އިބްރާހީމް ރިފްއަތު

ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއް: އޭޖީ

މަރިޔަމް ޝަހުދާ

އޭނާގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކަކީ ދޮގު ތުހުމަތު ތަކެއް ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު ވިދާޅުވެއްޖެ އެވެ.

ރިފްއަތު މިއަދު ކުރެއްވި ޓުވީޓެއްގައި މިހެން ވިދާޅުވެފައިވަނީ އެމްޑީޕީގެ ކުރީގެ ނައިބު ރައީސް އަލްހާން ފަހުމީ އޭނާގެ މައްޗަށް ކޮށްފައިވާ ރިޝްވަތުގެ ތުހުމަތު ދޮގު ކުރައްވަމުން ކުރެއްވި ޓުވީޓެއްގައެވެ.

މިދިޔަ ބުރާސްފަތި ދުވަހު އަލްހާން ކުރެއްވި ޓުވީޓެއްގައި ވަނީ ރިފްއަތުގެ އިތުރުން ރައީސް އޮފީހުގެ ލީގަލް ޑައިރެކްޓަރު އަހުމަދު އަބްދުﷲ އަފީފް އަލްހާން ވަކާލާތުކޮށްދިން ދީބާޖާއިން ދެ މިލިއަން ރުފިޔާ ދިނުމަށް ޑިމާންޑްކޮށްފައިވާކަމަށް ވިދާޅުވެފައެވެ. އަލްހާން ވިދާޅުވީ ކޯޓުން ބޭރުން މައްސަލަ ނިންމުމަށް އެދި ރިފްއަތު ސުޕްރީމް ކޯޓުގައި އެދިވަޑައިގެންފައިވާކަމަށެވެ. އަދި އެކަން ހާމަވާ ސިޓީއެއް އަލްހާން ވަނީ އާންމުކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ރިފްއަތު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭނާގެ ކެރިއަރުގައި މިހާތަނަށް އެއްވެސް މީހެއްގެ ކިބައިން ރިޝްވަތަށް އެދިފައި ނުވާނެކަމަށެވެ، އަދި އަބަދުވެސް އޭނާގެ މަސައްކަތް އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް މަސައްކަތް ކުރައްވާކަމަށް ރިފްއަތު ވިދާޅުވިއެވެ. އޭނާއާ ދެކޮޅަށް އުފުލާފައިވާ ތުހުމަތުތައް ދޮގުކުރައްވައި ރިފްއަތު ވިދާޅުވީ ސަރުކާރު އޮފީސްތައް ކޮރަޕްޝަނުން ސަލާމަތް ކުރުމަށް މަސައްކަތް ކުރައްވާނެކަމަށެވެ.

މިދިޔަ އޭޕްރީލް މަހު ސުޕްރީމް ކޯޓުން ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑަށް ގެއްލުމުގެ ބަދަލުގެ ގޮތުގައި 348.10 މިލިއަން ރުފިޔާ ދޭން ދައުލަތުގެ މައްޗަށް ވަނީ ހުކުމް ކޮށްފައެވެ.