ދީން

މުސްލިމުންނާއި ޒަޔަނިސްޓް ޔަހޫދީން - 60

އަބްދުﷲ ފާރޫގް ހަސަން

(5 ޖުލައިގެ އަދަދާ ގުޅޭ)

أبــــولُـبــابــــة رضـــى اللّـــه عــنـــــه އަމިއްލަފުޅަށް ބަނދެވިވަޑައިގެންއޮންނެވި މުޑިހުރިތާނގައި މިހާރު އެހެރީ أسْـطُـــوانــــه أبى لُـبــابــــة އެވެ ކިޔުކު ތަނބުކޮޅެވެ. އެ ތަނބުކޮޅު އެހެރީ روضـــــة شــــريـف ގައެވެ.

أبــــولُـبــابــــة رضـــى اللّـــه عــنـــــه ޤުރައިޡަތުވަންހައިގެ މީހުންގެ ނިމުން އަންނާނެގޮތް އިޝާރަތުގެ ބަހުރުވައިން ވިދާޅުވެފައި އޮތުމާއެކުވެސް އެބައިމީހުންނަކަށް ހަތިޔާރު ނުބަހައްޓައެއް ހިފަހައްޓައެއް ނުލެވުނެވެ. އެބައިމީހުން ނިންމީ ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ ކުރިފުޅުމަތީގައި ހަތިޔާރު ބަހައްޓާށެވެ. މުނާސަބުކަމުގައި އެމާތް ސާހިބާއަށް ފެނިވަޑައިގެންނެވި ނިޔާއެއް ކުރެއްވުމަށްޓަކައެވެ. ޙަޤީޤަތުގައި އެބައިމީހުންތިބީ ދިގުމުއްދަތަކަށް ޙިޞާރުވެގެން ތިބެވޭފަދަ ޙާލަތެއްގައެވެ. އެބައިމީހުންގެ އަތުގައި ވަރަށް ދިގުމުއްދަތަކަށް ފުދޭވަރަށް ފޯރުމާލު ހުއްޓެވެ. އެބައިމީހުންގެ ސަރަޙައްދުގައި ފެންފެންގަނޑާއި ފެންވަޅުތައް ހުއްޓެވެ. އެބައިމީހުންގެ ކިއްލާތަކަކީ ރައްކައުތެރި ގަދަފަދަ ކިއްލާތަކެކެވެ. އަނެއްކޮޅުން މުސްލިމުން ތިބޭންޖެހިފައިއޮތީ ހާމަ މައިދާނުގައެވެ. ލޭގަނޑުގަންނަވައިލާފަދަ ގަދަފިނީގެ ތެރޭގައެވެ. ނުހަނު ހައިހޫނުކަމުގައެވެ. ޤުރައިޡަތުވަންހައިގެ ހަނގުރާމައިގެ ކުރީންވެސް މެދުކެނޑުމެއްނެތި އެތައްދުވަހަކުއްސުރެ މުސްލިމުން މަޝްޣޫލުވެގެންތިބީ ހަނގުރާމައިގެ މަޢުރިކާއެއްގައެވެ. މުސްލިމުންތިބީ ވަރަށްބޮޑަށް ވަރުބަލިވެ ހަށިތައް ކުދިކުދިވާވަރުވެފައެވެ.

ނަމަވެސް އަރަހުށި މާތް اللّــــه ޤުރައިޡަތުވަންހައިގެ މީހުންގެ ހިތްތަކުގައި މުސްލިމުންނާމެދު ބިރުވެރިކަމާއި ޖެހިލުންވުން އުފެއްދެވިއެވެ. އެބައިމީހުންގެ ހިތްވަރާއި ފަންވަރު އެލޭނެގޮތް މެދުވެރިކުރެއްވިއެވެ. އެބައިމީހުން ސިހުމާއި ހިތްވަރުއެލުން އޭގެ އިންތިހާޔަށް ދިޔައީ عــلــــى بـــن أبـــــى طـالـب رضـــى اللّــــه عــنـــــه އާއި الـــزّبــيـــر بـــن الــعـــوّام رضـــــى اللّــــه عــنــــه އާ ދެބޭކަލުން އެބައިމީހުންގެ ކިއްލާތަކާ ދިމާކުރައްވައި ކުރިޔަށް އަރައިވަޑައިގަންނަވާން ފެއްޓެވުމުންނެވެ. ޚާއްޞަކޮށް عــلــــى رضـــى اللّــــه عــنـــــه ގުގުރައިވަޑައިގެންފައި ކުރެއްވި އިޢުލާނެއްގެ އަޑު އިވުމުންނެވެ. عــلــــى ގެފާނު އިޢުލާންކުރެއްވިއެވެ. "އޭ މުސްލިމު ސިފައިންނޭވެ! މާތް اللّــــه ގަންދެއްވަމެވެ. އަހަރެން ހުއްޓައިލާނީ ދެ ނަތީޖާއަކުންކުރެ އެއް ނަތީޖާއެއް ޙާޞިލުކޮށްފައެވެ. އެހެންނާ حــمــــــزة رضــــى اللّــــه عــنـــــه ހިއްޕެވި ތަށީން ރަހަބަލައިފައެވެ. ނުވަތަ މި ކިއްލާތައް ފަތަޙަކޮށްފައެވެ."

عــلــــى رضـــى اللّــــه عــنـــــه ގެ ގަދަ ހިތްވަރުފުޅާއި ވަރުގަދަ ޢަޒްމު އެކުލެވޭ ނަޢުރާގެ އަޑު އިވުމާއެކު ޤުރައިޡަތުވަންހައިގެ މީހުން ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ އެބައިމީހުންގެ ނަފްސުތައް ޙަވާލުކޮށްފައެވެ. އިތުރު ސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم މުނާސަބު ކަމުގައި ދެކެވަޑައިގަންނަވާ ޙުކުމްފުޅެއް ކުރެއްވުމަށްޓަކައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަމުރުކުރެއްވީ ޤުރައިޡަތުވަންހައިގެ ހަނގުރާމަވެރި ފިރިހެނުން ވަކިކޮށް ޤައިދުކުރާށެވެ. މުސްކުޅީންނާއި އަންހެނުންނާއި ކުޑަކުދީން ހަނގުރާމަވެރި ފިރިހެނުންނާ އެއްފަރާތް ކުރާށެވެ. އެ އަމުރުފުޅު ހިންގަވައިލެއްވީ محــمّــــد بـــن مسـلـمـة رضـــى اللّــــه عــنـــــه އެވެ.

އެވަގުތު އައުސުވަންހައިގެ އަންޞާރިއްޔަ ބޭކަލުން ދުވެވަޑައިގެންފައި އިތުރު ސާހިބާގެ އަރިހަށް ވަޑައިގެން ދެންނެވިއެވެ. "މާތް ސާހިބާއެވެ. ޤައިނުޤާޢުވަންހައިގެ މީހުނާމެދު ސާހިބާ ޢަމަލުކުރެއްވިގޮތަށް މިބައިމީހުނާމެދުވެސް ޢަމަލުފުޅު ކޮށްދެއްވާށެވެ. އެބައިމީހުންނަކީ އަޅުގަނޑުމެންގެ ޚަޒްރަޖުވަންހައިގެ އަޚުންގެ ޙަލީފުންނެވެ. މިބައިމީހުންނަކީ އަޅުގަނޑުމެންގެ ޙަލީފުންނެވެ. އެހެންކަމުން މިބައިމީހުނާމެދު އިޙްސާންތެރިވެވަޑައިގަންނަވާށެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "މިބައިމީހުނާމެދު ޙުކުމްކުރުން ތިޔަބައިމީހުންކުރެ މީހަކާ ޙަވާލުކުރުން ރަނގަޅެއް ނޫންހެއްޔެވެ؟" އައުސުވަންހައިގެ ބޭކަލުން ވިދާޅުވިއެވެ. "ތިޔައީ ވަރަށް ރަނގަޅު ގޮތެކެވެ." ކައުސާހިބާ ޙަދީސު ކުރެއްވިއެވެ. "މިކަންތައް سعــد بـــن معــــاذ އާ ޙަވާލުކޮށްފީމެވެ." އައުސުވަންހައިގެ ބޭކަލުން ދެންނެވިއެވެ. "އަޅުގަނޑުމެން އެކަލޭގެފާނާ ރުހެމުއެވެ."

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم، سعــد بـــن معــــاذ رضـــى اللّـــه عــنـــه ބަލައިފޮނުއްވިއެވެ. އޭރު އެކަލޭގެފާނު އޮންނެވީ ޒަޚަމީންނަށް ފަރުވާކުރާ ފޭލިގެއެއްގައެވެ. ޚަންދަޤު ހަނގުރާމައިގެ ތެރޭގައި އެކަލޭގެފާނުގެ އަތްޕުޅުގެ މައިނާރުފުޅު ކެނޑިފައިވާތީއެވެ. އެ ފޭލިގެހުރީ المـسجــد الــنّـــبــوى ގެ ގޯތިތެރޭގައެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ގެ އަރިހަށް އެކަލޭގެފާނު ގެނެވުނީ ޙިމާރެއްގެ މައްޗަށް ސަވާރުކުރުވައިގެންނެވެ. އިސްލާމީ ލަޝްކަރު އެއްވެފައި ތިބިތަނާ ކައިރިޔަށް އެކަލޭގެފާނު ގެނެވުމާއެކު އައުސުވަންހައިގެ ޞަޙާބީން ދެފަރާތްޕުޅުން އެކަލޭގެފާނު ވަށައިލައްވައިފިއެވެ. އެބޭކަލުން ވިދާޅުވާން ފައްޓަވައިފިއެވެ. "އޭ سعــد އެވެ! އަޅުގަނޑުމެންގެ ޙަލީފުންނާމެދު އިޙްސާންތެރިކޮށް ހެޔޮފުޅުކޮށް މުޢާމަލާ ކުރައްވާށެވެ. رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ އެބައިމީހުންގެ މައްޗަށް ޙުކުމްކުރައްވާ ޙުކުމްދާރެއްކަމުގައި ކަލޭގެފާނު ކަނޑައަޅުއްވައިފައެވެ. ކަލޭގެފާނު އެއުރެންނާމެދު ރިވެތި ގޮތުގައި މުޢާމަލާ ކުރައްވާށެވެ!" އެކަމަކު އެކަލޭގެފާނު އެއްވެސް ޖަވާބެއް ނުދެއްވައެވެ. ހަނުހުންނެވީއެވެ. އައުސުވަންހައިގެ ބޭކަލުން ވާހަކަފުޅުތައް ގިނަކުރައްވާން ފެއްޓެވުމުން ވިދާޅުވިއެވެ.

"މާތް اللّــــه އަށްޓަކައި ކުރާ މުޢާމަލާއެއްގައި މި سعــد މީހުންގެ މަލާމާތަށް ބިރުނުގަތުމުގެ ވަގުތު މިހާރުވަނީ އައިސްފައެވެ!" سعــد އެހެން ވިދާޅުވުމުން އައުސުވަންހައިގެ ބައެއް ބޭކަލުން އެކަލޭގެފާނުގެ ޙުކުމް އަންނާނެގޮތް ލަފާކުރެއްވިއްޖެއެވެ. އެބޭކަލުންކުރެ ބައެއް ބޭކަލުން މަދީނާއަށް އަރައިވަޑައިގެން ޤައިދީންތައް ޤަތުލުކުރެވޭނެކަމުގެ ޚަބަރު ފަތުރުއްވައިފިއެވެ.

ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް سعــد ގެފާނު ގެނެވޭތަން ފެނިވަޑައިގެންނެވުމުން މީސްތަކުންނަށް ޙަދީސުކުރެއްވިއެވެ. "އޭ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ސާހިބާއަށްޓަކައި ތެދުވާށެވެ!" އެވަގުތު އެންމެ ބޭކަލުން ތެދުވެވަޑައިގެންފިއެވެ. ޞަޙާބީން سعــد ގެފާނު ސަވާރީން ބޭލުއްވުމުން އައުސުވަންހައިގެ ބޭކަލުން ދެންނެވިއެވެ. "އޭ سعــد އެވެ! رســـول اللّــــه صـلّـــــى اللّــــه عــلـيــــه وسـلّـــــم ވަނީ މިތިބަ އަސީރުންނާމެދު ޙުކުމްކުރެއްވުން ކަލޭގެފާނާ މަތިކުރައްވައިފައެވެ. އަޅުގަނޑުމެން އެކަން ޤަބޫލު ކުރަމުއެވެ."

سعــد ގެފާނު ވިދާޅުވިއެވެ. "އަހަރެން ކުރާ ނިޔާއެއް އެބައިމީހުންގެ މައްޗަށް ތަންފީޒުވާނެހެއްޔެވެ؟" އެންމެން އެއްއަޑަކުން ދެންނެވިއެވެ. "އާދޭހެވެ. ކަލޭގެފާނުގެ ނިންމެވުން ތަންފީޒުކުރުމަކީ އަޅުގަނޑުމެން ރުހިޤަބޫލުވެ އެކަށައަޅައިފައިވާ ކަމެކެވެ." سعــد ގެފާނު އިސްދަށަށް ޖައްސަވައި އަނެއްފަރާތަށް މޫނުފުޅު އަނބުރައިލައްވައިގެން އިންނަވައި ވިދާޅުވިއެވެ. "މިތާނގައި ތިއްބެވި އެހެނިހެން ފަރާތްޕުޅުތަކުންވެސްތޯއެވެ؟" ޙަޤީޤަތުގައި މިއީ سعــد بـــن معــــاذ رضـــى اللّـــه عــنـــه ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އާ ކުރެއްވި ސުވާލުފުޅެކެވެ. ފުރިހަމަ އަދަބު ތަޢުޡީމާއި އިޙްތިރާމް ބެހެއްޓެވުމުގެގޮތުން އެގޮތަށް ޢަމަލުކުރެއްވިއެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم ޙަދީސުކުރެއްވިއެވެ. "އަހުރެންގެ ފަރާތުންވެސް އެކަންއޮތީ އެގޮތަށެވެ."

سعــد بـــن معــــاذ رضـــى اللّـــه عــنـــه ވިދާޅުވިއެވެ. "އެހެންކަމުގައިވާނަމަ މިބައިމީހުންނާމެދު އަހަރެންގެ ޙުކުމަކީ ހަނގުރާމަވެރި ހުރިހައި ފިރިހެނުން ޤަތުލުކުރުމެވެ. އަންހެނުންނާއި ކުދީން އަޅުވެތިކުރުމެވެ. މުދާތައް ޣަނީމާކުރުމެވެ."

سعــد ގެފާނުގެ ނިޔާއަކީ އިންތިހާދަރަޖައިގެ ޢަދުލުވެރި ނިޔާއެކެވެ. ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އަށް سعــد ގެފާނުގެ ބަސްފުޅުތައް އަޑުއިވިވަޑައިގެންނެވުމުން ޙަދީސުކުރެއްވިއެވެ. ކަލޭގެފާނު ޤުރައިޡަތުވަންހައިގެ މީހުނާމެދު ތިޔަ ޙުކުމްކުރެއްވީ ހަތްއުޑުގެ މަތީން އަރަހުށި މާތް اللّــــه ނިޔާކުރައްވައިފައިވާގޮތާ އެއްގޮތަށެވެ." ކައުސާހިބާ صـلّـــــى اللّــــه عــلـيــــه وسـلّـــــم އެގޮތަށް ޙަދީސުކުރެއްވީ سعــد ގެފާނު ކުރެއްވި ޙުކުމަކީ މިފަދަ މީހުނާމެދު ތައުރާތުގައި ބާވައިލައްވައިފައިވާ ޙުކުމްފުޅާ އެއްގޮތް ޙުކުމްފުޅަކަށް ވާތީއެވެ. ތައުރާތުގެ ޑިއުޓަރޮނޮމީގެ ބާބު: 2 ގެ 10 ވަނަ އާޔަތުގައިވެއެވެ.

"ތިޔަބައިމީހުން ރަށަކާ ހަނގުރާމަޔަށް އެރަށެއްގެ ކައިރިޔަށް ހިނގައްޖެކަމުގައިވާނަމަ އެރަށުގެ މީހުންނަށް ޞުލްޙަޔަށް ދަޢުވަތުދޭށެވެ. އެރަށެއްގެ މީހުން ތިޔަބައިމީހުންނަށް ޞުލްޙަވެރިކަމުގެ އިޖާބުން އިޖާބަދީ ރަށުގެ ދޮރޯށިތައް ހުޅުވައިފިކަމުގައިވާނަމަ އެރަށުގެ އަހްލުވެރީންނަކީ ތިޔަބައިމީހުންނަށް ވާރުދޭ ތިޔަބައިމީހުންގެ ރައްޔިތުން ކަމުގައި ހަދާށެވެ. އެރަށުގެ މީހުން ތިޔަބައިމީހުނާ ޞުލްޙަނުވެ ތިޔަބައިމީހުނާ ހަނގުރާމަ ކޮށްފިކަމުގައިވާނަމަ އެރަށެއް ޙިޞާރުކުރާށެވެ. ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ އެރަށެއް ތިޔަބައިމީހުންގެ ބާރުގެދަށަށް ގެނެސްދެއްވައިފި ކަމުގައިވާނަމަ އެރަށެއްގެ މީހުން (ހަނގުރާމަވެރި ފިރިހެނުން) ޤަތުލުކުރާށެވެ. އަންހެނުންނާއި ކުޑަކުދީންނާއި ނަޢަމުސޫފިތަކާއި ރަށުގެ މުދާތައް ތިޔަބައިމީހުންގެ ޣަނީމާއެއްކަމުގައި ހަދާށެވެ. (ޑިއުޓޮރޮނޮމީ: ބާބު 2: އާޔަތް: 10)

(ނުނިމޭ)