އުރީދޫގެ ހާއްސަ ދައުވަތަކަށް ރާއްޖެ އައި ފުޓްބޯޅަ ލެޖެންޑް ޖޭ-ޖޭ އޮކޯޗާގެ ދަތުރުގެ ފަހު އިވެންޓެއްގެ ގޮތުގައި އިއްޔެ ގައުމީ ދަނޑުގައި ހާއްސަ ފުޓްސަލް މެޗެއް ކުޅެފިއެވެ.
ނައިޖީރިއާގެ ފުޓްބޯޅަ ލެޖެންޑް އޮކޯޗާއަކީ ޕީއެސްޖީގެ އިތުރުން އެފްރިކާގެވެސް އެންމެ ލެޖެންޑަރީ އެއް ކުޅުންތެރިޔާއެވެ. ހުނަރުން ފުރިގެންވާ އޮކޯޗާ އިއްޔެ މެޗުގައި ކުޅެފައިވަނީ ރާއްޖޭގެ ތާރީހު ދުށް އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) އާއި އެހެން ބައެއް ކުޅިވަރު މޫނުތައް ހިމެނޭ ޓީމެއްގައެވެ.
އޭގެ ތެރޭގައި އުރީދޫގެ ސީއީއޯ ހާލިދު އަލް-ހަމަދީއާއި ރާއްޖޭގެ ނައިބު ރައީސް އަލް އުސްތާޒު ހުސައިން މުހައްމަދު ލަތީފް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުވެސް ފާހަގަކޮށްލެވުނެވެ. އަދި އުރީދޫގެ އެމްބެސެޑާ މާޒިޔާގެ އިސް ވެރިންވެސް އެ ޓީމުގައި ހިމެނުމުގެ އިތުރުން "ފުޓްސަލް ވިތު އޮކޯޗާ"ގެ ނަމުގައި އުރީދޫން ކުރިއަށް ގެންދިޔަ ލަކީ ޑްރޯއިން ފުރުސަތު ލިބުނު ބައިވެރިވެސް އިއްޔެ ކުޅެފައިވެއެވެ.
ލެޖެންޑުންގެ އެ ޓީމާ ދެކޮޅަށް ނުކުމެފައި ވަނީ ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް ކްލަބުގެ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ގައުމީ ޓީމުގެ ކެޕްޓަން ސަމޫހު އަލީއާއި އަލީ ފާސިރު (ސެންޓޭ) ހަމްޒާ މުހައްމަދު (ހަމްޕު) އަދި ނާއިޒް ހަސަން (ދާދު) ވެސް ފާހަގަކޮށްލެވުނެވެ.
އިއްޔެގެ މެޗު 7-5 ގެ ނަތީޖާއަކުން މާޒިޔާ ޓީމުން ކާމިޔާބުކުރި އިރު، މެޗުގެ ކުރިން ފުޓުބޯޅަ އާއިލާގެ އެކިއެކި ފަރާތްތަކާ އޮކޯޗާއާ ބައްދަލުކުރުމަށް ފުރުސަތު ދީ "މީޓް އެންޑް ގްރީޓް" އިވެންޓެއް އުރީދޫން ވަނީ އިންތިޒާމުކޮށްފައެވެ.
އޮކޯޗާ ރާއްޖެއަށް ކުރި ދަތުރުގައި އެކިއެކި އިވެންޓުތައް ކުރިއަށް ގެންގޮސްފައިވެއެވެ. އެގޮތުން ލ. އަތޮޅުގައި ބޭއްވި އުރީދޫ ފަން ރަން ލާމު އެޑިޝަންގައި ދުވެ، ލ. އަތޮޅުގެ އާސާރީ ތަންތަނާއި ޕަރީ ފެންގަނޑަށްވެސް ޒިޔާރަތް ކުރިއެވެ. އަދި އޭގެ ކުރިން މާލޭގައި، ޕީއެސްޖީ އެކަޑެމީގެ ހާއްސަ ކޯޗިން ކްލިނިކެއްގައިވެސް ބައިވެރިވެފައިވެއެވެ.
ކޯޗިން ކްލިނިކުގައި ޕީއެސްޖީ އެކަޑެމީގެ ފުންނާބު އުސް ކޯޗުން ބައިވެރިވި އިރު، އެ ކޯޗުން ވަނީ ރާއްޖޭގެ ކޯޗުންގެ ތަޖުރިބާތައް އަޑުއަހާ ހިޔާލުވެސް ބަދަލުކޮށްފައެވެ. އިވެންޓުގެ ތެރެއިން އޮކޯޗާ ވަނީ ރާއްޖޭގެ ޒުވާން ޖީލަށް ހާއްސަ މެސެޖެއްވެސް ދީފައެވެ.
"އަންނަން އޮތް ޖީލަށް، ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅެން ބޭނުންވާ ކުދިންނަށް ބުނެލަން ބޭނުންވަނީ ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސަށް އިތުބާރު ކުރާށޭ. ދެން ބުރަ މަސައްކަތް ކުރާށޭ. އެއްވެސް ދަތުރެއް އެއީ ފަސޭހަ ދަތުރެއް ނޫނޭ. އަބަދުވެސް ޕްރޮސެސްއަކީ އުނދަގޫ ޕްރޮސެސްއެއް،" އޮކޯޗޯ މިދިޔަ ބުރާސްފަތި ދުވަހުގެ ކޯޗިން ކްލިނިކަށްފަހު ބުންޏެވެ.
އޭގެ އިތުރުން އޭނާ ބުނީ އުންމީދު ކަނޑާނުލާ މަސައްކަތް ކުރުމަށެވެ. އަދި ފުޓުބޯޅައަށް ލޯބިކޮށް ކުރާ މަސައްކަތް އަބަދުވެސް ކާމިޔާބުވާނެ ކަމަށް އޮކޯޗާ ބުންޏެވެ.
"މީހުންނަށް ފެންނާނީ ކާމިޔާބުވީމަ، އެ ކާމިޔާބު މީހާ. އެ މީހުންނަކަށް ނުފެންނާނެ. އެހެންވީމަ އިތުބާރާއެކު ބުރަ މަސްކަތްކޮށް، އެއްވެސް ހާލެއްގައި އުންމީދު ކަނޑާނުލާންވީ. އުނދަގޫ ދުވަސްތައް އައި ނަމަވެސް، އެ ކުރެވޭ މަސައްކަތުން ކާމިޔާބުވީމަ، އެ ވޯތުވާނެ. އެއީ ދޭން ބޭނުންވާ ނަސޭހަތަކީ. ފުޓުބޯޅަ ދެކެ ލޯބިވާންވީ. އޭރުން ކާމިޔާބު އަންނާނެ ފަހަތުން،" ނަސޭހަތެއްގެ ގޮތުގައި އުރީދޫ ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖުގައި އޭނާ ބުންޏެވެ.
އުރީދޫން ކުރިއަށް ގެންދިޔަ ހާއްސަ ހުރިހާ އިވެންޓްތަކަކަށްވެސް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިވެއެވެ. ގިނަ ބަޔަކު ޝާމިލްވެސް، އުފާވެރި ވަގުތުތަކެއް އޮކޯޗާއާއެކު ހޭދަކުރެވުމުގެ އިތުރުން، އިވެންޓްތަކުގެ ސަބަބުން ޔޫރަޕަށް ރާއްޖޭ އިތުރަށް އިޝްތިހާރު ކުރުމަށްވެސް ހާއްސަ ފުރުސަތެއް ފަހިވެގެން ގޮސްފައިވެއެވެ. އެގޮތުން އޮކޯޗާގެ ދަތުރުގެ އަދާހަމަ ޕީއެސްޖީގެ ސޯޝަލް މީޑިއާއިންވެސް ދިޔައީ ހިއްސާކުރަމުންނެވެ.