އިބްރާހިމް ޒަކީ
މާލޭގައި ވެހިކަލް ލިމިޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީކައުންސިލުން ބުނެފިއެވެ.
މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ކުރެއްވި ޓްވީޓެއްގައި މިއަދު ވިދާޅުވީ، މާޅޭގައި ވެހިކަލް ލިމިޓް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީ އާއި މޯލްޑިވްސް ޕޮލިސް ސާވިސް އާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއެކު އެކަމަށް ވަރަށްގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. އަދި ވަރަށް އެވަހަށް އެކަން ހަމަޖެހިގެންދާނެ ކަމަށްވެސް ޝަމާއު ވިދާޅުވިއެވެ.
"ވެހިކަލް ލިމިޓް ކުރުމަށްވެސް މަސައްކަތް އެބަކުރެވޭ. ޓްރާންސްޕޯޓް މިނިސްޓްރީ އާއި ޕޮލިސް އާއި ޕްރެޒިޑެންޓް އޮފީހާއެކު ގިނަ މަސއްކަތްތަކެއް އެބަކުރެވޭ. ދާދި އަވަހަށް އެކަންވެސް ވާނެ،" ޝަމާއު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، އެންމެންވެސް މަސައްކަތްކުރަނީ މާލެ އަކީ ދިރިއުޅެން ފަސޭހަ ފެހި ތަނަކަށް ހެދުމަށްކަމަށެވެ.
މާލެއަށް ވެހިކަލް ތޮއްޖެހިފައިވާ މައްސަލަ ހައްލު ކުރުމަށް ވެހިކަލް ކޮންޓްރޯލް ކުރުމުގެ ވާހަކަތަކެއް މީގެ ކުރީގެ ސަރުކާރުތަކުންވެސް ދައްކާފައިވެއެވެ. އަދި ވަކި މުއްދަތެއް ވެފައިވާ ވެހިކަލް ނުދުއްވޭ ގޮތަށް ހަދަންވެސް މީގެކުރިން މަޝްވަރާކޮށްފައި ވެއެވެ. ނަމަވެސް މިހާތަނަށް އެކަމަށް ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.
މާލޭގައި ވެހިކަލް ޕާކް ކުރުމަށް ދިވާ މައްސަލައަކީވެސް ބޮޑު މައްސަލައެކެވެ. އެކަމަށް ހައްލު ގެނައުމަށް މިހާރުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް މާލޭ ސިޓީކައުންސިލުން ވަނީ ބުނެފައެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވިދާޅުވެފައިވަނީ، ޕާކު ކުުރުމަށް ދިމާވެފައިވާ މައްސަލައަށް ހައްލެއް ހޯދައިދިނުމަށް މަގުތަކާ ގުޅިފައިވާ ހުސްތަންތަނުގައި ޕާކިން ޒޯނުތައް ހެދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.