ކުޅިވަރު

"މިނިކާ ވަލުކުއްތާ" ސަލާމުގެ މައްސަލައިގައި ޖަރުމަނާއި ތުރުކީ ބޮޑު ކޯޅުމަކަށް

އިމާދު ލަތީފު

މިފަހަރުގެ ޔޫރޯގައި ކުޅުނު ތުރުކީ ޓީމުގެ އެންމެ ބޮޑު ސަޕޯޓަރަކީ ތުރުކީގެ ރައީސް ރަޖަބު ތައްޔިބު އުރުދުޣާނެވެ. ކޮންމެ މެޗަކަށްފަހު އޭނާ ގެންދެވީ ޓީމުގެ ކުޅުންތެރިންނަށް ގުޅުއްވައި ހިތްވަރު ދެއްވަމުންނެވެ. ޓީމުގެ ކުޅުންތެރިންނަށް އޭނާ ވިދާޅުވަނީވެސް "ބިޒިމް ކޮކޫކްލާރ" އެވެ. މާނައަކީ އަހަރެމެންގެ ކުދިންނެވެ. މިފަހަރުގެ ޔޫރޯގެ ދެވަނަ ބުރުގައި އޮސްޓްރިޔާއާ ދެކޮޅަށް ދެ ގޯލްޖަހައި ޓީމު މޮޅުކޮށްދިން ޑިފެންޑަރު މެރީހު ޑެމިރާލް އުފާފާޅުކުރުމުގެ ތެރޭގައި ދެއްކި "އަޅިކުލައިގެ މިނިކާ ކުއްތާ" ސަލާމުގެ މައްސަލައިގައި ޔޫރަޕުގެ ފުޓްބޯޅައާ ބެހޭ މައިއިދާރާ ކަމަށްވާ ޔުއޭފާއިން ވަނީ އޭނާ ދެ މެޗަށް ސަސްޕެންޑްކޮށްފައެވެ. މި މައްސަލައިގައި ޖަރުމަންވިލާތާއި ތުރުކީވިލާތާ ދެމެދު މިހާރުވަނީ ސިޔާސީ އަރައިރުމެއްވެސް ފެށިފައެވެ. ވަރަށް ސީރިއަސް ވަރަށް ބޮޑު އަރައިރުމެކެވެ. އެއްބަޔަކު ވަނީ އަނެއް ބައެއްގެ ސަފީރު ޚާރިޖިއްޔާއަށް ހާޒިރުކޮށް އިންޒާރުތަކެއްވެސް ދީފައެވެ.

ތުރުކީން ގަބޫލުކުރާ ގޮތުގައި މައްސަލަ ބޮޑުކުރީ ޖަރުމަނުންނެވެ. ޖަރުމަނުން ނަސްލީ ހަސަދަޔާއި ނަފުރަތު އިސްކުރަނީއެވެ. ޖަރުމަނުގެ ސަރުކާރުން ގަބޫލުކުރާ ގޮތުގައި ޓީމުގެ ކުޅުންތެރިން މެދުވެރިކޮށް ތުރުކީގެ ރަސްމީ އިދާރާތަކުން ދަނީ ފުޓްބޯޅަ ސިޔާސީ ކުރަމުންނެވެ. މިޒާތުގެ ކަންކަމަށް ފަރުވާތެރިވެ ފިޔަވަޅުއެޅުން ލާޒިމެވެ. ކޮންމެއަކަސް ކުއާޓަރ ފައިނަލްގައި ތުރުކީއާއި ހޮލެންޑް ކުޅުނު މެޗު ބައްލަވާލެއްވުމަށް ޖަރުމަންވިލާތުގެ ވެރިރަށް ބާރލިންއަށް ރައީސް އުރުދުޣާން ކުރެއްވުމަށް ގަސްތުކުރެއްވި ދަތުރުފުޅުވެސް މިއަރައިރުންތަކާ ގުޅިގެން ވަނީ ކެންސަލް ކުރައްވައިފައެވެ. ގްރޭ ވުލްފް ސެލިއުޓް ނުވަތަ އަޅިކުލައިގެ މިނިކާ ކުއްތާގެ ސަލާމަކީ ކޮބައިހެއްޔެވެ. އޭގެ މާނަޔަކީ ކޮބައިހެއްޔެވެ. އެ ސަލާމުގެ ފެށުމަކީ އަދި ތާރީޚަކީ ކޮބައިހެއްޔެވެ. ޖަރުމަންވިލާތުން މިވަރަކަށް މިކަމާ ހިފަނީ ކީއްވެގެން ހެއްޔެވެ. އެކަންކަމަށް ބަލައިލަމާ ބަހީއެވެ. މުޅި ޔޫރަޕް އޮތްކަމަށް ފެންނަނީ ޖަރުމަންވިލާތާ އެކުގަައެވެ. ޔުއޭފާވެސް ހިމެނޭ ގޮތުންނެވެ.

ޖާރމަނީގައި ދިރިއުޅޭ މީހުންގެ ތެރެއިން ޖަރުމަނުގެ އަސްލު މީހުން ފިޔަވައި ދެން އެންމެ ބައިބޯ ބަޔަކީ ތުރުކީ މީހުންނެވެ. ޖަރުމަންވިލާތުގެ ޕާސްޕޯޓް ލިބިގެން އެގައުމުގެ ރައްޔިތުންގެ ގޮތުގައި ތުރުކީ ނަސްލުގެ 1.4 މިލިޔަން މީހުން ދިރިއުޅެއެވެ. މީގެ އިތުރަށް ކުރިން ދެންނެވި ބީދައިން ރަށްވެހިކަން ނުލިބި 1.6 މިލިޔަން މީހުން އެބަތިއްބެވެ. އެހެންވީމާ ޖަރުމަންވިލާތުގައި ދިރިއުޅޭ ތުރުކީ ނަސްލުގެ މީހުންގެ އަދަދު ތިން މިލިޔަނަށް އަރައެވެ. މިފަހަރުގެ ޔޫރޯ ކުޅެވެނީ ޖަރުމަންވިލާތުގައި ކަމަށްވެފައި މުބާރާތުގެ ކުއާޓަރ ފައިނަލާ ހަމައަށް ތުރުކީ ވާސިލްވެފައިވާތީ މިދެންނެވި މީހުންގެ ތެރޭގައި އުފާފާޅުކުރުން ވަރަށް ބޮޑެވެ. ޖަރުމަންވިލާތުގެ ރައްޔިތުން އެތަނުގެ ގައުމީ ޓީމަށް ސަޕޯޓްނުކުރާ މިންވަރަށް ޖަރުމަންވިލާތުގައި ދިރިއުޅޭ ތުރުކީ ނަސްލުގެ މީހުން ތުރުކީގެ ގައުމީ ޓީމަށް ސަޕޯޓްކުރިއެވެ. އެމީހުން ކުޅޭ ކޮންމެ މެޗެއްގައި ސްޓޭޑިއަމް ފުރާލައެވެ. އެގޮތުން ތުރުކީ މިފަހަރު ކުޅުނީ އަމިއްލަ ގައުމުގައި ކުޅުމާ އެއްފަދަ މާހައުލެއްގައެވެ.

އަލިކުލައިގެ މިނިކާ ކުއްތާގެ ނިޝާނަކީ ކޮބައިހެއްޔެވެ. ވުލްފަކީ ދިވެހިބަހުން މިނިކާ ކުއްތާއެވެ. އެއީ ވަރަށް ހީލަތްތެރި މިނިކާ ޖަނަވާރެކެވެ. ވުލްފް ސެލިއުޓް ނުވަތަ މިނިކާ ވަލުކުއްތާގެ ސަލާމަކީ އެ ޖަނަވާރުގެ މޫނު ނުވަތަ ބޯ ސިފަވާގޮތަށް އަތުގެ އިނގިލިތަކުން ދައްކާ ނިޝާނެކެވެ. ޝަހާދަތް އިނގިއްޔާއި ކުޑައިނގިލި ރަމްޒުކޮށްދެނީ އޭގެ ދެކަންފަތެވެ. ލަންބާލެވިފައިވާ އެހެން އިނގިލިތަކުން ރަމްޒުކޮށްދެނީ އަނގަޔާއި ނޭފަތެވެ. ފަހަކަށްއައިސް މި ނިޝާން ބޭނުންކުރަނީ ތުރުކީގެ ކަނާތުފިޔައިގެ ވަތަނީ ޖަމާއަތެެއް ކަމަށްވާ ގްރޭ ވުލްފުންނެވެ. އެ ޖަމާއަތުގެ ރަމްޒެއްގެ ގޮތުގައި މި ނިޝާން ބޭނުންކުރަން ފެށުމުގެ މާކުރިންވެސް ތުރުކީގެ ގައުމިއްޔަތު ހާމަކުރުމުގެ ރަމްޒެއްގެ ގޮތުގައި އެތަނުގެ ރައްޔިތުން އައީ މި ނިޝާން ބޭނުންކުރަމުންނެވެ. ހުޅަނގުގެ މީހުންގެ ނަޒަރުގައި މި ނިޝާނުގެ މާނަޔަކީ ތުރުކީގެ ގައުމިއްޔަތާއި އިސްލާމްދީނެވެ. މި ނިޝާނުން ހާމަކޮށް ދައްކާ އެއްޗަކީ އާމީނިޔާ މީހުންނާއި ގްރީކް މީހުންނާއި ޔަހޫދީންނާއި ޔޫރަޕުގެ އިއްތިހާދާއި އެމެރިކާއަށް އޮންނަ ރުޅިވެރިކަމާއި ނަފުރަތެވެ.

ތުރުކީގެ ގްރޭ ވުލްފް ޖަމާއަތުން މި ނިޝާން ބޭނުންކުރަން ފެށުމުގެ މާކުރިންވެސް މިއީ ތުރުކީގެ ރައްޔިތުން ބޭނުންކުރަމުންދިޔަ ޒަމާންވީ ނިޝާނެކެވެ. ގްރޭ ވުލްފް ޖަމާއަތް އުފެދި އެ ޖަމާއަތުގެ ލޯގޯ ނުވަތަ ނިޝާނެއްގެ ގޮތުގައި ބޭނުންކުރަންފެށި ހިސާބުން ހުޅަނގުގެ މީހުން މޭނުބައިކުރާ ނިޝާނަކަށް ވަނީ ބަދަލުވެފަައެވެ. އޭގެ ސިއްރަކީ ހުޅަނގާ ދެކޮޅު ވަރަށް ގިނަ ހަރަކާތްތަކެއް މި ޖަމާއަތުން ހިންގާފައިވުމެވެ. އޭގެތެރޭގައި ނަސާރާ ދީނުގެ އެންމެ ބޮޑު ފާދިރީ ޕޯޕް ޖޯން ޕޯލް ދެވަނަ އަވަހާރަކޮށްލުމަށް 1981 ވަނަ އަހަރު ހިންގުނު ހަރަކާތެއްވެސް ހިމެނެއެވެ. މި ނިޝާނާމެދު ގްރޭ ވުލްފް ޖަމާއަތް އުފެއްދި އެ ޖަމާއަތުގެ ބާނީ ކަމަށްވާ އަލްޕަރްސުލާން ތުރުކޭ ވިދާޅުވެފައިވަނީ ކީކޭ ބާވައެވެ. މި ނިޝާނުގެ މާނަޔާމެދު އޭނާ ވިދާޅުވެފައިވަނީ ކީކޭ ބާވައެވެ. އޭނާ ވިދާޅުވެފައިވެއެވެ. ކުޑައިނގިލިން ރަމްޒުކޮށްދެނީ ތުރުކީގެ ރައްޔިތުންނެވެ. ޝަހާދަތް އިނގިލިން ރަމްޒުކޮށްދެނީ އިސްލާމްދީނެވެ.

ވަށްބުރެއްހެން ލަންބާލެވިފައިވާ ބޮޑުއިނގިލިން ރަމްޒުކޮށްދެނީ ދުނިޔެއެވެ. ލަންބާލެވިފައިވާ ތިން އިނގިލި ގުޅޭ ހިސާބު ރަމްޒުކޮށްދެނީ ތަތްގަނޑެކެވެ. އޭގެ މާނަޔަކީ ތުރުކީގެ އިސްލާމީ ވެރިކަމުގެ ތަތްގަނޑު ދުނިޔޭގައި ޖަހާނަމެވެ. މަގުސަދަކީ އެއީއެވެ. ކުރުގޮތަށް ދަންނަވަންޏާ އެއީ އިސްލާމީ ޚިލާފަތު އަލުން ރުޖޫއަކުރުމުގެ ވާހަކައެވެ. ބަޔާން މިކުރެވުނީ މި ނިޝާނާއި ސަލާމުގެ މާނައެވެ. މިފަހަރުގެ ޔޫރޯގެ ދެވަނަ ބުރުގައި އޮސްޓްރިޔާއާ ދެކޮޅަށް ދެވަނަ ގޯލް ކާމިޔާބުކޮށްދިނުމަށްފަހު މި ސަލާމުން އުފާފާޅުކުރި ތުރުކީގެ ޑިފެންޑަރު މެރީހު ޑެމިރާލްގެ އަމިއްލަ ދުލުން މި ނިޝާނުގެ މާނަޔަކީ ކޮބައިހެއްޔެވެ. އޭނާ ބުންޏެވެ. އޮސްޓްރިޔާ ކޮޅަށް ދެގޯލް ޖެހުނީމާ އަހަރެން ހުރީ ނުހަނު ބޮޑަށް އުފާވެފަައެވެ. އަހަރެން އުފާ ފާޅުކުރީ ތުރުކީގެ ގައުމިއްޔަތު ހާމަވާ ބީދަޔަކުންނެވެ. އަހަރެންގެ ވަތަނީ ލޯބި ހާމަވާ ބީދަޔަކުންނެވެ. އަހަރެންނަކީ ތުރުކީ މީހެކެވެ. މެޗު ބަލަންތިބި އެތައްހާސް ބަޔަކުވެސް މި ނިޝާން ދައްކަމުންދިޔަ މަންޒަރު އަހަރެން ދުށީމެވެ.

އަހަރެމެން އެންމެންނަކީވެސް ތުރުކީ މީހުންނެވެ. ތުރުކީއަށް ނިސްބަތްވުމަކީ އަހަރެމެންގެ އެންމެ ބޮޑު ފަޚުރެވެ. އަހަރެން ދެއްކި ނިޝާނުގެ މާނަޔަކީ އެއީއެވެ. އެއީ ބަޔަކު މޭކަރަންޖެހޭ ކަމެއްކަމަށް ނުދެނަހުރީމެވެ. ޑެމިރާލް މިހެން ބުންޏަސް އޭނާ ދެއްކި ނިޝާނަކީ މާކުރިން ޔޫރަޕުގެ ބައެއް ގައުމުތަކުގައި މަނާކޮށްފައިވާ ނިޝާނެކެވެ. ފްރާންސާއި އޮސްޓްރިޔާގަައެވެ. ޔޫރޯ ކުޅެވެމުންދާ ޖަރުމަންވިލާތުގައި މިއަދާހައަށްވެސް ރަސްމީގޮތުން މި ނިޝާން މަނަލެއް ނޫނެވެ. ޖަރުމަންވިލާތުގައި ގްރޭ ވުލްފް ޖަމާއަތާއި އެ ޖަމާއަތުގެ ނިޝާން މަނާނުވުމުގެ އިތުރަށް އެ ޖަމާއަތަށް ނިސްބަތްވާ މެންބަރުންގެ އަދަދުވެސް އެ ގައުމުގައި ވަރަށް މައްޗެވެ. އަންދާޒާކުރެވިފައިވާ ގޮތުން އެ ޖަމާއަތަށް ނިސްބަތްވާ ވިހިހާސް މެންބަރުން ޖަރުމަންވިލާތުގައި އެކަނިވެސް އެބަތިއްބެވެ. އެހެންވީމާ އެއީ އަދަދުގެ ގޮތުން ޖަރުމަންވިލާތުގައި ދެވަނައަށް އެންމެ ބޮޑު މިފަދަ ޖަމާއަތެވެ. މިހާ ބައިބޯ ޖަމާއަތެއްވީމާ އެމީހުންނާ ދޭތެރޭ ފާރަވެރިވާތާ ޒަމާންތަކެއް ވެއްޖެއެވެ.