މާލޭ ސިޓީ ކައުންސިލް

މާލޭގެ ގޭބިސީތަކަށް ކަދުރު ބަހަން ފަށައިފި

ރަމަޟާން މަހާއި ދިމާކޮށް ސައޫދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާކުރި ކަދުރު، މާލޭގެ ގޭބިސީތަކަށް މިއަދު ބަހަން ފަށައިފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބަހަންފެށި ކަދުރު ދޫކުރާނީ، އާންމު ހިދުމަތްތަކާ ބެހޭ ސެކްޝަނުން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 އިން މެނދުރު 12:30އަށެވެ.

އަދި ރަސްމީ ދުވަސްތަކުގެ ރޭގަނޑު ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ 9:00 އިން 10:30 އަށް، އަދި ހޮނިހިރު ދުވަސްތަކުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ހެނދުނު 9:30 އިން 12:00 އަށެވެ.

ކަދުރު ބެހުމުގައި އިސްކަން ދެނީ ފަގީރުންނަށެވެ.

ކަދުރު ބެހުމުގައި ފުރަތަމަ އިސްކަން ދޭނީ ފަގީރުންނަށް ކަމަށް އިސްލާމިކް މިނިސްޓްރީން މީގެކުރިން ވެސް ވަނީ ބުނެފައެވެ.

މާލޭ ސިޓީކައުންސިލުން ބުނީ ފަގީރުންނަށް ބެހުމަށްފަހު ބާކީ ހުންނަ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް އިސްކަންދޭ އުސޫލުން ކަމަށެވެ.

އެގޮތަށް މިއަދުން ފެށިގެން ހުސްވަންދެން ކަދުރުތައް ބެހުން ކުރިއަށް ގެންދަން ނިންމާފައިވާއިރު ކޮންމެ ގޭބިސީއަކަށް ވެސް ލިބޭނީ އެއް ޕެކެޓު ކަދުރެވެ.

ސައޫދީން މިއަހަރު ހަދިޔާކޮށްފައިވަނީ 50 ޓަނުގެ ކަދުރެވެ.

އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ގޭބީސީއެއްގެ ސައްހަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު، ނުވަތަ އެ ގޭބިސީއެއް ނިސްބަތްވާ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު، ނުވަތަ ގޭގެ އިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލެވެ. އަދި ކަދުރާ ހަވާލުވާ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހުށަހަޅަން ޖެހޭނެއެވެ.

މާލެ އާއި، ވިލިމާލެ އަދި ހުޅުމާލޭ ގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ މާލެ ސިޓީ ކައުންސިލް މެދުވެރިކޮށް ކަމަށާއި ރަށްރަށަށް ނުވަތަ އަތޮޅުތެރެއަށް ކަދުރު ބަހާނީ، އަތޮޅު ކައުންސިލް ތަކުންނާއި، ރަށު ކައުންސިލްތައް މެދުވެރިކޮށް ކަމަށް އެމިނިސްޓްރީން ބުނެއެވެ.