ހައުސިން މިނިސްޓްރީ

އިވެންޓް މެނޭޖް ކުރަން އެއް ކުންފުންޏަށް އެއްމަސްތެރޭ ހައުސިން އިން 17 މިލިއަން ރުފިޔާ!

އިވެންޓް މެނޭޖް ކުރާ ކުންފުންޏެއް ކަމަށްވާ އޮޓޯ ކްރިއޭޓިވްސް އަށް އެއް މަސް ތެެރޭ 17 މިލިއަނަށް ވުރެ ގިނަ ފައިސާ ހައުސިން އިން ދީފައިވާ ކަމަށް ބުނާ ލިޔުމެއް މީސްމީޑިއާ ގައި މިއަދު ލީކުކޮށްލައިފި އެވެ. މި ފައިސާ ދޫކޮށްފައި ވަނީ ތަފާތު 18 އިންވޮއިސް އަކަށެވެ.

ލީކުކޮށްލައިފައިވާ ލިޔުމުން އެނގޭ ގޮތުގައި މިދިޔަ ސެޕްޓެމްބަރު މަހު ހައުސިން މިނިސްޓްރީން ބޭއްވި ހުރިހާ އިވެންޓެއް ކަހަލަ ގޮތަށް މެނޭޖް ކުރަން ހަވާލުކޮށްފައި ވަނީ އެއްކުންފުންޏަކާ އެވެ. އެއީ "އޮޓޯ ކްރިއޭޓިވް ކޮންސަލްޓިން އައުޓްސޯސިން މެނޭޖްމެންޓް" ނަމަކަށް ކިޔާ ކުންފުންޏެކެވެ.

ލީކުވެފައިވާ ލިޔުމުން އެނގޭ ގޮތުގައި ރިޔާސީ އިންތިޚާބުގެ ވަގުތީ ނަތީޖާ އިއުލާނުކުރި ފަހުން ވެސް ހައުސިން މިނިސްޓްރީން އެ ކުންފުންޏަށް ބޮޑެތި އަދަދު ތަކުން ފައިސާ ދޫކޮށްފައިވެ އެވެ. އެ ގޮތުން ސެޕްޓެމްބަރު 27 ގައި 13 އިންވޮއިސް އަކަށް ފައިސާދޫކޮށްފައިވެ އެވެ.

އެ ލިޔުމުން އެނގޭ ގޮތުގައި ބުރިޖު ހުޅުވުމާއި ބުރިޖު ފެސްޓިވަލް އިވެންޓާއި ބުރިޖު ކައިވެނި ހަފުލާ ވެސް ދީފައި ވަނީ އޮޓޯ ކުންފުންޏަށެވެ. އޭގެ ތެރެއިން ބުރިޖު ކައިވެނި އިވެންޓަށް 498200 ރުފިޔާ ދޫކޮށްފައިވާ އިރު ބުރިޖު ހުޅުވުމުގެ ރަސްމިޔާތަށް 1 މިލިއަން އަދި ބުރިޖު ފެސްޓިވަލަށް ވެސް މިލިއަނަކަށް ވުރެ ގިނައިން ދޫކޮށްފައިވެ އެވެ. ބުރިޖު ހުޅުވުމުގެ އިވެންޓަށް ފައިސާ ދޫކޮށްފައިވާ އިރު ބުރިޖު ހުޅުވުމަށް ކުލީ ތަކެތީގެ ގޮތުގައި ވަކީން ވެސް އެތައް ލައްކަ ރުފިޔާއެއްގެ އިންވޮއިސް އަށް ވަނީ ފައިސާ ދޫކޮށްފަ އެވެ.

ލީކުވެފައިވާ ލިޔުމުގެ ސައްހަކަން ވަނީ އަދި ކަށަވަރު ނުވެފަ އެވެ.