އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް ރައްކާތެރިކަމާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް މިއަދު ފަށައިފިއެވެ.
ފުލުހުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މިބައްދަލުވުމަކީ އެމްޓީސީސީން އިސްނަގައިގެން ބަސް ޑްރައިވަރުންނަށް މައުލޫމާތު ދިނުމަށް ކުރިއަށް ގެންދާ ބައްދަލުވުމެއް ކަމަށެވެ.
މި ޕްރޮގްރާމުގައި އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވައިދުތަކަށް އަހުލުވެރި ކުރުވުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅޭގޮތުން މައުލޫމާތު ދޭނެ ކަމަށް ފުލުހުން ބުނެފައިވެއެވެ.
މި ޕްރޮގްރާމްގައި 60 ޑްރައިވަރުން ބައިވެފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ.
އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް ރައްކާތެރިކަމާ ބެހޭ މައުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ފެށިއިރު، ހުޅުމާލޭގައި ދުއްވާ އެމްޓީސީސީގެ ބަސް ޑްރައިވަރުންނަށް ނިދިޖެހިގެން މިމަހު ވަނީ ނުރައްކާތެރި ދެ އެކްސިޑެންޓް ހިނގައި، އެތަނުން އެއް އެކްސިޑެންޓްގައި ފަތުރުވެރިއަކު މަރުވެފައެވެ.
އަދި ދެވަނަ އެކްސިޑެންޓް ހިނގާފައިވަނީވެސް ޑްރައިވަރަށް ނިދިގެންނެވެ. މިއެކްސިޑެންޓް ހިނގާފައިވަނީ ބަހާއި ކާރަކާއި ސައިކަލެއް ޖެހިގެންނެވެ. ނަމަވެސް މިއެކްސިޑެންޓްގައި އެއްވެސް މީހަކަށް މާބޮޑު ގެއްލުމެއް ނުލިބެއެވެ.