ކުޅިވަރު

ދިރާގު ރޯޑްރޭސް: ފުރުސަތު ހުޅުވާލިތާ 48 ގަޑިއިރު ތެރޭގައި ހުރިހާ ޖާގައެއް ފުރިއްޖެ

ރާއްޖޭގެ އޮތް އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގުން ސިލްސިލާކޮށް ބާއްވަމުން އަންނަ ރާއްޖޭގެ އެންމެ ބޮޑު ދުވުން، ދިރާގު ރޯޑްރޭހަށް ހުޅުވާލިތާ 48 ގަޑިއިރު ތެރޭގައި ހުރިހާ ޖާގައެއް ފުރިއްޖެއެވެ.

"ދިރާގު މޯލްޑިވްސް ރޯޑު ރޭސް"ގެ ނަމުގައި ދިރާގުން ކޮންމެ އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ ދުވުމަކީ ބައިނަލްއަގުވާމީ ދުވުމެކެވެ. މިއަހަރުގެ މުބާރާތަށް ބޮޑު ތަރުހީބެއް ލިބިފައިވާ އިރު، ކުރީ އަހަރުތަކާ ހިލާފަށް މިއަހަރު ދިރާގުން ވަނީ 4،000 ދުވުންތެރިންނަށް ފުރުސަތު ހުޅުވާލައިފައެވެ. ކުރީ އަހަރުތަކުގައި ދުވުމުގައި ބައިވެރިވުމަށް ހުޅުވާލާ އަދަދަކީ 3،000 ދުވުންތެރިންނެވެ.

މީގެ 12 އަހަރު ކުރިން، 2007 ވަނަ އަހަރު ފުރަތަމަ ބޭއްވި ދިރާގު ރޯޑްރޭހަކީ މީގެކުރިންވެސް ތަރުހީބު ބޮޑު މުބާރާތެއް ނަމަވެސް، މިއީ މިހާތަނަށް އެ ދުވުމަށް އެންމެ ބޮޑަށް ތަރުހީބު ލިބުނު ފަހަރެވެ. މިދިޔަ އަހަރު 3،000 ޖާގަ ފުރިފައި ވަނީ 72 ގަޑި އިރު ތެރޭގައި ކަމަށް އެ އަހަރު ދިރާގުން ވަނީ ބުނެފައެވެ.

ދިރާގު ރޯޑްރޭސް 2007 ވަނަ އަހަރުން ފެށިގެން ބާއްވަމުން އައިސް، އެ ދުވުން ބައިނަލްއަގުވާމީ ދުވުމެއްގެ ގޮތުގައި ބާއްވަން ފެއްޓީ 2014 ވަނަ އަހަރުގައެވެ. ދިރާގު ރޯޑްރޭހަކީ ކޮންމެ އަހަރަކުވެސް އިޖުތިމާއީ މައްސަލައެއް ތީމްއެއްގެ ގޮތުގައި ނަގައިގެން، މުޖުތަމުގައި އެ މައްސަލަތަކަށް ހޭލުންތެރިކަން އިތުރުކުރުމަށް ބާއްވަމުން އަންނަ ދުވުމެކެވެ.

ދިރާގު ރޯޑްރޭސްގައި ގިނަ އަދަދެއްގެ ދިވެހީންގެ އިތުރުން ދުނިޔޭގެ މަޝްހޫރު ދުވުންތެރިންވެސް ބައިވެރިވެއެވެ. ހާއްސަކޮށް، ހާއްސައެހީއަށް ބޭނުންވާ ފަރާތްތައްވެސް ދުވުމުގައި ބައިވެރިކޮށްގެން ދިރާގުން ދުވުން އިންތިޒާމް ކުރާކަން ފާހަގަކޮށްލެއެވެ. ދިރާގު ރޯޑްރޭހަކީ އެސޯސިއޭޝަން ފޯ މެރަތަންސް އެންޑް ޑިސްޓެންސް ރަނިންގައި ރަޖިސްޓްރީ ވެގެން ކުރިއަށް ގެންދާ ދުވުމެކެވެ. މިއަހަރުގެ ދުވުން އޮންނާނީ އަންނަ ނޮވެންބަރު މަހު ދެވަނަ ދުވަހު ހުޅުމާލޭގައެވެ.