެ ކަމަށް ބެލެވެއެވެ.

ލީކުވެފައިވާ މައުލޫމާތުތަކަށް ބަލާއިރު އެޕަލް އިން މުޅީން އަލަށް އައިފޯން މެދުވެރިކޮށް ރިވާސް ވަޔަލެސް ޗާޖް ކުރެވޭނެ ގޮތް މިފަހަރުގެ ފޯން ގައި ހިމެނާނެއެވެ. ރިވާސް ވަޔަލެސް ޗާޖިންގ ބޭނުންކޮށްގެން އައިފޯން މެދުވެރިކޮށް އެއާރ ޕޮޑް ފަދަ ޑިވައިސްތައް ޗާޖް ކޮށްލެވޭނެއެވެ. މި ފީޗާ އަކީ އައިފޯނަށް އާފީޗާ އަކަށް ވީނަމަވެސް މީގެ ކުރިން ސެމްސަންގ އިން ގެލެކްސީ އެސް10 ގެ ފޯން މެދުވެރިކޮށް ރިވާސް ވަޔަލެސް ޗާޖް ކުރެވެއެވެ.