ފުޓްބޯޅަ

އިއްބެ، ލޯނެއްގައި އޮޑި ސްޕޯޓްސް ކްލަބަށް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ އެއްބަސްވުމެއްގައި ހުރި އިބްރާހީމް ވަހީދު ހަސަން (އިއްބެ)، ލޯނެއްގައި ކުރިއަށް އޮތް ސީޒަނަށް އޮޑި ސްޕޮޓްސް ކްލަބަށް ބަދަލުވެއްޖެއެވެ.

އިއްބެ މި ސީޒަނަށްވެސް ލޯނު އެއްބަސްވުމެއްގައި އޮޑިއަށް ކުޅެފައިވާ އިރު، އޭރު މަސްއޮޑީގެ ނަމުގައި އޮތް އޮޑިއާއެކު އިއްބެ ވަނީ ދެވަނަ ޑިވިޝަންވެސް ކާމިޔާބުކޮށްފައެވެ. އޭރު ޓީމުގެ ކެޕްޓަނަކީވެސް އިއްބެއެވެ.

އިއްބެއަށް މިދިޔަ ސީޒަނަކީ އުނދަގޫ ސީޒަނެކެވެ. މާޒިޔާގައި ހުރެ، އިއްބެ ސީޒަން ފެށެން ވާއިރަށް ކްލަބު ވެލެންސިއާއަށް ބަދަލުވެ، އެ ޓީމާއެކު ފަރިތަކުރުންތަކަށްވެސް ނުކުތެވެ. އެހެންނަމަވެސް، ވެލެންސިއާގެ ކްލަބު ރަޖިސްޓްރޭޝަން ފުރިހަމަ ނުކުރެވި، ކުރީގެ ކުޅުންތެރިންނާއި ކޯޗުންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތުމުން ފީފާއިން ވަނީ އެޓީމަށް ޓްރާންސްފާ ބޭންއެއްގެ އަދަބު ދީފައެވެ. އެ އަދަބާއެކު ވެލެންސިއާއަށް އިތުރު ކުޅުންތެރިން ރަޖިސްޓްރީ ނުކުރެވިގެން އިއްބެއަށް އިންނަން ޖެހުނީ ފުރަތަމަ ޑިވިޝަން ނުކުޅެ، ދަނޑު ބޭރުގައެވެ.

އޭގެފަހުން އިއްބެ ގައުމީ ޓީމާއެކު ސާފް ޗެމްޕިއަންޝިޕަށް ދިޔައެވެ. އެ މުބާރާތުގައި ކުޅުމަށްފަހު ފަހުން އެނބުރި ގައުމީ ދަނޑަށް ފުޓުބޯޅައަށް ނުކުތީ މަސްއޮޑި ސްޕޯޓްސް ކްލަބާއެކު ދެވަނަ ޑިވިޝަނަށެވެ. އެ މުބާރާތުގައި މޮޅަށް ކުޅެ، އިއްބެ ވަނީ އަލުން ފުރަތަމަ ޑިވިޝަނަށް ނުކުންނަން ތައްޔާރުވެފައެވެ.

މީގެ ކުރިން ނިއު ރޭޑިއަންޓާއި ޓީސީންވެސް އިއްބެ ފާހަގަވެގެން ދިޔައެވެ. ހާއްސަކޮށް ޓީސީއާއެކު ބަންގްލަދޭޝްގައި އޮތް ޝެއިހް ކަމާލް އިންޓަނޭޝަނަލް ކަޕާއި ދިވެހި ލީގުވެސް އިއްބެ ވަނީ ކާމިޔާބުކޮށްފައެވެ. އޭގެފަހުން އިއްބެ މާޒިޔާއަށް ބަދަލުވެގެންވެސް މޮޅަށް ކުޅެފައިވާ އިރު، އޭނާއަކީ 2018 ވަނަ އަހަރު ރާއްޖެއިން ދެވަނަ ފަހަރަށް ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެ އެންމެ މުހިއްމު ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ފުޓުބޯޅަ، ހުރިހާ ގޮތަކުންވެސް މިވަގުތު ހުއްޓިފައި އޮތް އިރު، އެފްއޭއެމްގެ ހިންގާ ކޮމިޓީއެއްވެސް ނެތެވެ. އެ ހާލަތުން އަރައިގަންނަން ފީފާގެ އެންގުމަކަށް ރާއްޖެއިން އިންތިޒާރުކުރަމުންދާ އިރު، އާ ސީޒަން ފެށޭނެ ދުވަހެއް އަދިވެސް ނޭނގެއެވެ.