ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 61

އަބްދުﷲ ފާރޫގް ހަސަން

(12 ޖުލައިގެ އަދަދާ ގުޅޭ)

"ތިޔަބައިމީހުން ރަށަކާ ހަނގުރާމަޔަށް އެރަށެއްގެ ކައިރިޔަށް ހިނގައްޖެކަމުގައިވާނަމަ އެރަށުގެ މީހުންނަށް ޞުލްޙަޔަށް ދަޢުވަތުދޭށެވެ. އެރަށެއްގެ މީހުން ތިޔަބައިމީހުންނަށް ޞުލްޙަވެރިކަމުގެ އިޖާބުން އިޖާބަދީ ރަށުގެ ދޮރޯށިތައް ހުޅުވައިފިކަމުގައިވާނަމަ އެރަށުގެ އަހްލުވެރީންނަކީ ތިޔަބައިމީހުންނަށް ވާރުދޭ ތިޔަބައިމީހުންގެ ރައްޔިތުން ކަމުގައި ހަދާށެވެ. އެރަށުގެ މީހުން ތިޔަބައިމީހުނާ ޞުލްޙަނުވެ ތިޔަބައިމީހުނާ ހަނގުރާމަ ކޮށްފިކަމުގައިވާނަމަ އެރަށެއް ޙިޞާރުކުރާށެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެރަށެއް ތިޔަބައިމީހުންގެ ބާރުގެދަށަށް ގެނެސްދެއްވައިފި ކަމުގައިވާނަމަ އެރަށެއްގެ މީހުން (ހަނގުރާމަވެރި ފިރިހެނުން) ޤަތުލުކުރާށެވެ. އަންހެނުންނާއި ކުޑަކުދީންނާއި ނަޢަމުސޫފިތަކާއި ރަށުގެ މުދާތައް ތިޔަބައިމީހުންގެ ޣަނީމާއެއްކަމުގައި ހަދާށެވެ. (ޑިއުޓޮރޮނޮމީ: ބާބު 2: އާޔަތް: 10)

ހަމަ މިބާވަތުގެ ޙުކުމެއް ނަމްބާރސްގެ ބާބު އެއްތިރީހުގައިވެސް އައިސްފައިވެއެވެ.

"مـــوســى عــلـيــــه الـسّــلام މާތް اللّــــه ގެ ޙުކުމްފުޅަށް މަދްޔަނުގެ މީހުނާ ހަނގުރާމަކުރާން އިސްރާއީލް ބާގައިގެ މީހުންނަށް އަމުރުކުރެއްވިއެވެ. އިސްރާއީލް ބާގައިގެ މީހުން އެރަށުގެ ފިރިހެނުން ޤަތުލުކުރިއެވެ. އޭގެތެރޭގައި ފަސްރަސްކަލަކުވެސް ޤަތުލުކުރިއެވެ. ބާޣޫރުގެ ދަރިފުޅު ބަލްޣާމުވެސް ޤަތުލުކުރިއެވެ. އަންހެނުންނާއި ކުދީންނާއި ހުރިހައި މުދަލެއް ޣަނީމާކޮށްގެން ގެނައެވެ. مـــوســى ގެފާނު އެކަލޭގެފާނުގެ އޮފިސަރުންދެކެ ރުހިވަޑައިނުގެން ވިދާޅުވިއެވެ. ހުރިހައި ފިރިހެންކުދީންނާއި "ފިރިހެނެއްގެ މޫނު ދެކެފައިވާ" ހުރިހައި އަންހެނުން ޤަތުލުކުރާށެވެ. ހުސްއެކަނި ބިކުރުވެރި އަންހެނުން ދޫކޮށްލާށެވެ. (ނަމްބާރސް: 31، އާޔަތް 19-1)

އެހެންކަމުން ޤުރައިޡަތުވަންހައިގެ މީހުންގެ ތެރެއަށް އައިސްހުރި ނަޟީރުވަންހައިގެ ދީނީ ޢިލްމުވެރިޔާ އަދި އެބައިމީހުންގެ ރައީސް حُــيَـيُّ بــن أخطب އޭނާ ޤަތުލުކުރެއްވުމުގެ ކުރީން އިޢުތިރާފުވެފައިވެއެވެ. "އޭ މީސްތަކުންނޭވެ! މާތްކަލާނގެ އަމުރުފުޅެއް ތަންފީޒުކުރެވުމަކީ މައްސަލައެއް ނޫނެވެ. މި ތަންފީޒުކުރެވެނީ އިލާހީ ޙުކުމްފުޅެކެވެ. މިއީ އިސްރާއީލް ބާގައިގެ މީހުންނަށް ލިޔުއްވައިދެއްވައިފައިވާ ސަޒާއެކެވެ." (ރަސޫލެ ރަޙްމަތު، مـــولانــاأبــــوالكــلام آزاد)

ޤުރައިޡަތުވަންހައިގެ ހަނގުރާމަޔަކީ އޮރިއެންޓަލިސްޓުންކުރެ އިސްލާމްދީނުގެ ދުޝްމިނުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާއި އިސްލާމްދީން ބަދުނާމުކުރާން ވަރަށް ހީވާގިކަމާއެކު ގަލަން ހިންގައިފައިވާ ހާދިސާއެކެވެ. ޤުރައިޡަތުވަންހައިގެ މީހުންނަށް ދެވުނު އަދަބާ ބެހޭގޮތުން ނަންހުރި އިސްލާމީ މުފައްކިރު އަދި މިނިވަން އިންޑިޔާގޭ އެންމެފުރަތަމަ ވަޒީރުލްމަޢާރިފު مـــولانــاأبــــوالكــلام آزاد ލިޔުއްވައިފައިވެއެވެ.

"ޤުރައިޡަތުވަންހައިގެ މީހުންނަށް ދެވުނު އަދަބާމެދު ޚިޔާލުކޮށްލާއިރު ޙާލަތާއި އެބައިމީހުންގެ މާޒީވަނީ އެފަދަ އަދަބެއް ދިނުން އެކަށީގެންވާ ގޮތަށެވެ. ގާތްގަނޑަކަށް ފަސްއަހަރެއްހައި ދުވަސްވަންދެން އެބައިމީހުން ކޮންމެ ސިކުންތެއް ހޭދަކޮށްފައިވަނީ މުސްލިމުންނަށް ދެރަދޭން މަސައްކަތް ކުރުމުގައެވެ. މުސްލިމުންނަށް ގެއްލުމެއް ދެވޭނެގޮތަކީ ކޮބައިތޯ ވިސްނައި ރޭވުންތައް ރޭވުމުގައެވެ. ތަދްބީރު ކުރުމުގައެވެ. އެބައިމީހުން މުސްލިމުން މި ހަސްތީން ފޮހެލަން ޢަމަލީގޮތުން ތެދުވެ އެންމެ ފާޅުގައި ޙަރަކާތްތެރިވީ މުސްލިމުންގެ ތާރީޚު ދެކެފައިވާ އެންމެ ޚުޠޫރަތްތެރި ދަނޑިވަޅުގައެވެ. އެބައިމީހުންވަނީ މުސްލިމުންނާއެކު ސޮއިކޮށްފައިވާ މީޘާޤުގެ ބޭނުން އެންމެބޮޑުވި ވަގުތު އެ މީޘާޤު ބޮލުން އެއްލައިލައިފައެވެ. އެބައެއްގެ ޣަދަރުވެރިކަމާހުރެ މަދީނާއިން ނެރެލެއްވުމުން ޚައިބަރުގައި ފައިތިލަ ހަރުކޮށްގެން އެތާނގައިތިބެ އެތައްހާހަކުން ލަޝްކަރު އެއްކޮށްގެންއައިސް މަދީނާއަށް ޙަމަލަދިން މީހުންވަނީ އެބައިމީހުނާ އެކުގައެވެ. އެ ޙަމަލައަކީ މަދީނާގެ ބިންގަނޑު ގުޑުވައިލި ގަދަފަދަ ޙަމަލައެކެވެ. މުސްލިމުންގެ ޖާނީ ދުޝްމިނުންގެ ބަޔަކު މުސްލިމުން ނައްތައިލާންކުރި މަސައްކަތުގައި އެބައިމީހުންގެ ތުރުކަހުގައި އެންމެ ތީރެއްވެސްނެތި ހުސްވަންދެން ބޭނުންކުރުމަށްފަހު ނާކާމިޔާބުވެ އަމާން އެދިގަތުމުން އެބައިމީހުންނަށް ރަޙުމުކުރުމަކީ ވިހަ ހަރުފަޔަކަށް އަނެއްކާވެސް ވިހަލާން ފުރުޞަތު ދިނުމެވެ. ޝައްކެއްނެތެވެ. މުސްލިމުން ޤުރައިޡަތުވަންހައިގެ މީހުން ޙިޞާރުކުރުމުގެ ކުރީން އެބައިމީހުންގެ ކުށަށް އިޢުތިރާފުވެ މާފުއެދުނުނަމަ އެބައިމީހުންނަށް ލުއިލިބުމުގެ އެކަށޭނަކަން އޮތެވެ. ކުޑަ އަދަބެއް ދިނުމުގެ ފުރުސަތު އޮތެވެ. ނަމަވެސް އެބައިމީހުން ޣަދަރުވެރިވެ މުސްލިމުން ނައްތައިލާން އިންތިހާދަރަޖައިގެ ބޮޑު ޖަރީމާއެއް ހިންގައިފައި އޭގެއިތުރަށް އެވަރުންވެސް ފުއްދައެއް ނުލިއެވެ. މުސްލިމުންނާ ހަނގުރާމަ ކުރާކަށެއްވެސް ފަހެއް ނުޖެހުނެވެ. ހުރިހައި ނުބައިކަމެއް ނަންހުސްކޮށް ކުރުމުން އޭގެ ނަތީޖާއާމެދު ޒިންމާވާންޖެހޭނީ ގަދަވިފަރާތެއް ނޫނެވެ. މަތިމައްޗަށް ފަށްފަށްކޮށް ޖަރީމާ ހިންގުމުންވެސް ނާކާމިޔާބުވީ ބަޔެކެވެ. ޤުރައިޡަތުވަންހައިގެ މަޤްތޫލުންގެ ޢަދަދާމެދު މުއައްރިޚުންގެ މެދުގައި ޚިލާފު ހުރެއެވެ. ބައެއް މުއައްރިޚުން ވިދާޅުވަނީ، ހަސަތޭކައާއި ހަތްސަތޭކައާ ދެމެދުގެ ޢަދަދެއް ކަމުގައެވެ. އެކަމަކު ޞައްޙަ ޢަދަދަކީ ތިންސަތޭކައާއި ހަތަރުސަތޭކައާ ދެމެދުގެ ޢަދަދެކެވެ." (ރަސޫލެރަޙްމަތު، ޞަފުޙާ: 368)

شمس الــعــلـمـاء عــلاّمـــة شـبــلــــى نــعـمــانــــى އާއި عــلاّمـــة سـيّـــد ســليمــان نــــدوى އާ ދެބޭކަލުން ލިޔުއްވައިފައިވެއެވެ.

"1. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަޔަށް ވަޑައިގެންނެވިތާ ކުރީކޮޅުގައި އެބައިމީހުންނާއެކުވަނީ ރަޙުމަތްތެރިކަމުގެ މުޢާހަދާއެއް ކުރައްވައިފައެވެ. އެބައިމީހުންނަށް ފުރިހަމަޔަށް ދީނީ މިނިވަންކަން ދެއްވައިފައެވެ. ޖާނާއި މާލުގެ ރައްކައުތެރިކަމުގެ ގަރަންޓީ ދެއްވައިފައެވެ.

2. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއަށް ހިޖްރަކުރެއްވިއިރު ޔަހޫދީންގެ ނަސްލީ ބެހުންތަކުގައި ޤުރައިޡަތުވަންހައިގެ މީހުން ނަޟީރުވަންހައިގެ މީހުންނަށްވުރެ ދަރަޖައިގެގޮތުން ދަށެވެ. ނަޟީރުވަންހައިގެ މީހަކު ޤުރައިޡަތުވަންހައިގެ މީހަކު ޤަތުލުކޮށްފިކަމުގައިވާނަމަ ދޭންޖެހެނީ މަރުގެދިޔައިގެ ދެބައިކުޅަ އެއްބައެވެ. ޤުރައިޡަތުވަންހައިގެ މީހަކު ނަޟީރުވަންހައިގެ މީހަކު ޤަތުލުކޮށްފިކަމުގައިވާނަމަ ހަމަޔަށް މަރުގެދިޔަ ދޭންޖެހެއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެތަފާތު ނައްތައިލައްވައި ދެބައިމީހުންގެ ދަރަޖަ އެއްވަރުކުރެއްވިއެވެ. މިއީވެސް ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޤުރައިޡަތުވަންހައިގެ މީހުންނަށް ކުރެއްވި އިޙްސާންތެރިކަމެކެވެ.

3. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ނަޟީރުވަންހައިގެ މީހުން މަދީނާއިން އަރުވައިލެއްވި ދުވަސްވަރު ޤުރައިޡަތުވަންހައިގެ މީހުންވެސް އެގޮތަށް އުޅެގަތެވެ. ޢަހްދާ ޚިލާފު ކަންތައްތަކެއްވަނީ ހިންގައިފައެވެ. ނަމަވެސް ޤުރައިޡަތުވަންހައިގެ މީހުންނަށް ޢަހްދުނާމާ އައުކޮށްދެއްވައި އެމީހުން މަދީނާގައި ބައިތިއްބެވިއެވެ.

4. މިހުރިހައި ހެޔޮފުޅުކަމެއް ކޮށްދެއްވައިފައިވަނިކޮށްވެސް ޤުރައިޡަތުވަންހައިގެ މީހުންވަނީ ޢަހްދު އުވައިލައި އަޙްޒާބު ހަނގުރާމައިގައި ޢަރަބީންގެ ގުޅިފައިވާ ލަޝްކަރާ ބައިވެރިވެފައެވެ.

5. އަޙްޒާބު ހަނގުރާމައިގެ ދުވަސްވަރު އަހްލުބައިތުން ރައްކައުތެރިކުރައްވަން ބައިތިއްބަވައިފައި ތިއްބެވި ކިއްލާއަށް ޙަމަލަދޭންވެސް ޤުރައިޡަތުވަންހައިގެ މީހުން ވަނީ މަސައްކަތް ކޮށްފައެވެ.

6. حُــيَـيُّ بــن أخطب އަކީ މުސްލިމުންނާ ދެކޮޅަށް ބަޣާވަތްކޮށްފައިވާ މުޖްރިމެކެވެ. އޭނާއަކީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މަދީނާއިން އަރުވައިލައްވައިފައިވާ މީހެކެވެ. ޢަރަބި ޤަބީލާތަކުގައި މުސްލިމުންނާ ދެކޮޅަށް ހުޅުރޯކޮށް އަޙްޒާބު ހަނގުރާމަ ވުޖޫދަށްގެނައި އެއް މޭސްތިރިޔަކީ އޭނާއެވެ. ޤުރައިޡަތުވަންހައިގެ މީހުންވަނީ އެކަލޭގެ އެބައިމީހުންގެ ތެރެއަށް ގެންގޮސްފައެވެ. ހުރިހައި ފިތުނަވެރިކަމަކާއި ހަނގުރާމަތަކެއްގެ ދީބާޖާއަކީ އޭނާއެވެ.

މިކަންކަން މިހެން ހުރުމާއެކު ޤުރައިޡަތުވަންހައިގެ މީހުނާމެދު ޢަމަލުކުރެވޭނީ އެހެން ކޮންގޮތަކަށްތޯއެވެ؟" (ســيــرة الــنـّـبــيّ صـلّـــــى اللّــــه عــلـيــــه وسـلّـــــم، عــلاّمـــة شـبــلــــى نــعـمــانــــى، عــلاّمـــة سـيّـــد ســليمــان نــــدوى، ޞަފުޙާ: 250، 249)

سعــد بـــن معــــاذ رضـــى اللّـــه عــنـــه ޤުރައިޡަތުވަންހައިގެ މީހުންގެ މައްޗަށް ޙުކުމް ކުރެއްވުމުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަމުރުފުޅަށް ޤުރައިޡަތުވަންހައިގެ ހަނގުރާމަވެރި ފިރިހެނުން ގެންދެވުނީ މަދީނާއަށެވެ. އެބައިމީހުން ބަންދުކުރެއްވީ ނައްޖާރުވަންހައިގެ ބޭކަނބަލެއްގެ (بــنـت حــارث) ގެ ގޭގައެވެ. އެބައިމީހުން ޤަތުލުކުރެވުނީ މަދީނާގެ ބާޒާރުމަތީގައި ޚަންދަޤުތަކެއް ކޮންނެވުމަށްފަހު މީހުންތައް ބައިބަޔަށް އެ ޚަންދަޤުތަކަށް ގެންގޮސް އެ ޚަންދަޤުތަކުގެ ތެރޭގައެވެ. މިކަން ފެށުނުތާ އިރުކޮޅެއްގެފަހުން އެހައިތަނަށް ބާކީތިބި ޤައިދީން އެބައިމީހުންގެ ސަރުދާރު كــعب بـــن أســــد އާ ސުވާލުކުރިއެވެ. "ކަލޭގެފާނު ލަފާކުރައްވަނީ ކޮންގޮތަކަށްތޯއެވެ؟ އަޅުގަނޑުމެނާމެދު ޢަމަލުކުރެވެމުން މިދަނީ ކޮންގޮތަކަށްތޯއެވެ؟" އޭނާ ޖަވާބުދިނެވެ. "ތިޔަބައިމީހުންނަކީ އެއްވެސްކަމެއްގައި އެއްވެސްއިރަކު ބުއްދީގެ ބޭނުންކުރާ ބައެއް ނޫނެވެ. ނުފެނޭހެއްޔެވެ. ގޮވާމީހުން އައިސް ނަންގޮވައިގެން މީހުން ގެންދިޔުމެއް ނުހުއްޓެއެވެ. ގެންދިޔަ މީހަކު އެނބުރިއެއް ނާދެއެވެ. މާތްކަލާނގެ ގަންދެމެވެ. ޤަތުލުކުރެވެމުން ދަނީއެވެ."

މުސްލިމުންގެ މި ޙަރަކާތުގައިވަނީ ޣަދަރުވެރިކަމާއި ޚިޔާނަތްތެރިކަމުގެ މުޖައްސިމުންކަމުގައިވާ ހުރިހައި ހަރުފަތަކެއް ނައްތައިލެވިފައެވެ. އެބައިމީހުންނަކީ ވަޢުދު އުވައިލައި ޢަހްދަށް ޚިޔާނާތްތެރިވި މީހުންނެވެ. މުސްލިމުން މި ވުޖޫދުން ފޮހެނައްތައިލުމަށްޓަކައި ނުހަނު ނާޒުކު ދަނޑިވަޅެއްގައި އެބައިމީހުންވަނީ ދުޝްމިނުންނަށް އެހީތެރިވެ އަތްބާރު އަޅައިދީފައެވެ. ހަނގުރާމައިގެ ބޮޑެތި މުޖްރިމުންގެ ދައުރު އަދާކޮށްފައެވެ. އެބައިމީހުންގެ މައްޗަށް ވަނީ ޙުކުމް ކުރެވިފައެވެ. ދަންޖައްސައި މެރުން ނުވަތަ ޤަތުލުކުރުން ޙައްޤު ބަޔަކު ކަމުގައިވެފައެވެ.

(ނުނިމޭ)