ސުޕްރީމް ކޯޓުން ގާނޫނީ ވަކީލު އަލީ ހުސައިން ފަސް މަހަށް ސަސްޕެންޑްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ އަލީ ހުސައިން ސަސްޕެންޑްކޮށްފައިވަނީ ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް ކަމަށް ވިދާޅުވެ، ވީޓީވީއަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަން އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ އަލީ ހުސައިން ސަސްޕެންޑްކޮށްފައިވަނީ އޭނާއާ ހަވާލާދީ "ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް: އަލީ ހުސައިން" މި މައުޟޫއުގައި މިމަހުގެ ފަސްވަނަ ދުވަހު ވީނިއުސްގައި ޝާއިއުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން އޭނާއާ ސުވާލުކުރުމަށްފަހު، އޭނާ ދީފައިވާ ބަޔާނަށް ރިއާޔަތްކޮށް ބެލިބެލުމުން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދާ ހިލާފު އަމަލަކަށްވާތީ ކަމަށެވެ.
ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ގާނޫނީ ވަކީލުންނާބެހޭ ގަވާއިދާ ހިލާފު އަމަލަކަށްވާތީ ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި އަލީ ހުސައިން ވަކާލާތުކުރުން މިއަދުން ފެށިގެން ފަސް މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ޑީޖޭއޭއިން ބުނެއެވެ.