ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އެ ޕާޓީގެ 123 ވަނަ ކައުންސިލް ބައްދަލުވުމުން ނިންމައިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމަށް ބޭފުޅަކު އިންތިހާބު ކުރުމަށް ހުށަހެޅުއްވީ އެ ޕާޓީގެ ރައީސް އަލީ ވަހީދެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް ބޭފުޅަކު އިންތިހާބުކުރުމަށް ހުށަހެޅި ހުށަހެޅުން 61 މެމްބަރުންގެ އިއްތިފާގުން ފާސްވެފައިވާ ކަމަށް އެ ޕާޓީން ބުނެއެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހުގައިވާ ގޮތުން ޖިނާއީ ހުކުމެއްގައި ހުންނަވާ ބޭފުޅަކަށް ޕާޓީގެ އިސް މަގާމެއްގައި ނުހުންނެވޭނެއެވެ. ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމު ގާސިމް އިބްރާހީމަށް ގެއްލުނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކަކަށް ރިޝްވަތު ހުށަހެޅި ކަމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ސާބިތުވެ ގާސިމް ޖަލަށް ލާން ހުކުމް ކުރުމުންނެވެ. ނަމަވެސް މިއަދު ހައި ކޯޓުން ވަނީ ގާސިމަށް އިއްވި ޖަލު ހުކުމް ބާތިލްކޮށްފައެވެ. އެހެންކަމުން މިހާރު ގާސިމަށް އަލުން ލީޑަރުގެ މަގާމަށް ކުރިމަތިލެއްވޭނެއެވެ.
ޖުމްހޫރީ ޕާޓީގެ އަސާސީ ގަވާއިދުގައިވާ ގޮތުން، އެއްވެސް ސަބަބަކާ ހުރެ ޕާޓީގެ ލީޑަރުގެ މަގާމު ހުސްވެއްޖެ ނަމަ ނުވަތަ އެ މަގާމު ފުރުއްވުމަށް އުޒުރުވެރިވެއްޖެ ނަމަ އެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ޕާޓީގެ ކައުންސިލުން ކަނޑައަޅާ ނައިބު ލީޑަރުންގެ ތެރެއިން ބޭފުޅެކެވެ. މިއަހަރުގެ ޖޫން މަހު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ލީޑަރުގެ މަސްއޫލިއްޔަތުތައް ހަވާލުކުރެއްވީ ނައިބު ލީޑަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޑރ. ހުސައިން ރަޝީދު ހަސަނާއެވެ.
މިރޭ ބޭއްވި އެ ޕާޓީގެ ކައުންސިލް ބައްދަލުވުމުގައި ގާސިމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.