އިބްރާހިމް ޒަކީ
އެމްޑީޕީގެ ސެކްރެޓޭރިއެޓަށް ނިސްބަތްވާ އެއްވެސް ވިޔަފާރި ކުންފުންޏެއް ނޯންނާނެކަމަށް އެޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
ހަސަން ލަތީފު މިހެން ވިދާޅުވީ، މި ސަރުކާރުގެ ވައުދުތަކުގެ ތެރެއިން، ސްކޫލްތަކުގެ ދަރިވަރުންނަށް ދޭން ފަށާފައިވާ ހެނދުނުގެ ނާސްތާ ސުކޫލް ދަރިވަރުންނަށް ދިނުމަށްޓަކައި ކުރިއަށް ގެންދާ "ނާސްތާ ޕްރަގްރާމަކީ" ސަރުކާރު ހިންގާ އެމްޑީޕީއަށް ނިސްބަތްވާ ވިޔަފާރި ކުންފުންޏަކަށް ފައިސާދޭން ހިންގާ ޖަރީމާއެއްކަމަށް ޕީއެންސީގެ ނައިބު ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން ނިހާނަށް ރައްދު ދެއްވައި ކުރެއްވި ޓްވީޓެއްގައި ހަސަން ލަތީފު ވިދާޅުވީ، އެމްޑީޕީއަކީ ސިޔާސީ ޕާޓީއެއްކަމަށެވެ.
ސްކޫލްދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދޭނެ ފަރާތްތަކެއް ހޯދުމަށް ބައެެއް ސްކޫލްތަކުން ކޮށްފައިވާ އިއުލާނާ ގުޅިގެން ނިހާން އިއްޔެ ވިދާޅުވީ، މާލޭގައި އަމީނިއްޔާ ސުކޫލުގައި ނާސްތާއަށް ދޭ ޕަކެޓާއި ބިސް އެ ސުކޫލުގެ ގިނަ ދަރިވަރުން ބޭނުން ނުކުރާ ކަމަށެވެ. އެގޮތުން ނާސްތާއަށް ދޭ ބިސް ދަރިވަރުން އުކާލަނީކަމަށާއި ނާސްތާއަށް ދޭ ޕަކެޓް ސުކޫލްތަކުގައި މަސައްކަތްކުރާ ދައްތަމެން ގެއަށް ގެންދަނީކަަމަށެވެ.
އެހެންކަމުން މިއީ އެމްޑީޕީގެ ކޮންމެވެސް ކުންފުންޏަކަށް ފައިސާ ދޭންވެގެން ހިންގާ ޖަރީމާއެއްކަމަށް ނިހާން ވަނީ ވިދާޅުވެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން ވަނީ، ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލައިފައެވެ. އަދި ބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، މިއަދުން ފެށިގެން، މިމަހުގެ 15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް ނާސްތާ ތައްޔާރުކޮށްދޭން އެދޭ ސްކޫލަކަށް ހާޒިރުވެ ނަންނޯޓް ކުރުމަށް އެދޭކަމަށް ބުނެފައިވެއެވެ.
މި ޕްރޮޖެކްޓާ ބެހޭގޮތުން ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި 19 ވާ އާދިއްތަ ދުވަހުގެ 11:00 ގައި ސުކޫލުތަކުގައިކަމަށާއި ބީލަން ހުޅުވުން އޮންނާނީ 2019 މެއި 23 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައިކަމަށްވެސް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ.
ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުރަތަމަ 100 ދުވަހު ކުރުމަށް ނިންމާފައިވާ ކަމެކެވެ. އެގޮތުން 25 ސުކޫލެއްގައި އެ ޕްރޮގްރާމް ވަނީ ފަށައިފަ އެވެ.